"ބޮޑު ހިތާމައެއްގައި އުޅުމަކީ ދެ ހަޔާތެއް ވޭތުކުރުންފަދަ ކަމެކެވެ. ބައެއްފަހަރު ހާލަތު ރަަގަޅުކަމަށް ދައްކައިގެން ހުންނަން ޖެހިދެއެވެ. އަނެއް ބައިފަހަރު ވޭނަށް ކެތްނުވެގެން ހިތް ހިމޭންކަމާއެކު ހަޅޭއްލަވައިގަނެއެވެ."
***
"އަލާޔާ އަންޓީގެ ވާހަކަ ދެއްކުން މަނާ......ކީއްވެ މަންމާ؟"
"ބައެއް ކަންކަމަކީ އެގޮތަށް އެކަނި ދޫކޮށްލުން މާ ރަނގަޅު ކަންކަން." ނައިލާ ޖަވާބުދިނުމުގެ ކުރިން ކުޑަކޮށް ވިސްނާލިއެވެ.
ރާހާ ބުމަގާތްކޮށްލިއެވެ. އެ ޖަވާބުން އޭނާ ހިތްހަމައެއް ނުޖެހުނެވެ." އަލާޔާ އާންޓީވެސް ވަރަށް ރަނގަޅު..ވާހަކަވެސް ކިޔައިދޭ....."
"އޭނާ އަހަރެމެންނަށް އޭނާގެ ތަކެއްޗާއި ކުޅެންވެސް ދޭ....."ސާރާވެސް އެއްބައިވެލިއެވެ.
ނާއިލާ އެ ދެކުދިންގެ މޫނަށް ވަކިވަކިން ބަލައިލިއެވެ. އެހާ ކުޑަދެކުދިންގެ ހިތުގައިވެސް ޝުކުރުވެރިވުމާއި އިހުސާންތެރިކަންފަދަ ޖަޒުބާތުތައް އުފެދުމަކީވެސް ފިތުރީކަމެއް ތާއެވެ. އަދި އެ ތުއްތު ސިިކުނޑިތަކުގައި އުފާވެރި ހަނދާންތަކެއް ރައްކާކުރެވިފައިވިއެވެ. އޭނަ ސާރާގެ ރަޖާގަނޑު ރަގަޅުކޮށްލަދެމުން ކޯތާފަތުގައި ފިރުމައިލިއެވެ. ރާހާ ގެނެސް ގައިގާ ޖައްސާ ބާރުކޮށްލެވުނެވެ. ކުޑަ ވަގުތުކޮޅަކަށް، އޭނާ ބުނާނެ އެއްޗެއް ނޭނގިފައި ހުރިހެން ހީވިއެވެ.
"އަލާޔާ ތިޔަ ދެކުދިންދެކެ ވަރަށް ލޯބިވި....މަންމައަށްވެސް އެކަން އެނގޭ...." އެންމެ ފަހުން އޭނާ ޖަވާބުދިނެވެ.
"އެހެންވިއްޔާ އަލާޔާ ދައްތަ މިގެއިން ދިޔައީ ކީއްވެ؟" ރާހާ ތުން ފިތައިލިއެވެ.
"އޭނާ ގަސްތުގައި ހަމަ އެހެން ދިޔައީއެއްނޫން.. ސްވީޓްހާޓް..." އޭނަ ރާހާގެ މޫނަށް ބަލައިލިއެވެ.
"އެކަމަކު އޭނާ މިހާރު މިގެއަށް ނާދެ އެއްނު"
"އާނ...."
"ސިފްރާން ބޭބެ އޭނައާއިވެސް ރޫޑްކޮށް ވާހަކަދެއްކީމަތަ؟"
"ކާކު ބުނި އެއްޗެއް ތީ؟" ނާއިލާ ސިހޭގޮތްވިއެވެ.
