ރަސްމާލެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ހުށަހެޅި މައްސަލަ ކޮމިޓީއަށް

ރަސްމާލެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ހުށަހެޅި މައްސަލަ ކޮމިޓީއަށް --- ފޮޓޯ: ހައުސިން މިނިސްޓްރީ

ރަސްމާލޭން 500 ހެކްޓަރުގެ ބިން އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އުޅޭ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވައިލައި އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އެކަމާބެހޭ ދާއިމީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕުން މަޖިލީހަށް އެ ގަރާރު ހުށަހަޅާފައިވާކަން ހާމަކޮށްފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

https://sun.mv/230061

އެ ޕާޓީގެ ފަރާތުން ހުށަހެޅި ގަރާރުގައިވަނީ އާންމުންނާގުޅޭ މުހިންމު ކަންކަމުގައި ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބާރު މަޖިލީހަށް ގާނޫނުއަސާސީން ލިބިދޭކަން ފާހަގަކޮށްފައެވެ.

އޭގެ އިތުރުން އެ ގަރާރުގައިވަނީ މަޖިލީހުގެ ގާނޫނު ހެދުމުގެ އިޚްތިޞާޞްގެ ތެރެއިން މުހިންމު ނިންމުމެއް ނިންމުމުގައި އާންމުންގެ ޚިޔާލު ހޯދަން ފެންނަނަމަ އެފަދަ ވޯޓެއް ނެގުމަށް ވެސް ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާ ބެހޭ ގާނޫނުގެ ދަށުން ކަނޑައެޅިދާނެ ކަމަށެވެ.

މި ގަރާރު ހުށަހެޅީ ގައުމީ ބޮޑު މައްސަލައެއްގައި ގާނޫނުގެ ތެރެއިން އާންމުންގެ ސީދާ ބަހެއް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް ވެސް، ގަރާރު ހުށަހެޅި ސަބަބުތަކުގެ ތެރޭ އެމްޑީޕީން ބަޔާންކޮށްފައިވެއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ހުށަހަޅާފައިވާ ފުށިދިއްގަރުފަޅުގައި ތަރައްގީކުރުމަށް ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމާ ގުޅޭގޮތުން ރައްޔިތުންގެ އާނމު ވޯޓެއް ނެގުމުގެ ގަރާރު ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާއި ގުޅޭ އާންމު ކޮމިޓީއަށް ފޮނުވާފައެވެ.

ރަސްމާލޭން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އުޅޭ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވާލުމަށް އެމްޑީޕީއިން ފުރަތަމަ ނިންމީ އެ ޕާޓީއިން މިމަހުގެ އެއްވަނަ ދުވަހުގެރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައެވެ.

https://sun.mv/229938

އެ ޕާޓީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒު ސައީދު ހުށަހަޅުއްވައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ތާއީދު ކުރެއްވި އެ ގަރާރު ގައުމީ މަޖިލީހުން ފާސްކުރީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުން ވަނީ ގަރާރާ އެއްކޮޅަށް ވޯޓު ދެއްވައިފައެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު އެކަންޏެވެ.

https://sun.mv/230826

ނަމަވެސް ނަޝީދުވެސް ވަނީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން، ރައްޔިތުންގެ ކަންބޮޑުވުން ބޮޑުވެފައިވަނީ، ރައްޔިތުންނަށް އެކަމުގެ ވާނުވާ އޮޅުންނުފިލާތީ ކަމަށް ވިދާޅުވެ، ސަރުކާރުން ފެންނަ ނުފެންނަ ވޯޓެއް ނުނަގައި މި މަޝްރޫއު ކުރިއަށްގެންދާނަމަ، އެއީ މި ރާއްޖެއަށް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ރަސްމާލެ މަޝްރޫގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ކޮންމެހެން ނަގަންޖެހޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް