ސަން ސިޔާމް މީޑިއާ އިންވިޓޭޝަނަލް ކަޕަށް ބޮޑު ތަރުހީބެއް: ބައިވެރިވި ޓީމުތަކުގެ އަދަދު 10 އަށް!

ސަން ސިޔާމް މީޑިއާ އިންވިޓޭޝަނަލް ކަޕް 2026 ގެ ލޯގޯ އަދި ޓްރޮފީ--

ސަން ސިޔާމް މީޑިއާއިން މުޅިން އަލަށް ތައާރަފުކުރާ "ސަން ސިޔާމް މީޑިއާ އިންވިޓޭޝަނަލް ފުޓްސަލް ކަޕް" އަށް މީޑިއާތަކުން ލިބެމުންދާ ބޮޑު ތަރުހީބާއި ޑިމާންޑާއެކު މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 10 އަށް އަރައިފިއެވެ.

މުބާރާތުގައި ކުރިން ބައިވެރިވުމަށް ހަމަޖެހިފައި އޮތީ 8 ޓީމަށެވެ. ނަމަވެސް، އިތުރު މީޑިއާ އިދާރާތަކުން މުބާރާތުގައި ވާދަކުރުމަށް އެދެމުންދާތީ، ޓީމުތަކުގެ ޖާގަ 10 އަށް ވަނީ އިތުރުކޮށްފައެވެ.

އެގޮތުން އަލަށް އިތުރުވި މީޑިއާތަކާއެކު މި މުބާރާތުގައި ޖުމްލަ 10 މީޑިއާ ޓީމެއް ވާދަކުރާނެއެވެ. އެއީ

  • ޕީއެސްއެމް،
  • ގާފު މީޑިއާ ގްރޫޕް،
  • އައިސް ނެޓްވޯކް،
  • އެމްއެމްޓީވީ،
  • އެސްއެސްޓީވީ،
  • ވީޓީވީ،
  • މެންދުރު ޓީވީ
  • ޗެނަލް 13
  • އަދަދު
  • މިހާރު

މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެން ގޮސްފައިވަނީ ސްޕޮންސަރުންގެ އަދަދު ވެސް އިތުރުވެ، ވަރުގަދަ ޕާޓްނަރުންތަކެއް މި ކުޅިވަރު އީދާ ގުޅިފައިވާތީއެވެ. މެއިން ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ އެސްއެމްއީ ޑިޖިޓަލްގެ އިތުރުން، ދަ ވެންލިން ގްރޫޕެވެ.

މީގެއިތުރުން، ސަޕޯޓިން ސްޕޮންސަރުގެ ގޮތުގައި ދަ ހޯކްސް، އޮފިޝަލް ބޯލް ޕާޓްނަރަކަށް މާކީ އެމްވީ، އޮފިޝަލް ބެވަރޭޖް ޕާޓްނަރަކަށް ރެޑް ބުލް، އަދި ޖާޒީ ޕާޓްނަރަކަށް އައިލެންޑް އެޕެރަލްސް ވަނީ ހަމަޖައްސާފައެވެ.

ސަން ސިޔާމް މީޑިއާގެ ސީނިއާ ސޭލްސް މެނޭޖަރު އަބްދުﷲ ފައިސަލް ވިދާޅުވީ މީޑިއާތަކުގެ މެދުގައި މުބާރާތުގެ ފޯރި ގަދަވެފައިވާ ކަމަށާއި މީޑީއާތަކުން ދެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމަށެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރިގަދަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 21 އިން 23 އަށް މާލޭގައެވެ.

މުބާރާތުގެ ވާދަވެރިކަން އިތުރަށް ބޮޑުވެގެންދާ އެންމެ ޚާއްސަ ސަބަބަކީ ޗެމްޕިއަން ޓީމަށް ލިބިގެންދާ އަގުހުރި ފުރުސަތެވެ. ސަން ސިޔާމް މީޑިއާ އިންވިޓޭޝަނަލް ކަޕު 2027 ގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ރާއްޖޭގެ އެންމެ ޝަރަފުވެރި އެއް ފުޓްސަލް މުބާރާތް ކަމަށްވާ "ކްލަބް މޯލްޑިވްސް ކިންގްސް ކަޕް 2027" އިން ސީދާ ޖާގައެއް ކަށަވަރުވެގެންދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު