ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖެއަށް ވައި ނުސާފު: ބޭރަށް ނުކުމެ އުޅޭ ވަރަށްވުރެ ނުރައްކާ!

-- ސަން ފޮޓޯ/ މާނިއު މުހައްމަދު

ރާއްޖޭގެ ވައިގެ ކޮލިޓީ ނުރައްކާތެރި މިންވަރަކަށް ދަށްވެ، އާންމު ގޮތެއްގައި ބޭރަށް ނުކުމެ އުޅެވޭ މިންވަރަށްވުރެ ނުރައްކާވެފައިވާ ކަމަށް އައިކިއު އެއާއިން ދައްކައިފިއެވެ.

ވައިގެ ކޮލިޓީ ދައްކުވައިދޭ އެޕެއް ކަމަށްވާ އައިކިއު އެއާއިން ދައްކާ ގޮތުގައި، މާލޭގެ ވައިގެ ރޭޓިން ހުރީ 170 ގައެވެ. އެއީ އާންމުކޮށް އެންމެނަށްވެސް ނުރައްކާ މިންވަރެއް ކަމަށް އެ ފަރާތުން ފާހަގަކުރެއެވެ.

ރާއްޖޭގެ އެހެނިހެން ހިސާބުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ އުތުރުން ކުޅުދުއްފުށީ ސިޓީގެ ވައިގެ ކޮލިޓީ 156 ގައި ހުރި ކަމަށް އައިކިއު އެއާއިން ދައްކައެވެ. އަދި އެންމެ ދެކުނުން ފުވައްމުލައް ސިޓީގެ ވައިގެ ކޮލިޓީ 132 ގައި ހުރިއިރު، އައްޑޫ ސިޓީގެ ވައިގެ ކޮލިޓީ ހުރީ 110 ގައެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅައި ބަލާއިރު ދެކުނުގެ ހިސާބުތަކަށް އަބަދުވެސް ވައި ސާފުކޮށް އޮންނައިރު، އެ ސަރަހައްދަށް މިއަދު ވެސް ވައި ސާފުކަން ވަނީ ފާހަގަކުރެވިފައެވެ.

https://www.sun.mv/230877

މިކަމާ ގުޅޭގޮތުން މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ވައި ނުސާފުވާނެ ކަމަށެވެ. މީގެ ކުރިން އެ އިދާރާއިން ބުނެފައިވާ ގޮތުގައި، ރާއްޖޭގެ ވައި ނުސާފުވާން މެދުވެރިވެފައިވަނީ އިންޑިއާ ސަރަހައްދުން ޖެހެމުން އަންނަ ވައިގެ ކޮލިޓީ ދަށްވުމުގެ ސަބަބުންނެވެ. އިރުވައި މޫސުމާ ގާތްވުމުން އާންމު ގޮތެއްގައި ވައި ފުސްވި ނަމަވެސް، އަދި އިރުވައި މޫސުން ފެށިފައި ނުވާކަންވެސް އެ އިދާރާއިން ފާހަގަކުރިއެވެ.

ޔޫއެސް އޭކިއުއައި މިންގަނޑުގައިވާ ގޮތުން، 151 އިން 200 އާ ދެމެދުގެ އަދަދުތަކަކީ ސިއްހަތަށް ނުރައްކާތެރި މިންވަރެކެވެ. އަދި 101 އިން 150 އާ ދެމެދުގެ އަދަދުތަކަކީ ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރައްކާތެރި މިންވަރެކެވެ. މެދުމިނުގެ ދަރަޖަ ކަމަށްވާ 51 އިން 100 އާ ދެމެދުގެ އަދަދުތަކަކީ އާންމު ގޮތެއްގައި ވައިގެ ފެންވަރު ރަނގަޅު މިންވަރެއް ކަމަށް ބެލެވުނު ނަމަވެސް، އާދަޔާ ހިލާފަށް ނާޒުކު މީހުންނަށް އޭގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ވައި ތަގައްޔަރުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ނުރައްކާތެރި ކަމަކަށް ވާއިރު، ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރާ މިންވަރު އިތުރުވާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އެހެންކަމުން ވައި ނުސާފުވާ ހާލަތްތަކުގައި ފުއްޕާމޭގެ ބަލިތަކާއި، ހިތުގެ ބައްޔާއި، އެލާޖީގެ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، ބޭރަށް ނުކުންނަ ނަމަ މާސްކު ބޭނުންކުރުމަށް ސިއްހީ މާހިރުން އިރުޝާދުދެއްވައެވެ.

comment ކޮމެންޓް