ބަނގުރާ ނެޓްވޯކް: ރިޝްވާންގެ ފަަރާތުން ބުނީ ޖިނާއީ ކުޑަ މައްސަލައެއްގައި އެކަށީގެންވާ ބަންދު މުއްދަތެއް ހޭދަކޮށްފައިވާ ކަމަށް

ރިޝްވާން: އޭނާގެ ފަަރާތުން ބުނީ ޖިނާއީ ކުޑަ މައްސަލައެއްގައި އެކަށީގެންވާ ބަންދު މުއްދަތެއް ހޭދަކޮށްފައިވާ ކަމަށް -- ފޮޓޯ/ ފުލުހުން

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކާ ނެޓްވޯކެއްގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މުޙައްމަދު ރިޝްވާން ޢައްބާސްގެ ދިފާއުން، އޭނާ އެކަށީގެންވާ ބަންދު މުއްދަތެއް ހޭދަކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއް އަތުލައިގަތުމުގެ އޮޕަރޭޝަނެއް ފުލުހުން މިދިޔަ މަހުގެ 11ވަނަ ދުވަހުގެ ރޭ ފަށައި، ޖެހިގެން އައި ދުވަހުގެ ހެނދުނު ވެސް ކުރިއަށްގެންދިޔައެވެ. އެ އޮޕަރޭޝަނުގައި ހ. މާދޫގޭގެ ފުރަތަމަ އަދި ފަސް ވަނަ ފަންގިފިލާއިން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ތިން ބިދޭސީން ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު ހާމަކުރިއެވެ.

ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 14ގައި އެ މީހުންގެ މުއްދަތު ޖެހިއިރު، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދިވެއްސަކު ވެސް ހިމެނުނެވެ. އެގޮތުން މުއްދަތު ޖަހައިފައިވަނީ، 53 އަހަރުގެ ރަޝްވާނަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ބޭނުންކޮށް ގެންގުޅެ އެ ތަކެތިން ވިޔަފާރިކުރުމުގެ ތުހުމަތުގައެވެ.

ފުލުހުން ހޯދި ބަނގުރާ ފުޅިތައް: މައްސަލައިގައި ހައްޔަރުކުރި ރަޝްވާންގެ މުއްދަތު ވަނީ އިތުރުކޮށްފައި -- ފޮޓޯ/ ފުލުހުން

އޭރު އޭނާގެ ކޯޓު އަމުރުގައި ވަނީ އެ މައްސަލައިގައި ހުއްޓުވި ދެ މީހަކު ދިން މައުލޫމާތާ ގުޅިގެން އޭނާއާ ގުޅުންހުރި ތަންތަން ބަލައި ފާސްކޮށް، 800 އަށްވުރެ ގިނަ ބަނގުރާ ކަމަށް ބެލެވޭ ފުޅިތަކެއް ފެނިފައިވާ ކަމަށް އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ފާހަގަކުރެއްވި ކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި ބަނގުރާ ވިއްކާކަމަށް ތުހުމަތުކޮށް ހުއްޓުވި ދެ މީހުންނަކީ އޭނާގެ ދެ މުވައްޒަފުން ކަމަށާއި އޭނާ ބުނެގެން ކުރާ ކަމެއް ކަމަށް އެ ދެ މީހުން ބުނެފައިވާ ކަމަށް، އައިއޯ ވިދާޅުވި ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

ކޯޓު އަމުރުގައި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރުކުރާ ކަމަށާއި އެ ތަން ބަލައި ފާސްކޮށްފައިވަނީ އޭނާއާއި އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއްގެ ހާޒިރުގައި ނޫންކަމަށް ވެސް ބުނެފައިވެއެވެ. އޭރު އޭނާގެ ފަރާތުން ކަފާލާތުގެ ދަށުން ދޫކޮށްލަން އެދުނު ނަމަވެސް، ކޯޓުން ވަނީ އޭނާ ދޫކުރެވެން ނެތް ކަމަށް ނިންމައިފައެވެ.

https://sun.mv/229115

އޭނާގެ ބަންދަށް ކޯޓުން އޭރު 15 ދުވަސް ޖެހިއެވެ. އެއަށްފަހު އޭނާގެ ބަންދަށް މިދިޔަ މަހުގެ 29ގައި ޖެހި 15 ދުވަސް ހަމަވުމުން، އަނެއްކާ އިއްޔެ ވެސް ކްރިމިނަލް ކޯޓަށް ހާޒިރުކުރިއެވެ.

އިއްޔެގެ ކޯޓު އަމުރުގައި ވަނީ، ބިދޭސީން ނިވާފަތްގަނޑަކަށް ހަދައިގެން، އިންތިޒާމީ ގޮތެއްގައި ބަނގުރާ ވިއްކުމުގައި އިސްކޮށް ހަރަކާތްތެރިވީ ރަޝްވާން ކަމަށް ތުހުމަތުވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި ކަމަށެވެ. އަދި ދިފާއީ ވަކީލު ވިދާޅުވި ކަމަށް އަމުރުގައި ވަނީ، މައްސަލައަކީ ޖިނާއީ ކުޑަ މައްސަލައެއް ކަމަށާއި އެކަށީގެންވާ މުއްދަތެއް މިހާރު ވެސް ބަންދުގައި ހުރެފައިވާ ކަމަށެވެ. ނަމަވެސް އޭނާ ބަންދުން ދޫކޮށްލަން އެދިފައިވާ ކަމަށް ކޯޓު އަމުރުގައި ހާމަކޮށްފައިނުވެއެވެ.

ކްރިމިނަލް ކޯޓުން ވަނީ ރަޝްވާން ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނިންމައި، އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފައެވެ. އެ މުއްދަތު ހަމަވާނީ މި މަހުގެ 28 ވަނަ ދުވަހަށެވެ.

comment ކޮމެންޓް