ޑެލިވަރީ ފަދަ ޚިދުމަތްތަކުގެ ތެރެއިން ސްކޭމް ފައިސާ ދައުރުކުރާތީ ސަމާލުވުމަށް އެދިއްޖެ

ޑެލިވަރީ އާއި ރައިޑް-ހެއިލިން ފަދަ ޚިދުމަތްތަކުގެ ތެރެއިން ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ ދައުރުކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައި--

މަކަރާއި ހީލަތުން ހޯދާ ފައިސާ ޓްރާންސްފާ ކުރުމަށާއި އެ ފައިސާ އޭޓީއެމް މެދުވެރިކޮށް ނެގުމަށްޓަކައި ކުށްވެރިން ރައިޑް-ހެއިލިން އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ، މިކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ރައިޑް-ހެއިލިން ޑްރައިވަރުންނާއި، ޑެލިވަރީގެ ޚިދުމަތްދޭ ފަރާތްތަކާއި އާންމު ރައްޔިތުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދެފިއެވެ.

މިކަމުގެ ތަފްސީލު ހިއްސާކުރުމަށްޓަކައި ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ސްކޭމަރުން އަންނަނީ ޑްރައިވަރުންނާއި ޑެލިވަރީ މަސައްކަތްތެރިންނަށް އަމާޒުކޮށް، އެމީހުންގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގައި، ހަވާލުކޮށްދިނުމުގެ ބަދަލެއްގެ ގޮތުން ޓިޕްސް އަދި އެހެނިހެން އިނާޔަތްތައް ދޭނެ ކަމަށް ބުނެ ހުށަހަޅަމުންނެވެ.

https://sun.mv/230452

މިއީ އިތުރު އާމްދަނީއެއް ހޯދުމަށް ލިބޭ ފުރުސަތެއް ކަމަށް ހީވި ނަމަވެސް، މިފަދަ ކަމެއްގައި ބައިވެރިވުމުގެ ސަބަބުން ތިމާއަށް ނޭނގި ނަމަވެސް މާލީ ކުށެއްގައި ބައިވެރިވެވުމުގެ ނުރައްކާ އޮންނަކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ ސްކޭމަރުން، މި މަޅީގައި ޑެލިވަރީ އަދި ރައިޑް-ހެއިލިން ޑްރައިވަރުން ޖައްސާ ގޮތް ކިޔައިދީފައެވެ. އެގޮތުން، އެޕްލިކޭޝަނެއް މެދުވެރިކޮށް ސައްހަ ދަތުރެއް ނުވަތަ ޑެލިވަރީ އޯޑަރެއްގެ ރިކުއެސްޓެއް ފޮނުވުމަށްފަހު، ޑްރައިވަރު ނުވަތަ ޑެލިވަރީ ކުރާ މީހާ އެ ރިކުއެސްޓް ގަބޫލުކުރުމާއެކު ގިނަ ފަހަރަށް އެޕްލިކޭޝަންގެ ރަސްމީ މުއާމަލާތްކުރާ ޗެނަލްތަކުން ބޭރުން ސްކޭމަރު ސީދާ އެ ފަރާތަށް ގުޅައި މުއާމަލާތް ކުރަންފަށައެވެ.

އެއަށްފަހު، ތަފާތު ވާހަކަތައް ދައްކައިގެން ޑްރައިވަރުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނެގުމަށްފަހު ވަކި މީހަކާ ނުވަތަ ވަކި ތަނަކާ ހަވާލުކުރުމަށް އެދެއެވެ. މިކަމަށް ޑްރައިވަރުން އެއްބަސްކުރުވުމަށްޓަކައި، ދަތުރުގެ ނުވަތަ ޑެލިވަރީގެ އަސްލު އަގަށްވުރެ އިތުރަށް ޓިޕްސްގެ ގޮތުގައި އިތުރު ފައިސާ ދިނުމަށް ސްކޭމަރުން ހުށަހަޅައެވެ.

ނަމަވެސް މިގޮތަށް އެކައުންޓްތަކަށް ޓްރާންސްފާކުރާ ފައިސާއަކީ އެހެން ބަޔަކަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ ފައިސާ ނަގައި އެހެން ފަރާތަކާ ހަވާލުކުރުމުން، ޑްރައިވަރުންނަށް ނޭނގި ނަމަވެސް ކުށްވެރިންނަށް އެ ވަގަށްނެގި ފައިސާ ދައުރުކުރުމަށާއި، އެ ފައިސާ ދައުރުކުރި ގޮތް ފޮރުވުމަށް އެހީތެރިވެދެވެނީކަމަށް ފުލުހުން ބުފައިވެއެވެ.