"އެއްވެސް މީހަކު ބުނެގެނެއްނޫން.....އެކަން ވިސްނުނީ...." ރާހާ ކޮނޑު އަރުވާލިއެވެ. "ސިފްރާން ބޭބެ މިލްހާއާއިވެސް ވާހަކަދައްކަނީ ބޭޑްކޮށް...ދުވަހަކުވެސް މިލްހާއަަށް ސްމައިލް އެއްވެސް ނުދޭ..ވަރަށް ރޫޑް..އަހަރެމެންދެެކެވެސް ލޯތްބެއް ނުވޭ..އަބަދު ރުޅިގަދަވެފައި ހެން ހީވޭ.."
"ހުއްޓާލާ ދަރިފުޅު......" އޭނާގެ އަޑުގައި މާ ބޮޑު ހަރުކަށިކަމެއް ނެތަސް ތަންކޮޅެއް ބާރަށް ބުނެވުނެވެ. "ބޮޑެތި މީހުންގެ ކަންކަމާ ބެހޭގޮތުން ކުޑަކުދިން ވާހަކަދައްކާކަށް ނުވާނެ....." އެކުދިން އުފަންވިދުވަހު ސިފްރާން އުފާވި މިންވަރު އޭނަ ހަނދާނެއް ނުނެތެއެވެ. އެ ދެކުދިން އުރާލައިގެން އުޅެން އޭނާ އަބަދުވެސް ބޭނުންވިއެވެ. ރާހާމެން ތުއްތު ދުވަސްވަރުގެ އެފަދަ ހަނދާންތަކެއް ނުހުންނާނެއެވެ. ސިފްރާނު ނޫން ކޮންމެފަދަ އިންސާނަކަށްވެސް އެޖެހުނު މުސީބާތްތަކާއިއެކު ބޮޑު ބަދަލު އަންނާނެއެވެ.
"މިލްހާއާއި އަލާޔާ ހާދަ ވައްތަރޭ.....ޓްވިންސްތަ؟" ރާހާ ޔަގީންކޮށްލަން ބޭނުންވިއެވެ.
"ދަރިފުޅު އެހެން ހިތަށް އެރީ ކީއްވެ؟"
"މިލްހާ ހީލަނީ ހަމަ އެހެން...އަލާޔާގެ އިސްތަށިގަނޑު ތަފާތު.....ތަންކޮޅެއް ދިގު....ބޭރަށް ނުކުތުމުން އިރުގެ އަލީގައި އިސްތަށިގަނޑު އޮރެންޖު ކުލައިގައި. އަލިފާނުގެ ކުލަ......"ރާހާ އަތުގެ ހަރަކާތްތަކާއެކު ފޯރިއާއެކު ވާހަކަދައްކަން ފެށިއެވެ. "މިލްހާގެ އިސްތަށިގަނޑު މާ ކަޅު......"
"އަލާޔާގެ އިސްތަށިގަނޑު މާ ރީތިދޯ....."ރާހާ ސާރާއަށް ގޮވައިލިއެވެ. އޭނައާއި އެއްބައިވާނެކަމުގެ އުއްމީދާއިއެކުގައެވެ. ސާރާއޮތީ ނިދާމަރުވެފައެވެ.
"އަލާޔާ ވަރަށް އުފާވާނެކަން ޔަގީން ދަރިފުޅު ތިހެން ވިސްނިކަން އެނގުނުނަމަ...ދެން އަވަހަށް ލޯ މަރާލައިގެން ނިދަން އުޅެންވީ..."ނާއިލާ ރާހާ އުފުލާލައިގެންގޮސް އެނދުގައި ބާއްވާފައި ރަޖާގަނޑު ރީތިކޮށް އަޅާލަދިނެވެ. ދެކުދިންގެ ނިތްކުރިއަށް ބޮސްދިނެވެ. ރާހާ އެދުނީ ނިދާއިރު ކިޔާ ދުޢާތައް ކިޔާދިނުމަށެވެ. މަންމަ އިތުރު ސުވާލުތަކަށް ޖަވާބުދޭން ބޭނުންނުވާކަން އެންމެ ފަހުން ވިސްނުމުން އެކުއްޖާ ލޯ މަރައިލިއެވެ. ނާއިލާ އިރުކޮޅެއްވާންދެން އެތާ އިނެވެ. ދެކުދިންގެ ނޭވާލުން މަޑުމަޑުން އެއްވަރުވަމުންދާ އަޑު އަހަން އިނެވެ.
