ތުރުކީގައި ފެށި ކޮޕް 31ގެ ސަމިޓް އެއްބަސްވުމަކަށް ނާދެވި، ކާމިޔާބުނުވެ ނިންމާލައިފި

ކޮޕް 31 ގެ ސަމިޓް

ވޮޝިންޓަން (23 ނޮވެންބަރު 2026) : ތުރުކީގެ އަންޓާލިޔާގައި މިމަހުގެ 9 ން ފެށިގެން ކުރިޔަށްދިޔަ މޫސުމާބެހޭ އދ. ގެ ސަމިޓް ކޮޕް 31 ގެ މަޝްވަރާތައް އެއްބަސްވުމަކަށް ނާދެވި ކާމިޔާބެއް ނުލިބި އިއްޔެ ނިންމާލައިފިއެވެ.

އެއްބަސްވުމަކަށް ނާދެވުނީ އެ ސަމިޓްގައި ބައިވެރިވި ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުން ތައްޔާރުކުރި ގުޅިފައިވާ އެއްބަސްވުމުގެ ދެލިކޮޕީއަށް ގިނަ ގައުމުތަކަކުން ދެކޮޅު ހެދުމުންނެވެ. ދެކޮޅު ހެދި ގައުމުތަކުގެ ތެރޭގައި ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކާއި އެނޫންވެސް ބައެއް ގައުމުތައް ހިމެނެއެވެ. އެއްބަސްވުމުގެ ޑްރާފްޓް ނުވަތަ ދެލިކޮޕީއަށް ދެކޮޅު ހެދި ގައުމުތަކުން ބުނަނީ މޫސުމަށް އަންނަމުންދާ އަވަސް ބަދަލުތަކާ ކުރިމަތިލެވޭ ވަރުގެ އޮއްޓަރުހުރި ކަންތައްތަކެއް އެއްބަސްވުމުގެ ޑްރާފްޓްގައި ހިމެނިފައިނުވާ ކަމުގައެވެ. މިފަދަ އަސާސީ މައްސަލަތައް ބަލިކަށިކޮށް އޮތް ޑްރާފްޓަކަށް ރުހުންދޭން ބޭނުންނުވާ ކަމުގައެވެ.

އެއްބަސްވުމުގެ ޑްރާފްޓް ބަލިކަށިކަމަށް ދެކޭ ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުން ދެކޭގޮތުގައި ދުނިޔޭގެ ޖައްވު ހޫނުވާން މެދުވެރިވާ މައިގަނޑު ސަބަބުކަމަށްވާ ކާބަން ގޭސްތައް މަދުކުރުމުގެ ވާހަކަ (ފޮސިލް ފިއުލް އެންދުމުން ޖައްވަށް އަރައިގެންދާ ކާބަން ގޭސްތައް މަދުކުރުމަށް ބާރުއަޅާ ވާހަކަ) އެކަށީގެންވާ ވަރާގާތަށްވެސް ޑްރާފްޓްގައި ނެތެވެ. އެހެންކަމުން މިއީ ވަރަށްބޮޑު މައްސަލައެކެވެ.

ކޮޕް ސަމިޓްތަކުގެ އުސޫލު އޮންނަގޮތުން އެސަމިޓްތަކުން ގުޅިގައިވާ ބަޔާނެއް ނެރެވޭނީ ސަމިޓްގައި މަޝްވަރާކުރުމަށްފަހު އޭގެ އަލީގައި ތައްޔާރުކުރާ އެއްބަސްވުމުގެ ދެލިކޮޕީއަށް ސަމިޓްގެ ބައިވެރިންގެ ތެރެއިން މަދުވެގެން 200 ފަރާތެއްގެ ތާއީދު ލިބިގެންނެވެ. މިއީ ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތް ހިމެނޭގޮތަށެވެ. ކޮޕް 31 ގެ މަޝްވަރާތަކަށްފަހު ތައްޔާރުކުރި އެއްބަސްވުމުގެ ޑްރާފްޓަށް 200 ފަރާތުގެ ތާއީދު ލިބިފައެއް ނުވެއެވެ. އެއީ ކާބަން ގޭސްތައް ކޮންޓްރޯލް ކުރުމަށްޓަކައި ފޮސިލް ފިއުލް ބޭނުންކުރުން ހުއްޓާލުމުގެ ވާހަކަތައް އޭގައި ނެތުމުން ނުވަތަ މިކަމަށް ޑްރާފްޓްގައި ބާރުއަޅާމިންވަރު ކުޑަކަމުންނެވެ.

