މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ގއ. ކޫއްޑޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 37 އަހަރުގެ އެމްޑީ ހާރިސް މިއާއެވެ. ކޫއްޑޫގައި އޭނާ ދިރިއުޅޭ ތަން ބަލައި، ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި އެތަކެތީގެ ވަގުތީ ބަރުދަނަކީ 66 ގުރާމު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ގއ. ކޫއްޑޫއަކީ ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތަށް އެންމެ މުހިންމު އެއް ރަށެވެ. އެގޮތުން އެރަށުގައި އަންނަނީ މިފްކޯގެ މަސް ފެކްޓްރީއެއްގެ އިތުރުން މަސް ގަންނަ މަރުކަޒެއް ހިންގަމުންނެވެ.