އޭނާ ތެދުވެ އެނދު ކައިރީގައި ހުރި ބައްތި ނިއްވާލުމަށްފަހު މަޑުމަޑުން ދޮރު ލައްޕާލިއެވެ.
ބައެއް ހަނދާންތައް ވަޅުލެވިފައި ބޭއްވުން މާ ރަނގަޅުކަމަށް އޭނާއަށް ގަބޫލުކުރެވެއެވެ. މާޒީއަށް ފީނައިގެން ލިބޭނީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟ މާޒީއަށް ފަސްއަޅާ ފޮރުވައިލުމަށްފަހު ކުރިމަގާއިމެދު ވިސްނުމުން ހިތަށް ލިބޭ ވޭން ކުޑަވާނެއެވެ.
***
މިލްހާ ފަތިސް ނަމާދުކޮށްލުމަށްފަހު ޒިކުރާއި ގުރުއާން އަދި ދުޢާތަކުން ދުވަސް ފެށިއެވެ. އޭނައަށް ފަހުން އޮތީ ކޮންކަންތައް ގަނޑެއްކަން ނޭގުނަސް ދިމާވާ ކޮންމެ ކަމަކާއި ހަގުރާމަކުރަން އަތުކުރި އޮޅައިލިއެވެ. އޭނަ ހިތްވަރު ހޯދާނީ ﷲގެ ހަޟުރަތުންނެވެ. ﷲއަށް ވަކީލުކުރާނެއެވެ. ހުރިހާ މައްސަލަތަކެއް އޭނަ އެފަރާތާއި ހަވާލުކޮށްލިއެވެ. ސިކުނޑިއަށް ލުއި ލިބޭނެކަމަށް ޝޭޚު ދަސްކޮށްދެއްވާފައިވަނީ އެހެންނެވެ. ކައިވެނި، ވަޒީފާ، ދަރިން، ބޮޑެތި ބަލިތައްފަދަ ކަންތައްތަކަކީވެސް އިމްތިހާނުތަކެވެ.
އޭނަ މުސްހަފް މޭޒުމަތީގައި ބޭއްވުމަށްފަހު ކުޑަދޮރުން ބޭރަށް ބަލައިލިއިރު ދުންފިނިން އެއްވެސް ތަނެއް ނުފެނެއެވެ. އޭނަގެ ދިރިއުޅުންފަދައިން ފުސްގަނޑެއްހެންނެވެ. ނަމަވެސް ކޮންމެވެސް އިރަކުން އެވެސް ލޯމަތިން ކެހިގެންދާނެއެވެ. އުއްމީދުކުރަންވާނީ ރަގަޅަށެވެ.
ނާސްތާއަށްފަހު މިލްހާ ލައިބްރަރީއާއި ދިމާލަށް ހިނގައިގަތެވެ. ރޭ އޭނާއަށް ފުރިހަމަ ނިންޖެއްނުލިބުނެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު އަލާޔާގެ ނަމާއި ސޫރަ ސިކުނޑީގައި ސިފަވާހެން ހީވިއެވެ.
މިލްހާ ލައިބްރަރީއަށް ވަންގޮތަށް ސީދާ މިސްރާބުޖެހީ ބަގީޗާކުރުމުގެ ފޮތްތައް ފެނުނު ހަރުގަނޑުތަކާ ދިމާލަށެވެ. އޭނާ އެ ފޮތް ނަގައި ރީނދޫވެފައިވާ ސަފުހާތައް ފަރުވާތެރިކަމާއެކު އުކަމުންދިޔައެވެ. އޭނާ އަނެއްކާވެސް ބަޑޭރިގަނޑުގެ އެތެރޭގައި ލިޔެފައިވާ އަކުރަށް ލޯ ހިންގައިލިއެވެ.