ކެޕްޝަން.. ކޮޕް 31 ސަމިޓް

ދުނިޔޭގައި ތެޔޮއުފައްދާ ގައުމުތަކަކީ ތެލުން ބޮޑުއާމްދަނީއެއް ލިބޭގައުމުތަކަކަށްވާއިރު ފޮސިލް ފިއުލް ބޭނުންކުރުން ހުއްޓާލުމުގެ ވާހަކަތައް މާހަރުކަށިކޮށް ޑްރާފްޓްގައި ހިމެނުމަކީ އެގައުމުތައް ދެކޮޅުހަދާ ކަމެކެވެ. ޔޫރަޕްގެ އިއްތިހާދު ގެ ފަރާތުން ވާހަކަދެއްކެވި މަންދޫބު ދަރާ އޯބްރިއެން ވިދާޅުވިގޮތުގައި ކޮޕް 31 ން ތައްޔާރުކުރި ދެލިކޮޕީއަށް އެ އިއްތިހާދުގެ ކައުންސިލުންނާ އަދި މެންބަރު ގައުމުތަކުން ތާއީދު ނުކުރި މައިގަނޑު ސަބަބަކީ ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމަށް ގޮވާލާ ވާހަކަތައް ޑްރާޓްގައި ނެތުމުންނެވެ. އެނޫންވެސް ބައެއްގައުމުތަކުން ވަނީ މިކަން ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

މޫސުމާބެހޭ އދ. ގެ މައި މުއާހަދާއަކީ ޕެރިސް މުއާހަދާއެވެ. 2015 ވަނަ އަހަރު ވުޖޫދަށް ގެނައި މިމުއާހަދާގައި އެންމެ ބޮޑަށް ބާރުއަޅާ އެއްކަމަކީ ދުނިޔޭގެ ހޫނުމިން މިހާރު ހުރިވަރަށްވުރެ އިތުރަށް 1.5 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ދިޔުން ހުއްޓުވުމެވެ. މިކަން ކުރެވޭނީ ކާބަން ގޭސްތައް ޖައްވަށް އަރާވަރު ވަރަށް ބޮޑަށް ކުޑަކުރެވިގެންނެވެ. ކާބަން ގޭސްތައް ޖައްވަށް އަރާވަރު ކުޑަކުރެވޭނީ ފޮސިލް ފިއުލް ނުވަތަ ތެލާއި ބޯޓުދެލިފަދަ ތަކެތި ބޭނުންކުރުން ވަރަށް ބޮޑަށް މަދުކޮށް ތިމާވެއްޓާ ރަހުމަތްތެރި އިއާދަ ކުރަނިވި ހަތައިގެ ބާވަތްތަކަށް ބަރޯސާވާ މިންވަރު ބޮޑުކޮށްގެންނެވެ. އިރުގެ ހަކަތައާއި ފެނުން އުފައްދާ ހައިޑްރޯ ހަކަތައާއި ވައިގެ ހަކަތައާއި ތާމަލް ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށްގެންނެވެ.

ކޮޕް 31 ން ތައްޔާރުކުރި ދެލިކޮޕީއަށް ދެކޮޅު ހެދި ގައުމުތަކުންވަނީ މިކަން ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. ކޮޕް ގެ ސަމިޓްތަކަކީ އެތަށް ސަތޭކަ މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ބާއްވާ ސަމިޓްތަކަކަށްވާއިރު ޚަރަދު ކޮށްފައި ނަތީޖާއަކާ ހަމައަށް ނުދެވުމަކީ ދެރަވަރު ކަމެއްގެ ގޮތުގައި އދ. ންވަނީ ފާހަގަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު