ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓާ ކަމަށްވާ ޕެންޝަން ފަންޑުގައި ހުރި މިންވަރު މި އަހަރު 30 ބިލިއަން ރުފިޔާ ފަހަނައަޅައިފައިވާ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ތޭރަވަނަ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ހުޅުވުމުގެ ގޮތުން ދެއްވި ތަގްރީރުގައި ޔަޒްމީދު ވަނީ ޕެންޝަން ފަންޑުގެ ދިގު މުއްދަތުގެ ކުރިއެރުމާއި މެންބަރުންގެ ރިޓަޔާމަންޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ގައުމުގެ އިގްތިސާދުގެ ވިލުންވެރިކަން ވަރުގަދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވާފައެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޕެންޝަން އޮފީހުގެ ޑޭޓާ ޕޯޓަލްގައި ޝާއިއުކޮށްފައިވާ، ނިމުނު ސެޕްޓެމްބަރު މަހުގެ 30ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަންޑުގެ ދަށުން މެނޭޖްކުރާ ޖުމްލަ އެސެޓްސްގެ އަގަކީ މިހާރު 30.3 ބިލިއަން ރުފިޔާއެވެ. އަދި ރާއްޖޭގެ ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި 204,549 މީހުން ބައިވެރިވެފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"މިއަދު އަހަރެމެން ނިންމާ ނިންމުންތަކުން ސީދާ ކަނޑައަޅާނީ ދުރު މުސްތަގުބަލުގައި އަހަރެމެންގެ މެމްބަރުންނާއި ޕެންޝަނަރުންގެ މާލީ ރައްކާތެރިކަން،" ޔަޒްމީދު ވިދާޅުވިއެވެ.
އޭނާ ވަނީ ޕެންޝަން އޮފީހުން އެންމެ އިސްކަމެއް ދެނީ ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް ސިންދަފާތުކޮށް، އެންމެ ފައިދާހުރި ގޮތުގައި ޕޯޓްފޯލިއޯ އެކުލަވައިލުމާއެކު ދުރުރާސްތާގެ ވިލުންވެރިކަން ކަށަވަރުކުރުން ކަމަށް ވިދާޅުވެފައެވެ. އަދި އީއެސްޖީ މިންގަނޑުތަކަށް ފެތޭ މަޝްރޫއުތަކާއި، ކްލައިމެޓް ފައިނޭންސިންއަށް މަގުފަހިވާނެ އައު ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ކޮންމެ އިންވެސްޓްމަންޓަކީވެސް ހަރުދަނާ ހިންގުމުގެ ނިޒާމެއްގެ ތެރެއިން، ހިރާސްތައް ވަޒަންކުރެވިފައިވާ، އަދި މާލީ ގޮތުން ފައިދާހުރި ކަމެއްކަން ސާބިތުވާ އިންވެސްޓްމަންޓަކަށް ވާންޖެހޭނެ. އަދި އެންމެ ބޮޑު އިސްކަމެއް ދޭނީ ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި މާލީ ފައިދާ އެކުލެވިގެންވާ ފަންޑަށް ދިގުމުއްދަތުގެ ނަފާ ލިބޭނެ ފުރުސަތުތައް ދެނެގަތުމަށް.
ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދު
މީގެ އިތުރުން ރާއްޖެއިން ދެމެހެއްޓެނިވި މާލީ ދާއިރާގައި ކުރިއެރުންތަކެއް ހޯދަމުންދާކަން ފާހަގަކުރައްވައި ގައުމީ ފައިނޭންސިން ސްޓްރެޓެޖީތަކާއި މޫސުމީ ނުރައްކާތައް ވަޒަންކުރުމާއި، ތިމާވެއްޓާ ގުޅޭ ރިޕޯޓިން އުސޫލުތަކާއި، ބައިނަލްއަގުވާމީ މޫސުމީ ފަންޑުތަކަށް މަގުފަހިވެފައިވާ މާހައުލެއް ގާއިމްކުރުމަށް ކުރާ މަސައްކަތްތައް ޔަޒްމީދު ވަނީ ފާހަގަކުރައްވާފައެވެ.
ތޭރަ ވަނަ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ މަގްސަދަކީ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގައި ގްރީން ފައިނޭންސް ކުރިއެރުވުމަށް ހުރި ހުރަސްތަކާއި، އަމަލީ ހައްލުތަކުގެ އިތުރުން ބޭނުންކުރެވިދާނެ މާލީ ވަސީލަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
މި އަހަރުގެ ފޯރަމްގެ މައުޟޫއަކީ ގްރީން ފައިނޭންސް، ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓާއި މާލީ ރައްކާތެރިކަމެވެ. ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ފޯރަމަކީ ދެމެހެއްޓެނިވި މާލީ ނިޒާމެއް ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މާލީ އިދާރާތަކާއި، ރެގިއުލޭޓަރުން އަދި ތަރައްގީގެ ބައިވެރިން އެއް ފުރާޅެއްގެ ދަށުގައި މަޝްވަރާކޮށް އަމަލީ ގޮތުން ކުރެވޭނެ ކަންކަން ދެނެގަތުމަށް ބާއްވާ ބައްދަލުވުމެކެވެ.