A.H. އޭނާ އެ ފޮތް މޭޒުމަތީގައި ބާއްވާފައި އެހެން ފޮތްތައް ނަގަން ފެށިއެވެ. ފަހަރަކު ފޮތެއް ގެ ސަފްހާތައް ބަލަމުންދިޔައީ ވަކިން އޮތް ކަރުދާހެއް ނުވަތަ އަތުން ލިޔެފައިވާ ނޯޓެއް ފެނިދާނެކަމުގެ އުއްމީދުގައެވެ. ބައެއް ފޮތްތަކުގައި ހުރީ ބަގީޗާކުރުމާއި ބެހޭގޮތުން ކުދިކުދި އިރުޝާދުތަކެކެވެ، ބައެއް ފޮތްތަކުގެ ކައިރިފަށުގައި ޕެރެގްރާފުތައް އެއްކޮށް ލިޔެފައި ހުއްޓެވެ.
އަލާޔާ ފިނިފެންމަލަށް ވަރަށް ޚާއްސަ ލޯތްބެއް ޖެހިފައިވާހެން ހީވިއެވެ.
އެ ގަސްތައް ކޮށުމާއި، ވެހޭ ވާރެއިން ރައްކާތެރިކޮށް، މާ ފޮޅުވަން އެހީތެރިވާނެ ގޮތްތަކުގެ ނޯޓުތައް ހުއްޓެވެ.
"ބައެއް މާތަކަށް ކެތްތެރިކަން ބޭނުންވޭ. އަހަރެމެން ބޭނުންވާތީއޭ ކިޔާފައި އެ މާތަކެއް ނުފޮޅޭނެ." އެއް ސަފުހާއިން އަލާޔާ ލިޔެފައިވާ ޖުމްލައެއް އޭނަގެ ލޮލުގައި އަޅައިގަތެވެ. ައަލާޔާ އެ ލިޔުނީ ބަގީޗާކުރުމުގެ ޓިޕެއްގެ ގޮތުގައި ނޫނީ އެއިން އެހެން މާނައެއް އޭނާއަށް ދޭހަވެގެން ހެއްޔެވެ؟މިލްހާއަށް އެ ޖުމްލައާއިމެދު ވިސްނައިލަން މަޖުބޫރުވިއެވެ.
ހުރިހާ ފޮތްތަކުގެ ސަފުހާތައް ހުޅުވާލައިގެން ކުދިކުދި ޖާނަލް ލިޔުންތައް ހޯދަން އޭނަ ބޭނުންވިއެވެ. ނަމަވެސް އިތުރަށް ފެންނަގޮތެއް ނުވިއެވެ. ކުރިން އޭނާ ކިޔާފައިވާ ލިޔުންތައް ފިޔަވާ އެހެން އެއްޗެއް ނުފެނުމުން މާޔޫސްވެފައި ހުރެ ގޮނޑީގައި ލެގިލިއެވެ.
ފަހަރެއްގައި އެ ފޮތްތައް އިތުރު އެއްޗެއް އޭނާއަކަށް ކިޔައެއް ނުދޭނެއެވެ. އަލާޔާ އެނގޭ މީހުން މިގޭގައި އެބަތިއްބެވެ. އޭނާ މިގޭގައި އުޅުނުއިރު މިގޭގައި އުޅުނު ބަޔަކަށް އަލާޔާއާއި ބެހޭ މައުލޫމާތު މާ ރަގަޅަށް އެނގޭނެއެވެ. ޝެރަންވެސް އެހެރީ ނޫންހެއްޔެވެ؟
ޝެރަން ކުރީ ފަހަރު ވާހަކަދައްކަން ޖެހިލުންވި ކަމަށްވެސް ވެދާނެއެވެ. މިލްހާއަށް އޭނާ ކައިރިން އިތުރަށް އަހާލެވިދާނެއެވެ. އެއީ މައްސަލައެއް އުފައްދާކަށް ކުރާ ސުވާލެއް ނޫނެވެ. އޭނާ ހަމައެކަނި ބޭނުންވަނީ އަލާޔާއަކީ ކޮންކަހަލަ އަންހެނެއްކަން ދެނެގަންނާށެވެ. އަދި އޭނާ ނިޔާވި ސަބަބު ދެނެގަތުމެވެ.
