ބަންގްލަދޭޝްގެ ހިތްތައް ކުދިކުދިކޮށްލުމަށްފަހު ޕާކިސްތާން ތާރީޚީ ފައިނަލަކަށް

ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގައި ޕާކިސްތާނު އަތުން ކެޓުމާއެކު ބަންގްލަދޭޝްގެ ކުޅުންތެރިން ހިތާމަކުރަނީ--

ސާފް ޗެމްޕިއަންޝިޕް 2026 ގެ ހޯސްޓް ބަންގްލަދޭޝް 1-0 ގެ ނަތީޖާއަކުން ބަލިކޮށް ޕާކިސްތާނުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޑާކާގެ ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި، ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ސެމީ ފައިނަލް މެޗު ކާމިޔާބުކޮށް ޕާކިސްތާނުން ފައިނަލުގެ ޖާގަ ހޯދީ މެޗުގެ 85 ވަނަ މިނެޓުގައި އަބްދުލް އަރްޝަދު ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑުންނެވެ.

މި ލަނޑު އޭނާ ޖެހީ އޭނާ ބަންގްލަދޭޝްގެ ގޯލްކީޕަރު މެހްދީ ހަސަން ސްރަބޮން އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، އޭރިއާ ތެރެއިން ގޯލުގެ ކައިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

މި މެޗަށް ދެ ޓީމުވެސް ނުކުތީ ޔޫރަޕާއި އެމެރިކާގެ ކުލަބުތަކަށް ކުޅޭ ކުޅުންތެރިންނާއެކު އެވެ. އެގޮތުން ޕާކިސްތާނުގެ ކެޕްޓަން އަބްދުﷲ އިގްބާލާއި، ކުރިން އެސްޓަން ވިލާގެ ސްކޮޑުގައި ހިމެނުނު އީސާ ސުލައިމާނުގެ އިތުރުން، އިނގިރޭސިވިލާތުގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅުނު އާދިލް ނަބީ ފަދަ ކުޅުންތެރިން ފުރަތަމަ 11 ގައި ހިމެނިގެން މޮޅު ކުޅުމެއް ދެއްކިއެވެ.

ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، ބަންގްލަދޭޝްގެ ރާކިބް ހުސެއިން ފޮނުވާލި ހަމަލާއެއް ޕާކިސްތާންގެ ކީޕަރު ޔޫސުފް ބަޓް އަތުގައި ޖެހިފައި ގޯލުގެ ދަނޑިއަށް އަމާޒުވިއެވެ. އަދި ޕާކިސްތާނުގެ އަރްޝަދުގެ ނުރައްކާތެރި ޝޮޓެއްވެސް ވަނީ ދަނޑީގައި ޖެހިފައެވެ.

މުބާރާތް ހޯސްޓްކުރާ ބަންގްލަދޭޝްއިން 23 އަހަރަށްފަހު ފައިނަލަށް ދިއުމަށް ކުރި މަސައްކަތް ފެނަށް މި ދިޔައީ ހިތްދަތިގޮތަކަށެވެ. މިއީ ބަންގްލަދޭޝް މި މުބާރާތް ހޯސްޓްކުރި ހަތަރުވަނަ ފަހަރެވެ. ބަންގްލަދޭޝް ވަނީ 2003 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މި މެޗުން މޮޅުވެ ފައިނަލަށް ދިޔަ ޕާކިސްތާނު އަންގާރަ ދުވަހު ކުޅޭ ފައިނަލުގައި ބައްދަލުކުރާނީ، ޖެހިޖެހިގެން 10 ވަނަ ފަހަރަށް ފައިނަލުގައި ކުޅޭ އިންޑިއާއާ އެވެ. މިއީ މި އަހަރު ތެރޭ ޕާކިސްތާނުން ކުޅޭ ދެވަނަ ފައިނަލެވެ.

ޕާކިސްތާން ވަނީ މީގެކުރިން ރާއްޖޭގެ ފުޓްބޯޅައިގެ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

comment ކޮމެންޓް