އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސޮފްޓްވެއާއިން ފުއްޕާމޭގެ ކެންސަރުގެ އަލާމާތްތައް ދެނެގަތުމުގައި ނޯތުހެމްޕްޓަންޝަޔާގެ ރޭޑިއޮލޮޖީ ޓީމުތަކަށް ދަނީ އެހީތެރިވަމުންނެވެ.
ކޮންސަލްޓަންޓް ރޭޑިއޮގްރާފަރު ކޯނިލިއަސް މުޝަންބީއާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކެޓަރިން އަދި ނޯތުހެމްޕްޓަންގެ ޖެނެރަލް ހޮސްޕިޓަލްތަކުގައި ބޭނުންކުރާ މި ސޮފްޓްވެއާއަކީ މޭގެ އެކްސްރޭތަކުން ފަސޭހައިން ނުފެންނަ ކުދި ބަދަލުތައް ފާހަގަކޮށްދޭ އިތުރު ލޮލެއް ފަދަ ވަސީލަތެކެވެ. މިއީ ޑޮކްޓަރުން ނިންމާ ނިންމުންތަކަށް އޮންނަ އިތުބާރު ބޮޑުކޮށްދޭ ކަމެއް ނަމަވެސް، އިންސާނީ ތަޖުރިބާގެ ބަދަލުގައި ބޭނުންކުރާ އެއްޗެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެންއެޗްއެސް އިންގްލެންޑްގެ މާލީ އެހީތެރިކަމާއެކު ނޮވެންބަރު 2024 ގައި ތައާރަފުކުރި މި ޓެކްނޮލޮޖީގެ އެހީގައި މިހާތަނަށް 62،661 މޭގެ އެކްސްރޭ ވަނީ ބަލާފައެވެ. ކެޓަރިން ޖެނެރަލް ހޮސްޕިޓަލް އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓް (ކޭޖީއެޗްއެފްޓީ) އިން ބުނި ގޮތުގައި، އޭއައި މެދުވެރިކޮށް ސްކޭންތައް ދިރާސާކުރުމުން، އިތުރު ތަހުލީލުތައް ކުރަންޖެހޭތޯ ރޭޑިއޮލޮޖީ ޓީމުން ކަނޑައަޅައެވެ. އަދި ކޮންމެ އެކްސްރޭއެއް ވެސް ފައިނަލްކުރަނީ ޑޮކްޓަރުންގެ ފުރިހަމަ ބެލުމުގެ ދަށުން ކަމަށާއި، މީގެ ބޭނުމަކީ އަވަސް ފަރުވާ ބޭނުންވާ ބަލިމީހުންގެ ސްކޭންތަކަށް އިސްކަންދީގެން ކެންސަރުގެ އަލާމާތްތައް ކުރިން ދެނެގަތުން ކަމަށް އެ ޓްރަސްޓުން ބުންޏެވެ.
މުޝަންބީ ވިދާޅުވި ގޮތުގައި، މި ނިޒާމުގެ ސަބަބުން ބަލިމީހާގެ އެކްސްރޭއާއި ސީޓީ ސްކޭން ނަގައި، ރޭޑިއޮގްރާފަރެއްގެ ރިޕޯޓާއެކު އެއް ދުވަހުން ހޮސްޕިޓަލުން ދޫކޮށްލުމުގެ ފުރުސަތު ލިބެއެވެ. އޭއައިގެ އެހީތެރިކަން ނެތް ނަމަ، މި މަރުހަލާތައް ފުރިހަމަކުރުމަށް އެތައް ދުވަހެއް ހޭދަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިހާރު ހަމައެކަނި ރޭޑިއޮލޮޖީ މުވައްޒަފުންނަށް ފެންނަ މި ސްކޭން ރިޕޯޓުތައް، އިމަޖެންސީ ޑިޕާޓްމަންޓް ހިމެނޭހެން އެހެން ޓީމުތަކަށް ވެސް ފެންނާނެ ގޮތް ހެދުމަށް މަޝްވަރާކުރަމުންދާ ކަމަށް ކޭޖީއެޗްއެފްޓީން ބުންޏެވެ. އަދި ރަސްމީ ގަޑިތަކުން ބޭރުގައި ދޭ ފަރުވާތަކުގައި ސީރިއަސް މައްސަލަތައް އަވަހަށް ދެނެގަތުމަށް މީގެ ސަބަބުން އެހީތެރިކަން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އެ ޓްރަސްޓުން ބުންޏެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، އެ ގައުމުގައި ކެންސަރު ޖެހިގެން މަރުވާ ކޮންމެ ފަސް މީހަކުން އެކަކީ ފުއްޕާމޭގެ ކެންސަރުގައި މަރުވާ މީހުންނަށް ވާއިރު، އެ ބަލި ދެނެގަތުމަށް އެންއެޗްއެސްއިން އަހަރަކު ހަތް މިލިއަނެއްހާ މޭގެ އެކްސްރޭ ނަގައެވެ.