އޭނަ ކޯޓުލައިގެންހުރެ މައި ދޮރު ހުޅުވައިލިތަން ޖޫހީއަށް ފެނުުމާއެކު ދުވަމުން އައެވެ.
"މިލްހާ މެޑަމް..ވަރަށް ފިނިގަދަ..މައިނަސް ގައި އުޅެނީ..ބޭރަށް ތިދަނީ؟" ޖޫހީ ތަބަކެއްގައި ހުރި ތަށްޓެއް ދިއްކޮށްލިއެވެ."އެޕްލް ސައިޑާ..."
"ތެންކިއު..."
"އަދި ހޫނު ޕައި އެއް އެއްޗެއް ގެނެސްދެންތަ؟"
"ސާބަހޭ ޖޫހި ތިވަރަށް ކާން ދެންޏާ ބޮކެއްހެން ފަޅައިގެން ގޮސްދާނެ..."މިލްހާ ހީގަތްއިރު ސިފްރާން ވެސް އަރާ ހަމަވީއެވެ. ދެމީހުންގެ ކަޅި ސިކުންތުކޮޅަކަށް ބައްދަލުވިއެވެ. މިލްހާ ފިކުރެއްނެތި ހޭތަން ފެނުމުން ހައިރާންވިފަދައެވެ. ސިފްރާންގެ ވަކިވި ލޯތްބަށްޓަކާ މާޔޫސްވެ ހީލަން ނޭގި ގާވެފައި ހުރުމުން އެހެން މީހުންވެސް އެކަމުގައި ބައިވެރިވާން މަޖުބޫރުވާނެހެއްޔެވެ؟ މިލްހާގެ ހިތުގައި ކޮންމެފަދަ އިހުސާސެއް އޮތަސް އޭނަ ބޭނުމީ އުފާވެރި އަންހެންކުއްޖަކަށްވުމަށެވެ.
"ޖޫހީ ޓްރަމް ނޫނީ ސަބްވޭ ޓިކެޓް ގަންނާނެގޮތެއް އެނގޭތަ؟ "
"ލައްބަ...."
"ޖޫހީ އަހަންނަށް ހެލްޕްވާން އެބަޖެހޭ...."
ސިފްރާން އަޅާވެސް ނުލާ ދުރަށް ދިޔުމުން ޖޫހީ އޭނަގެ ގާތަށް ޖެހިލިއެވެ."އަޅުގަނޑު ކޮންކަމަކަށް ހެލްޕްވާން ޖެހެނީ؟ މެޑަމް ބުނި ކޮންމެކަމެއް ކޮށްދޭން ހަމަ ޚިދުމަތުގައި............."
"އެއީ އެހެން ބުނި އެއްޗެއް ނޫން...މިހާ ފިނިއިރު ބޭރަށް ދާކަށް ނުވާނެ...ޖޫހީވެސް ރެސްޓްކޮށްލާ..."
ޖޫހީ ހިނިއައިސް ހުރިހާ ދަތްތައް ދިލުވައިލަމުން ދާން ހިނގައިގަތެވެ. އޭނަގެ ނިޔަތް ޖޫހީއަށް ފަހުމްވީ ހެއްޔެވެ؟ މައުސޫމްކަމަށް ފެނުނަސް ސިކުނޑި ނިކަން ތަނަވަސްވެދާނެއެވެ. އޭނަ އިރުކޮޅެއްވާންދެން ބޭރުން ފެންނަ މަންޒަރުތަކަށް ބަލަން ހުރިއިރު ކުޅަދުންވަންތަކަމާއިމެދު ވިސްނުނެވެ. ބޭނުންވީ މަންމަމެންނަށް ގުޅައިގެން ވާހަކަދައްކައިލުމަށެވެ. ރަފާއާއި އަނގަތަޅާހިތުންވެސް ކެތްކުރެވެނީއެއްނޫނެވެ. ހަމައެކަނި މޫސުމަށް އަންނަ ބަދަލުތައް ކިޔާދިނަސް ރަފާ ފަކީރު ގެ ސިކުނޑި އުދުހިގެން ހިނގައިދާނެއެވެ. ގަސްތައް ރަނާއި އޮރެންޖް އަދި ރަތްކުލައިގެން ފޭރާން އަޅާފައި ފަތްތައް ފައިބާގޮތެވެ. ދުންފިންޏާއި ގަނޑުފެން އަދި ސްނޯއެވެ. ކަށިތައް ގަނޑުކޮށްލާފަދަ ފިނިކަމެވެ. ފްލައިޓް ޓިކެޓް ފޮނުވަން ބުނާނެއެވެ. ރަފާމެންނަށް މި ގަނޑުވަރުގެ ސިއްރު އެނގޭނެނަމައެވެ.