ކުށްވެރިން ޤާނޫނާ ޚިލާފަށް ހޯދާފައިވާ ފައިސާ އެކައުންޓަށް ޖަމާކޮށް ދައުރުކުރުމަށް، އެނގިގެން ނުވަތަ ނޭނގި ނަމަވެސް އެހެން މީހުން ބޭނުންކުރުމުގެ މި އަމަލަށް ކިޔަނީ "މަނީ މިއުލިން" އެވެ.

https://sun.mv/230518

ފުލުހުންގެ ބަޔާނުގައި އިތުރަށް ވަނީ މިކަމުގައި ހުރި ނުރައްކާތެރިކަންވެސް ކިޔައިދީފައެވެ. އެގޮތުން، އެކައުންޓަށް ޖަމާވި ފައިސާއަކީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޑްރައިވަރަށް ނުވަތަ ޑެލިވަރީ ކުރާ ފަރާތަށް ނޭނގުނު ކަމުގައި ވިޔަސް، މަކަރާއި ޙީލަތުން ހޯދާ ފައިސާ ޓްރާންސްފާކުރުމުގެ ސަބަބުން ދިމާވެދާނެ ކަންކަމުގެ ގޮތުގައި ފުލުހުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި:

  • އަމިއްލަ ބޭންކް އެކައުންޓްތައް ފްރީޒްކުރުން ނުވަތަ އެކައުންޓް ބޭނުންކުރުމަށް ހުރަސްއެޅުން (ރެސްޓްރިކްޓް ކުރުން).
  • ހަލާލު ގޮތުގައި ހޯދާ އާމްދަނީއަށާއި ދުވަހުން ދުވަހަށް ކުރާ މާލީ މުއާމަލާތްތަކަށް ބުރޫއެރުން.
  • މާލީ ގެއްލުންތަކާއި މާލީ ގޮތުން ޒިންމާވާން ޖެހުމުގެ ފުރުސަތު އޮތުން.
  • ޖިނާއީ ތަހުގީގުތަކަށް ހާޒިރުކުރެވި ތަހުގީގު ހިންގުން.
  • ހާލަތާއި އެކަމުގައި ބައިވެރިވެފައިވާ މިންވަރަށް ބަލައި، ގާނޫނީ ފިޔަވަޅުތަކާ ކުރިމަތިލާންޖެހުން.
  • ނަގުދު ފައިސާ ހަވާލުވުމަށްފަހު ސްކޭމަރުން ފިލައިގެންދާއިރު، މަކަރާއި ހީލަތުން ހިންގާފައިވާ އެ މުއާމަލާތްތަކާ ގުޅޭގޮތުން ބޭންކުތަކަށާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެކައުންޓުގެ ވެރިފަރާތުން ޖަވާބުދާރީވާން ޖެހުން.

ސްކޭމަރުންގެ މިފަދަ މަޅިތަކުގައި ނުޖެހި، ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައްވެސް ފުލުހުންގެ ބަޔާނުގައި ހިއްސާކޮށްފައި ވެއެވެ. އެގޮތުން، ކަސްޓަމަރުން ނުވަތަ ނުދަންނަ މީހުންގެ ފަރާތުން ފައިސާ ގަބޫލުކުރުމަށާއި، ޓްރާންސްފާ ކުރުމަށް ނުވަތަ ނަގުދު ފައިސާ ނެގުމަށް އަމިއްލަ ބޭންކް އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު، އެއްވެސް މީހަކަށް ނުދިނުމާއި، ދަތުރުގެ ސައްހަ އަގާއި، ޑެލިވަރީ ޗާޖު ނުވަތަ ފޯރުކޮށްދޭ ޚިދުމަތާ ގުޅުންހުރި ފައިސާ ފިޔަވައި އިތުރު އަގެއް ދޭން ބުނިނަމަވެސް ޤަބޫލު ނުކުރުމުގެ އިތުރުން، ވީހާވެސް ބޮޑަކަށް މުއާމަލާތްތަކާއި ފައިސާގެ މުއާމަލާތްތައް، ޚިދުމަތްދޭ ޕްލެޓްފޯމްގެ ރަސްމީ ޗެނަލްތަކުގެ ތެރޭގައި ބެހެއްޓުމަށް ސަމާލުވުންފަދަ ކަންކަން، ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ، މިފަދަ މުޢާމަލާތެއް ހިންގަން އުޅޭކަމަށް ޝައްކުވެއްޖެނަމަ ވަގުތުން ބޭންކަށާއި ފުލުހުންނަށް އެކަން އަންގައި، މެސެޖުތަކާއި ކޯލް ރެކޯޑްތަކުގެ އިތުރުން ބުކިން ތަފްސީލުތައް އަދި ޓްރާންސްފާ ސްލިޕްތައް ފަދަ ކަމާގުޅުންހުރި ހުރިހާ ހެއްކެއް ރައްކާކުރުމަށް އިލްތިމާސްކޮށްފައެވެ.

https://sun.mv/230658

ރާއްޖޭގައި މިފަހަކަށް އައިސް ސްކޭމްގެ އެކި ބާވަތްތައް އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. އެހެންކަމުން، މިފަދަ ކަންކަމުން އާންމު ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި، އަދި ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، އެމީހަކަށް އެހީތެރިވުމަށްޓަކައި ފުލުހުން އަންނަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް