އެންއެޗްއެސްއިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުރަމަތީގެ ކެންސަރަށް ސްކްރީންކުރުމުގެ ދުނިޔޭގެ އެންމެ ބޮޑު ޓްރަޔަލް އިނގިރޭސިވިލާތުގައި ފަށައިފިއެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަތް ލައްކައެއްހާ އަންހެނުންނަށް ބައިވެރިވުމަށް ދައުވަތުދޭ "އީޑިތު ޓްރަޔަލް" އަށް މީހުން ނެގުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ 30 މަރުކަޒެއްގެ ތެރެއިން ފުރަތަމަ މަރުކަޒު ކަމަށްވާ ކޭމްބްރިޖް ޔުނިވާސިޓީ ހޮސްޕިޓަލްސްގައި މިހާރު ވަނީ ފަށާފައެވެ.
މި ޓްރަޔަލްގައި މެމޯގްރާމްތައް ބެލުމަށް އޭއައި ބޭނުންކުރާއިރު، ކެންސަރު ކުރީކޮޅު ދެނެގަތުން ރަނގަޅުކުރެވި، ކްލިނިކަލް މުވައްޒަފުންގެ މަސައްކަތުގެ ބުރަ ކުޑަކުރެވިދާނެތޯ ބަލާނެއެވެ.
އިނގިރޭސިވިލާތުގައި އުމުރުން 50 އަހަރާއި 71 އަހަރާ ދެމެދުގެ އަންހެނުންނަށް ކޮންމެ ތިން އަހަރަކުން އެއްފަހަރު އުރަމަތީގެ ސްކްރީނިން ހެދުމަށް ދައުވަތުދޭއިރު، އަހަރަކު ދެ މިލިއަނަށް ވުރެ ގިނަ މީހުން މި ސްކްރީނިން ހަދައެވެ. މިހާރު ކޮންމެ މެމޯގްރާމް ނުވަތަ އުރަމަތީގެ އެކްސްރޭއެއް އެންއެޗްއެސްގެ ދެ ތަޖުރިބާކާރުން ބަލާއިރު، މި ޓްރަޔަލްގައި އޭގެ ތެރެއިން އެއް ތަޖުރިބާކާރެއްގެ ބަދަލުގައި އޭއައި ބޭނުންކުރެވިދާނެތޯ ޓެސްޓުކުރާނެއެވެ.
އުރަމަތީގެ ކެންސަރުގެ ޓިއުމަރު ނައްތާލުމަށް ކުރެވޭ ސާޖަރީއަކީ ބަލިމީހުން އެންމެ ބޮޑު އުންމީދަކާއެކު އިންތިޒާރުކުރާ އެއް މަރުހަލާ--ފޮޓޯ;ޓެލެގްރާފްއިންޑިއާއާންމު ސްކްރީނިންގ ދައުވަތު ލިބޭއިރު މި ދިރާސާގެ މައުލޫމާތު އަންހެނުންނަށް ދޭނެ ނަމަވެސް، މީގައި ބައިވެރިވުމަކީ މަޖުބޫރު ކަމެއް ނޫނެވެ. އަދި މި ޓްރަޔަލްގެ ސަބަބުން ސްކްރީނިންގ އެޕޮއިންޓްމަންޓުގައި ކަންކަން ހިނގާ ގޮތަކަށް ބަދަލެއް ނާންނާނެއެވެ.
ދިރާސާވެރިން ވިދާޅުވާ ގޮތުގައި، ކުރީގެ އެތައް މިލިއަން ފޮޓޯއެއް ބޭނުންކޮށްގެން މެޝިން-ލާނިން ސޮފްޓްވެއާ ތަމްރީނުކޮށް، އިންސާނުންގެ ލޮލަށް ފާހަގަ ނުވެދާނެ ފަދަ ކުދި ބަދަލުތައް އުރަމަތީގެ ޓިޝޫތަކުން ދެނެގަތުމުގެ ފުރުސަތު އޮވެއެވެ. މި ޓްރަޔަލްގެ އެއް ބައިގައި، އެންއެޗްއެސްގެ ތަޖުރިބާކާރުންނަށް ފޮޓޯތައް ފޮނުވުމުގެ ކުރިން އޭއައި ޕްރޮގްރާމަކުން އެ ފޮޓޯތައް ގްރޭޑްކުރާނެއެވެ. އަދި އަނެއް ބައިގައި، ތަޖުރިބާކާރުން ބެލުމަށްފަހު އޭއައި މެދުވެރިކޮށް އެ ފޮޓޯތައް ރިވިއުކުރާނެއެވެ.