***
މިލްހާއަށް ޝެރަން ފެނުނީ ސަރވިސް ކޯރިޑޯއިންނެވެ؛ އަލަށް ދޮވެ ސާފުކޮށްފައިވާ ބެޑްޝީޓްތަކެއް ތަރުތީބުކުރަނިކޮށެވެ. އެކަނިވެރި ފުރުސަތެއް ލިބުނުކަމަށްޓަކާ އޭނަ ހަމްދުކުރިއެވެ. "ޝެރަން؟"
"ލައްބަ މިލްހާ މެޑަމް؟"
"އެއްޗެއް އަހައިލަންތަ؟" އޭނަ އައިސް ކުރިމަތީގައި ހުއްޓުނެވެ.
"ލައްބަ......."
"އަލާޔާ ދަންނަންތަ؟" އޭނަ ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ.
ޝެރަންގެ އަތުގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ހިމޭންކަމާއެކު އޭނައާއި ދިމާލަށް ބަލަން ހުރީ އިތުރު ތަފްސީލަށް އެދޭ ފަދައިންނެވެ. ބެޑްޝީޓްތަކަށް ސަމާލުކަން ދިނުމުގެ ކުރިން ޝެރަން ކޮރިޑޯއާއި ދިމާލަށް ބަލައިލިއެވެ.
"އޭނާ ދުނިޔޭގައި ހުރިއިރު ޝެރަން މިގޭގައި އުޅުނީމެއްނު..."
"ލައްބަ މެޑަމް...އޭރުވެސް މިގޭގައި މަސައްކަތްކުރީ...."
"އޭނާއަކީ ކޮންކަހަލަ އަންހެންކުއްޖެއް؟"
ޝެރަން ފަތް ޖެހި އެނދު ފޮތިގަނޑު އެހެން ބެޑްޝީޓްތަކުގެ މަތީގައި ރީތިކޮށް ބޭއްވިއެވެ. "އަލާޔާއަކީ ވަރަށް ލޯބި އަންހެން ކުއްޖެއް..."
"ލޯބި...މާނައަކީ؟"އޭނަ ދޮރުފަތަށް ލެނގިލިއެވެ.
"އޭނާ ވަރަށް މަޑުމައިތިރި..ހިތްހެޔޮ.... ކުދިންނާއެކު ވަރަށް ގިނަ ވަގުތު ހޭދަކުރޭ. ބަގީޗާ ހައްދަން ވަރަށް ވަރުހުރޭ... އޭނާގެ ފޮތްތަކާއި ކުދިކުދި ބަގީޗާކުރާ ސާމާނު ހިފައިގެން ބޭރުގައި އުޅޭތަން ފެނުމަކީ ކޮންމެ ދުވަހެއްގައިހެން ފެންނަ މަންޒަރެއް...."
"އޭނާއަށް ދިމާވީ ކޮން ހާދިސާއެއްކަން އެނގޭތަ؟" އޭނަ އެންމެ އަހަން ބޭނުންވި ސުވާލުކޮށްލިއެވެ.
ޝެރަން އޭނާ ހިފަހައްޓައިގެން ހުރި ބެޑްޝީޓްއާއެކު އަތް ތިރިއަށް އެލުވައިލިއެވެ. "އޭނާ ނިޔާވި ދުވަހު އަހަރެން ޑިއުޓީއަކުނެތިން......ސީދާ ވީގޮތެއް ނޭނގެ."
