މި ސަރުކާރު އައިފަހުން ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދާއި ފާސްކުރާ ބަޖެޓާ އެއްވެސް ގުޅުމެއް ނެތް: ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު-- ސަން ފޮޓޯ; ނާއިޝް ނާހިދު

ދައުލަތުގެ ބަޖެޓާ މެދު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މި ސަރުކާރު އުފެދުނީއްސުރެ ބަޖެޓަކީ ގާނޫނުގައި އޮންނާތީ ފާސްކުރާ އެއްޗަކަށް ވެފައި އޮތުން ކަމަށާއި، ބަޖެޓުން ކުރާ ޚަރަދަކާއި ފާސްކުރާ ބަޖެޓާ އެއްވެސް ގުޅުމެއް ނޯންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ، ޕީއެސްއައިޕީއަށް ކަނޑައަޅާފައި ހުންނަ ފައިސާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެކައުންޓަށް ޖަމާކޮށްގެން އެކި ކަހަލަ ޕްރޮކިއުމަންޓްތައް ހަދަމުންދާ ކަމަށެވެ.

އެގޮތުން އެމްޓީސީސީއަށް އާރުޓީއެލް ފެރީ ބަންނަން ސަބްސިޑީގެ ގޮތުގައި ފައިސާ ދީފައި ޑްރެޖަރެއް ގަންނަމުންދާ ކަމަށާއި، އަދި ފުށިދިއްގަރު ފަޅު ހިއްކުމަށް ދިރިއުޅުމުގެ ޚަރަދު ކުޑަކުރުމަށް ނުވަތަ އިޖުތިމާއީ ބޯހިޔާވަހިކަމަށް ކަމަށް ބުނެ ޕީއެސްއައިޕީ ބަޖެޓުން އެޗްޑީސީގެ އެކައުންޓަށް 900 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

މިފަދަ ގޮތްގޮތަށް ނިމުނު އަހަރު ހަތް ބިލިއަން ރުފިޔާ އަދި މި އަހަރުވެސް ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ޝަމްޙީދު ވިދާޅުވިއެވެ.

https://sun.mv/230922

"ޑްރެޖަރެއް ގަންނަން ވީމަ މި ލަނީ އާރުޓީއެލް ސަބްސިޑީ ގެ ގޮތުގައި ފައިސާ. ފުށިދިއްދަރު ފަޅު ހިއްކަންވީމަ މި ލަނީ ދިރިއުޅުމުގެ ޚަރަދު ކުޑަކުރަން އިޖުތިމާޢީ ބޯހިޔާވަހިކަމަށޭ ކިޔާފަ އެޗްޑީސީ އެކަމުންޓަށް، ޕީއެސްއައިޕީ ބަޖެޓުން 900 މިލިއަން ރުދިޔާ. ހަގީގަތަށް ބަލާއިރު މި ފައިސާ މި ދަނީ ފުށިދިއްގަރު ހިއްކަން. ދެން އެމްޓީސީސީ އަށް ފެރީ ބަންނާށޭ ކިޔާފައި ފައިސާ ދީފަ ގަންނަނީ ޑްރެޖަރެއް." ޝްމްޙީދު ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ މާލީ ހިސާބުތައް ރަނގަޅަށް ބެލެހެއްޓޭތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވެ ޝަމްހީދު ވަނީ ބައެއް ކުންފުނިތަކުގެ އޮޑިޓް ރިޕޯޓުތަކުން ފެންނަ ކަންކަން ހިއްސާކުރައްވާފައެވެ.

އެގޮތުން އައިލެންޑް އޭވިއޭޝަންގެ އޮޑިޓް ރިޕޯޓުގައި ދައުލަތުން އެ ކުންފުންޏަށް 377 މިލިއަން ރުފިޔާގެ ސަބްސިޑީއެއް ލިބުނު ކަމަށް އާމްދަނީގެ ގޮތުގައި ހިމަނާފައިވީ ނަމަވެސް، މަޖިލީހަށް ހުށަހެޅި އެއްވެސް މާލީ ހިސާބަކުން އެ ފައިސާ ދިން ކަމަށް ފެންނަން ނެތް ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުން، ބައްދަލުކުރެއްވުމެއްގެ ތެރެއިން-- ފޮޓޯ; މަޖިލިސް

މީގެއިތުރުން އާރްޑީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓާ ރިޕޯޓުގައި ފިނޭންސް މިނިސްޓްރީން މާޗު މަހު 60 މިލިއަން ރުފިޔާގެ ލޯނެއް ދިން ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ބަޖެޓު ފޮތުގައި އެ މައުލޫމާތު ނެތް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ ބައެއް ކުންފުނިތަކުގެ އޮޑިޓް ރިޕޯޓުގައި މިސާލަކަށް އައިލެންޑް އޭވިއޭޝަން ގެ އޮޑިޓް ރިޕޯޓުގައި އެބައޮތް އެ ކުންފުންޏަށް 377 މިލިއަން ރުފިޔާގެ ސަބްސިޑީއެއް ދައުލަތުން ދިން ކަމަށް. އެ ފައިސާ ލިބު ކަމަށް އާމްދަނީގެ ގޮތުގައި އެ ކުންފުނީގެ އޮޑިޓް ރިޕޯޓުގައި ޖަހަފައި ވެސް އެބަ އޮތް. އެކަމަކު މަޖިލީހަށް ހުށަހެޅި އެއްވެސް ހިސާބުކިތާބެއްގައި އައިލެންޑް އޭވިއޭޝަންގެ ދައުލަތުން އެއްޗެއް ދެއްވި ކަމަށް ނެތް ފެންނާކަށް." ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި 52.6 ބިލިއަން ރުފިޔާގެ ބަޖެޓަކީ ތާރީޚުގައި ވެސް އެންމެ ބޮޑު ހޭދައެއް ކުރުމަށް ފާސްކުރެވުނު ބަޖެޓެވެ. އަދި ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ލޯނުތަކަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް، ހަގީގަތުގައި އެންމެ ބޮޑު އަދަދެއް ހޭދަވަނީ ރިކަރަންޓް ޚަރަދަށް ކަމަށް ވިދާޅުވިއެވެ.

އެގޮތުން 2023 ވަނަ އަހަރާ އަޅާބަލާއިރު ރިކަރަންޓް ޚަރަދު އަހަރަކު 10 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށާއި، 2023 އިން ފެށިގެން މިއަދާ ހަމައަށް ރިކަރަންޓް ޚަރަދުގެ ގޮތުގައި އިތުރަށް ގާތްގަނޑަކަށް 28 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ މައިގަނޑު ސަބަބަކީ ކުންފުނިތަކުން ތަކެތި ގަތުމަށް ކުރާ ޚަރަދު ބޮޑުވުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް