ކެއިންބުއިމުގެ އާދަތަކަކީ އަބަދުވެސް އަޅުގަނޑުމެންގެ ޞިއްޙަތަށް ސީދާ އަސަރުކުރާ ކަމެކެވެ. ކުޅި ކާނާގެ ސަބަބުން ބަނޑަށް އުނދަގޫވެ، ތެޔޮ ގިނަ ކާނާގެ ސަބަބުން ހަށިގަނޑަށް ބަރުހެލިކަން އިޙްސާސްކުރެވޭ ފަދައިން، ދަތްތަކުގެ ރައްކާތެރިކަމަށް އޮތް އެނަމެލް ފަށަލައަށް ވެސް ކެއިންބުއިމުގެ ބައެއް ބާވަތްތަކުން ނޭދެވޭ އަސަރުކުރެއެވެ.
ޚާއްޞަކޮށް، ކޮންމެ ދުވަހަކު ޤަވާއިދުން ދަތްއުނގުޅި ނަމަވެސް، އެސިޑްގެ މާއްދާ ގިނަ ކާބޯތަކެއްޗާއި ބުއިންތައް އާދަވެގެން ބޭނުންކުރާނަމަ އެނަމެލް ގިރި، ދަތްތަކުގެ ޞިއްޙަތު ބޮޑު ނުރައްކަލަކަށް ހުށަހެޅެއެވެ. މިގޮތަށް އެނަމެލް ތުނިވަމުންދާ ވަރަކަށް، ހޫނު ނުވަތަ ފިނި އެއްޗެހި ބޭނުންކުރާއިރު ދަތްތަކުގައި ރިއްސަން ފަށައި، ދަތްތަކުގެ ކުލަ ރީނދޫވާން ފަށައެވެ.
މި މުހިންމު މައުޟޫޢަށް އަލިއަޅުއްވާލައްވައި، އިންޑިއާގެ ނަވީ މުމްބާއީގެ 'އޮރޯސްމައިލް ޑެންޓަލް ކްލިނިކްސް'ގެ އޯރަލް ޕެތޮލޮޖީ ސްޕެޝަލިސްޓް ޑރ. އަމިތު އުދޭ ބަންދާރްވާރު ވިދާޅުވި ގޮތުގައި، އެނަމެލްއަކީ ދުވަހުން ދުވަހަށް ދަތްތަކަށް ކުރިމަތިވާ ގެއްލުންތަކުން ދަތްތައް ހިމާޔަތްކޮށްދޭ ވަރުގަދަ މިނަރަލް ފަށަލައެކެވެ. އެ ފަށަލައިގެ ޤުދުރަތީ ސާފުކަމާއި އޮފްކަމުގެ ސަބަބުން ދަތްތަކަށް ރީތި ވިދުމެއް ލިބި، އޭގެ ދަށުގައި އޮންނަ 'ޑެންޓީން' ފަށަލައިގެ މަޑު ރީނދޫ ނުވަތަ ހުދު ކުލަ މަޑުމަޑުން ދައްކުވައިދެއެވެ.
އެހެންނަމަވެސް، ގިނަ ބަޔަކަށް ނޭނގޭ މުހިންމު ޙަޤީޤަތަކީ، އެނަމެލްގައި ދިރޭ ސެލްތައް ނުހުންނާތީ، އެއްފަހަރު ހަލާކުވެއްޖެނަމަ އަލުން އުފެދި އިއާދަވުމުގެ ބާރު އެއަށް ލިބިގެންނުވާ ކަމެވެ. އެހެންކަމުން، އެނަމެލް ފަށަލަ އެއްފަހަރު ގިރި ގެއްލިއްޖެނަމަ، އެ ގެއްލުނީ އަބަދުގެ އަބަދަށެވެ. ހަށިގަނޑުގައިވާ އެންމެ ހަރު މާއްދާ ކަމުގައި ވީނަމަވެސް، އެސިޑްގެ އަސަރުން އެނަމެލް ގިރުމުގެ ފުރުޞަތު އޮންނާތީ، މިކަމަށް ފަރުވާކުޑަކޮށްލައިގެން ނުވާނެކަމަށް ޑރ. ބަންދާރްވާރު އިންޒާރުދެއްވައެވެ.
