އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ބަޖެޓު ފާސްކޮށްފައި ވަނީ 65 މެންބަރުންގެ ވޯޓާއެކުއެވެ. ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.
މި ބަޖެޓު މަޖިލީހުން ފާސްކޮށްފައި މިވަނީ އިދިކޮޅު އެމްޑީޕީގެ މެންބަރުން އެ ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ބަލައިގަތުމެއް ނެތިއެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފިނޭންސުން ހުށަހެޅީ، 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު، ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ.
ބަޖެޓުގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް، ދައުލަތް ހިންގުމަށް ކުރާ ހޭދަ ނުވަތަ ރިކަރަންޓު ޚަރަދުތައް އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އަންނަ އަހަރު ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.
އެ ބަޖެޓު ޚާއްސަކުރަނީ ސިއްހީ ދާއިރާއަށް ކަމަށް ސަރުކާރުން ބުނެފައިވާއިރު، އެ ދާއިރާއަށް 10 ބިލިއަން ކަނޑައަޅައިފައިވެއެވެ.
އަންނަ އަހަރަށް ސަރުކާރުގެ ފަރާތުން ބަޖެޓު ހުށަހެޅުއްވުން --- ފޮޓޯ: މަޖިލިސްމިދިޔަ މަހު 29ގައި ބަޖެޓު އިއުލާންކުރައްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، ރައްޔިތުންގެ ދުޅަހެޔޮކަމާއި ގައުމުގެ މުސްތަގުބަލަށްޓަކައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމަށް އަންނަ އަހަރުގައި ބޮޑު އިސްކަމެއް ދިފާއިވާނެ ކަމަށް އެ ދުވަހު ޒަރީރު ވިދާޅުވިއެވެ.
އެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ޖުމްލަ ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 52.6 ބިލިއަން ރުފިޔާއެވެ. އެއަށްފަހު ޖުމްލަ އާމްދަނީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ކަނޑަައަޅާފައިވާއިރު، ރިކަރަންޓު ޚަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި އެއަށްފަހު ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫތަކަށް 9.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ޑެފިސިޓުގެ ގޮތުގައި 9.4 ބިލިއަން، އަދި ޖީޑީޕީގެ ގޮތުގައި 129.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ދަރަނީގެ ގޮތުގައި 161.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ނިމުނު އަހަރު ދަރަނީގެ ގޮތުގައި ކަނޑައަޅާފައިވަނީ 120 ބިލިއަން ރުފިޔާއެވެ.