ކުރިން ހަދާފައިވާ ކުދި ދިރާސާތަކުން އޭއައިގެ ސަބަބުން އުރަމަތީގެ ކެންސަރު ދެނެގަތުމުގެ ނިސްބަތް ރަނގަޅުވާކަން ދައްކާފައިވީ ނަމަވެސް، މި ޓްރަޔަލް ކުރިއަށްގެންދާ ދިރާސާވެރިން ވިދާޅުވަނީ ކޮންމެހެން ބޭނުން ނުވާ އިތުރު ޓެސްޓުތައް ހެދުމަށް އަންހެނުން އަލުން ގެންނަންޖެހި، ގެއްލުމެއް ނުވާނެކަން ޔަގީންކުރަންޖެހޭ ކަމަށެވެ. ޔުނިވާސިޓީ އޮފް ވޯރިކްގެ ޕޮޕިއުލޭޝަން ހެލްތުގެ ޕްރޮފެސަރު އަދި ކޯ-ޗީފް އިންވެސްޓިގޭޓަރު ޝިއާން ޓޭލާ-ފިލިޕްސް ވިދާޅުވީ، އޭއައި ޓެކްނޮލޮޖީގެ އެހީގައި ކެންސަރު ކުރީކޮޅު ދެނެގަތުން ރަނގަޅުކުރެވިދާނެ ކަމަށާއި، ނަމަވެސް ދުވަހަކުވެސް އަލާމާތެއް ނުފެންނާނެ ފަދަ އާދައިގެ ބަލިތައް އިތުރަށް ޑައިގްނޯސްކުރުމުން ދުރުހެލިވާން ބޭނުންފުޅުވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ އަންހެނުންގެ މެދުގައި އެންމެ އާންމު ކެންސަރު ކަމަށްވާ އުރަމަތީގެ ކެންސަރު އަހަރަކު ގާތްގަނޑަކަށް 59،000 މީހުންގެ ގައިން ފެންނައިރު، އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި ކުރީކޮޅު ދެނެގަނެވެނީ އާންމު މެމޯގްރާމްތަކުންނެވެ. އަދި ސްކްރީނިން ޕްރޮގްރާމްގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 1،300 މަރު ހުއްޓުވޭ ކަމަށް ލަފާކުރެވެއެވެ.
އަންހެނުންނަށް އުރަމަތީގެ ކެންސަރުޖެހޭ މިންވަރު އިތުރުވަމުން އަންނައިރު މި ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ވަނީ އުމުރުން ދުވަސްވުމުން --ފޮޓޯ: ނިއުއިންޑިއަންއެކްސްޕްރެސްކޭމްބްރިޖް ޔުނިވާސިޓީގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ ޕްރޮފެސަރު އަދި ކޯ-ޗީފް އިންވެސްޓިގޭޓަރު ފިއޯނާ ގިލްބާޓް ވިދާޅުވީ، އަހަރަކު އެތައް މިލިއަން އަންހެނުން މެމޯގްރާމް ހަދާއިރު ކެންސަރު ހުންނަނީ އެއް އިންސައްތައަށް ވުރެވެސް މަދު ބައެއްގެ ގައިގައި ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ސަބަބުން ފޮޓޯތައް ބެލުން އަވަސްވެ، ކެންސަރު ބަލިމީހުންނަށް ފަރުވާދިނުމަށް ހާއްސަ ރޭޑިއޮލޮޖިސްޓުންނަށް އިތުރު ވަގުތު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ރޭޑިއޮލޮޖިސްޓުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށާއި، އިމޭޖިންގ ޓެސްޓުތަކުގެ އަދަދު އަހަރަކު 8 އިންސައްތަ އިތުރުވަމުންދާ ކަމަށް ގިލްބާޓް ބީބީސީއަށް ވިދާޅުވިއެވެ.
ނެޝަނަލް އިންސްޓިޓިއުޓް ފޯ ހެލްތު އެންޑް ކެއާ ރިސާޗް (އެންއައިއެޗްއާރް) އިން 11 މިލިއަން ޕައުންޑް ހަރަދުކުރާ މި ޓްރަޔަލްގައި ހަތަރު އޭއައި ކުންފުންޏަކުން ބައިވެރިވާއިރު، މި މަސައްކަތް ކުރިއަށްގެންދަނީ އެންއެޗްއެސް އިންގްލެންޑާ ގުޅިގެން ޔުނިވަރސިޓީ އޮފް ވޯރިކް، ކޭމްބްރިޖް ޔުނިވާސިޓީ އަދި ކޭމްބްރިޖް ޔުނިވާސިޓީ ހޮސްޕިޓަލްސް އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓުން އިސްވެއެވެ.
އެޑެންބްރޫކްސް ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތެއްގައި ހެލްތު ސެކްރެޓަރީ އީވެޓް ކޫޕާ ވިދާޅުވީ، ފަރުވާ ރަނގަޅުކުރުމަށް އޭއައިގައި ބޮޑު ގާބިލުކަމެއް ހުރި ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެންމެ ފައިދާހުރި ގޮތުގައި އޭގެ ބޭނުން ހިފުމަށް މިފަދަ ޓްރަޔަލްތައް މުހިންމު ކަމަށެވެ. އެންއެޗްއެސް އިންގްލެންޑްގެ ކެންސަރާ ބެހޭ ނެޝަނަލް ކްލިނިކަލް ޑިރެކްޓަރު ޕްރޮފެސަރު ޕީޓާ ޖޯންސަން ވަނީ ދައުވަތު ލިބޭ ކޮންމެ އަންހެނަކުވެސް މީގައި ބައިވެރިވުމަށް އެދިވަޑައިގެން، ކޮންމެ ސްކޭނެއްވެސް ތަޖުރިބާކާރަކު ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ. މި ޓްރަޔަލް ގާތްގަނޑަކަށް ތިން އަހަރަށް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.