ފަހުވަގުތު ދެއްކި މޮޅު ކުޅުމާއެކު ވިއަރެއާލް ބަލިކޮށް، ލީގުގެ އެއްވަނައިގައި ބާސާ ހަމަޖެހިލައިފި

ބާސާ އާއި ވިއަރެއާލް ރޭ ބައްދަލުކުރި މެޗުގެ ތެރެއިން--

ސްޕެނިޝް ލަލީގާގައި ރޭ ވިއަރެއާލްއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު ފަހަތުން އަރައި 2-3 ގެ ނަތީޖާއިން ތާވަލުގެ ކުރީގައި ފަރަގު ބޮޑުކޮށްފިއެވެ.

ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕް ނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފަސްވަނަ މިނެޓުގައި ވިޔަރެއާލްއިން ވަނީ ލަނޑެއް ޖަހައި ކުރި ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޓަޖޮން ބުޗަނަންއެވެ. އޭގެ ދެ މިނެޓު ފަހުން ޓަނީ އޮލުވަސޭޔީ ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 0-2 އަށް ބަދަލުކޮށްފައެވެ.

ވިއަރެއާލްއިން ފުރަތަމަ ހަތް މިނެޓުގެ ތެރޭގައި ދެލަނޑުގެ ލީޑެއް ނެގި ނަމަވެސް ބާސެލޯނާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖާއެއްގެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި އެޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ.

ވިއަރެއާލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލަމީން ޔަމާލްއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ފުރަތަމަ ކުޅުން ކުރިއަށް ގެންދިއުމަށް އެންގި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ލަމީން ޔަމާލް ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައިވަނީ ބޭރުވެފައެވެ.

ބާސެލޯނާއިން މި މެޗުގައި ވިއަރެއާލްގެ ގޯލު ހުޅުވާލާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނެޓުގައި ޖެރާޑް މާޓިން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ފަސް މިނިޓު ފަހުން ފާމިން ލޮޕޭޒް ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މި މެޗުން ބާސެލޯނާއަށް ތިން ޕޮއިންޓް ކަށަވަރުވެފައިވަނީ މެޗުގެ 67 ވަނަ މިނެޓުގައި ވިއަރެއާލްގެ ޕައު ނަވާރޯ އަތުން ބައިކޮޅަށް ވަތް ލަނޑައެކުއެވެ.

މި މެޗުގެ 75 ވަނަ މިނެޓުގައި ރެފްރީ ވަނީ ބާސެލޯނާގެ ފާމިން ލޮޕޭޒަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އަދި މެޗު އިންޖަރީ ވަގުތުގައި ވިއަރެއާލްގެ ޕައު ނަވާރޯއަށްވެސް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާފައެވެ.

މި މެޗުން ބާސެލޯނާ މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން ޖުމްލަ 36 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ވިޔަރެއާލް އަށް ލިބިފައިވާ 15 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 10 ވަނައިގައެވެ.

comment ކޮމެންޓް