" ޔަޤީނުންވެސް އެކަން އެނގޭ ކޮންމެވެސް މީހަކު އުޅޭނެއްނު...."
"އެތައް ބަޔަކަށް ކަންކަން އެނގޭނެކަން ޔަޤީން. އެމީހުންނަށް އެނގޭ އެއްޗަކީ ހަޤީޤަތެއްކަން ނުވަތަ ނޫންކަން އެއީ މުޅިން އެހެން ކަމެއް."
"އެހެން ފިރިހެނަކާ އަލާޔާ ގުޅުމެއް އޮތް ކަމަށް ދެކެވޭ ވާހަކަތަކާމެދު ޝެރަން ބުނަނީ ކީކޭ؟" އޭނައަށްވެސް އެ ސުވާލުކުރެވުނީ ނެތް ހިތްވަރުލާފައެވެ.
ޝެރަން ހަޤީޤަތުގައިވެސް ހިތްހަމަނުޖެހުނުހެން ހީވިއެވެ. ޝެރަންގެ މޫނުމައްޗަށް އެރި ކުލަވަރުން އޭނަވެސް ކަންބޮޑުވިއެވެ. އެސުވާލުކުރެވުނުކަމުގެ މޮޔަ ހީވިއެވެ. ނަމަވެސް އެފަދަ ވާހަކައެއް އިވިފައި ވުމުން ސާފުކުރުމާއި އެކަން ހިނގިގޮތް ތަހުގީގުކުރަން އޭނަގެ ޟަމީރު ބާރުއަޅަނީއެވެ. އޭނަވެސް ގެނެސް މިކަމުގެ ތެރެއަށް ވައްޓައިލާފައިވާތީ ސުވާލުކުރުމަކީ އޭނަގެ ހައްގެއް ނޫންހެއްޔެވެ؟ ސިފްރާންއަކީ ނަމެއްގައި ނަމަވެސް އޭނަގެ ފިރިމީހާއެވެ. ފިރިމީހާގެ ކުރިމަގަށް ހުރަސް އަޅާ މާޒީގެ ހަގީގަތް އެނގުން މުހިއްމެވެ.
"މަރުވެފައިވާ މީހުންނާ ބެހޭގޮތުން މީހުންނަށް ހިތަށް އެރި ވާހަކައެއް ދެއްކިދާނެ...ގޯސް ވާހަކަވެސް ދައްކާނެ. ސަބަބަކީ މަރުވުމުން އެމީހުންނަށް އަމިއްލަ ދިފާޢުގައި އެއްޗެއް ނުބުނެވޭނެ ހާލަތެއްގައިވާތީ...."
މިލްހާއަށްވެސް އެ ޖަވާބުން ނުތަނަވަސްވިއެވެ. ތުންފަތުގައި ދަތް އަޅައިލެވުނެވެ.
"އަހަރެން ނަޞޭޙަތެއް ދޭންތަ؟މިލްހާ މެޑަމް؟"
"ބައެއް ދޮރުތައް ބަންދުކޮށްފައި ހުންނަނީ ސަބަބަކާ ހެދި. އޭގެ އަނެއްފަރާތުގައި އޮތް އެއްޗެއް މެޑަމް އަށް ކަމުނުދިއުމަކީ އެކަށީގެންވާ ކަމެއް."ޝެރަން ވަރުގަދަ ބަހުގެ ހަމަލާއަކުން ޖެހުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ.
***
ޝެރަން ހިނގަމުން ވަކި ހިސާބަކަށް ގޮސްފައި ފަސްއެނބުރި ބަލައިލިއެވެ. މިލްހާ އަދިވެސް ހުރީ އެތަނުގައެވެ. މައްޗަށް ބަލަހައްޓައިގެން ކޮންމެވެސް ޚިޔާލަކަށް ގެއްލިފައެވެ. ޝެރަން ފުން ނޭވާއެއް ދޫކޮށްލިއެވެ.