ދަތުގެ އެނަމެލްއަށް ގެއްލުންވެއްޖެނަމަ އަލުން އިއާދަނުކުރެވޭތީ، އެސިޑް ގިނަ ކާބޯތަކެއްޗާއި ބުއިންތަކުން ދުރުހެލިވެ، އެނަމެލް ރައްކާތެރިކޮށްދޭ ދަތްއުނގުޅާ ބޭހެއް ބޭނުންކުރުމަކީ ދަތްތަކުގެ ޞިއްޙަތާއި ރީތިކަން ދެމެހެއްޓުމަށް އޮތް އެންމެ މުހިންމު ފިޔަވަޅު--ފޮޓޯ/ފެމިލީޑެންޓިސްޓްރީދަތުގެ އެނަމެލްއަށް ގެއްލުންދޭ ކާބޯތަކެއްޗާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ބަންދާރްވާރު ފާހަގަކުރެއްވި ގޮތުގައި، އެސިޑްގެ މާއްދާ ގިނައިން އެކުލެވޭ ބާވަތްތައް ގިނަގިނައިން ބޭނުންކުރުމަކީ އެނަމެލް މަޑުވެ، ފަސޭހައިން ގިރެން މެދުވެރިވާ ސަބަބެކެވެ. ޚާއްޞަކޮށް ސައި، ކޮފީ، ކޯލާ ފަދަ ގޭސް އެކުލެވޭ ބުއިންތަކުގެ އިތުރުން، އަސާރާއި ލުނބޯ ފަދަ ހުތް މޭވާގެ ބާވަތްތައް މާ ގިނައިން ބޭނުންކުރާނަމަ، އެ ތަކެތިން ދަތްތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އެ ބާވަތްތައް މަދުކުރުމަށް އޭނާ އިރުޝާދު ދެއްވައެވެ.
އެސިޑްގެ އަސަރުން އެނަމެލް ގިރެން ފަށާކަން ގިނަ ފަހަރަށް ކުރީކޮޅުގައި ފާހަގައެއް ނުކުރެވެއެވެ. ޑރ. ބަންދާރްވާރު ވިދާޅުވި ގޮތުގައި، މި މައްސަލަ ފެށިގެން އަންނައިރު އެއްވެސް ރިހުމެއް ނުވަތަ ވޭނެއް އިޙްސާސް ނުވެ ހިނގައިދާނެއެވެ. ނަމަވެސް، އެނަމެލް ގިރުން ކުރިއަށްގޮސް މައްސަލަ ބޮޑުވަމުންދާ ވަރަކަށް، ދަތްތަކުގެ ޙައްސާސްކަން އިތުރުވެ، ދަތްތަކުގެ ކުލަ ރީނދޫވުމުގެ އިތުރުން ދަތް ފަނިކެއުމުގެ ނުރައްކާ ވެސް ބޮޑުވެގެންދެއެވެ.
ދަތްތަކުގެ އެނަމެލް ރައްކާތެރިކުރުމަށްޓަކައި، ރަނގަޅު ޓެކްނިކަކުން ދަތްއުނގުޅުމާއި އެސިޑް ގިނަ ކާބޯތަކެތި މަދުކުރުމުގެ އިތުރުން، އެންމެ އެކަށީގެންވާ ދަތްއުނގުޅާ ބޭހެއް ޚިޔާރުކުރުމަކީ ވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެގޮތުން އެނަމެލް ވަރުގަދަކޮށްދީ، އޭގެން ގެއްލިފައިވާ މިނަރަލްތައް އަލުން އިއާދަކޮށްދިނުމަށް ނުވަތަ 'ރީމިނަރަލައިޒޭޝަން'އަށް މަގުފަހިކޮށްދޭ ބޭހެއް ޚިޔާރުކުރަން ޖެހެއެވެ.
މިފަދަ ބޭސްތަކުގެ މުހިންމުކަން ފާހަގަކުރައްވަމުން ޑރ. ބަންދާރްވާރު ވިދާޅުވީ، 'އެނަމެލް-ސްމާޓް' ދަތްއުނގުޅާ ބޭހަކީ ޚާއްޞަކޮށް އެނަމެލް ރައްކާތެރިކުރުމަށް އުފައްދާފައިވާ ބޭހެއް ކަމަށެވެ. އަދި މި ބޭސްތަކުގައި ހިމެނޭ ފްލޮރައިޑްގެ ޚާއްޞަ މާއްދާތަކުގެ ސަބަބުން، އެނަމެލްގެ ބޭރުފަށަލަ ވަރުގަދަކޮށް، އަލުން ބިނާކޮށް، ރައްކާތެރިކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.