މިލްހާ އާއެކު ހޭދަކޮށްލެވުނު ކުޑަ ދުވަސްކޮޅުގެ ތެރޭގައި އޭނަގެ ހިތުގައި މި ޒުވާން އަންހެންކުއްޖާއަށް ވަރަށް ޚާއްޞަ ލޯތްބެއް އުފެދިއްޖެއެވެ. މިލްހާގެ ކިބައިގައި އެހެން މީހުންގެ ހިތްތަކުން ޖާގަ ހޯދައި އަޅާލަން މަޖުބޫރުކުރުވާ ކޮންމެވެސް ސިފައެއް އެބަހުއްޓެވެ. އަލާޔާފަދައިންނެވެ. ނަމަވެސް މިލްހާގެ އޮތީ އެންމެ މައްސަލައެކެވެ. މިއީ މިފަދަ ނުފޫޒު ގަދަ އާއިލާއެއްގެ ތެރޭގައި އުޅެވޭވަރަށްވުރެ މަޑުމައިތިރި ހިތްތިރި އަދި މާ ބޮޑަށް މީހުންނަށް އިތުބާރުކުރާ ކުއްޖެކެވެ.
މިލްހާގެ މޫނާއި ހަރަކާތް ހުންނަގޮތުން ބައެއް ފަހަރު އަމިއްލަ އަންހެންދަރިފުޅުގެ މަތިން ހަނދާންވާގޮތެއް ހުރެއެވެ. އޭނަގެ ދަރިފުޅަކީވެސް ގާތްގަނޑަކަށް މިލްހާއާ އެއް އުމުރެއްގެ ކުއްޖެކެވެ. އޭނާގެ އަންހެންދަރިފުޅު މިލްހާ މިހާރު ހުރި ހާލަތުގައި ހުރިއްޔާ، އޭނާއަށް ކުރާނެ އިޙްސާސްތަކާ މެދުވެސް ވިސްނައިލެވުނެވެ.
މިއަށްވުރެ އިތުރު ވާހަކަތައް މިލްހާއަށް ކިޔައިދެވޭނެނަމައޭ ވެސް ހިތަށްއެރިއެވެ. ނަމަވެސް ހިތް ބޭނުންވުމާއި އެކަން ކުރުމަކީ މުޅިން ތަފާތު ދެ ކަމެކެވެ. އެ ގަނޑުވަރުގައި އޭނާ މިހާރު ހުރި މަޤާމު ހޯދަން ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހުނެވެ. އޭނައަށް ލިބޭ މުސާރައަކީ ގެއްލުވާލަން ކެރޭވަރަށްވުރެ ބޭނުންތެރި އެއްޗެކެވެ. އޭނާ ބަލަންޖެހޭ އަމިއްލަ ޢާއިލާއެއް ވެއެވެ. ވާގިނެތިފައިވާ ފިރިމީހާއާއި ދައްކަންޖެހޭ ބިލްތަކާއި ބަލަހައްޓަންޖެހޭ ގެއެކެވެ. މި އުމުރުގައި އެހެން ވަޒީފާއެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ފަރުވާކުޑަ އެންމެ ލަފުޒަކުން ނުވަތަ ޢާއިލާގެ ކަންކަމުގެ ތެރެއަށްވަދެ ޒާތީ ކަންތައްތަކާއި ބެހޭކަމުގެ އެންމެ ތުހުމަތަކުން ވަޒީފާ ގެއްލިފައި ހުންނަން ޖެހިދާނެއެވެ.
ދުނިޔޭގެ ކަންތައް ހިނގަނީ އަބަދުވެސް މިގޮތަށްކަމަށް އޭނާ ދަނެއެވެ. މުއްސަނދިން އެމީހުން ބޭނުންވާ ގޮތަކަށް ނިންމައެވެ. ބައެއްފަހަރު ކޮންމެވެސް ސަބަބަކާއިހުރެ އެކަމުގެ ނަތީޖާގެ ހިތިކަން ތަހައްމުލުކުރަންޖެހެނީ އެއްވެސް ކަމަކަށް ޝައްކުނުކޮށް ތިބޭ އާދައިގެ މީހުންނެވެ. މުއްސަދިންނާއި ނިކަމެތިކަމުގެ ފަރަގަކީ އެއީއެވެ.
ނުނިމޭ