އިންޑިއާ ކަނޑަކީ ސަރަހައްދުގެ ގައުމުތައް ބައިބައިކުރުމުގެ ބަދަލުގައި ގައުމުތައް ގުޅުވައިދޭ ތަނަކަށް ހެދުމަށް އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު (އެންއެސްއޭ) އަޖިތު ޑޯވާލް މިއަދު ގޮވާލައްވައިފިއެވެ.
އޭނާ މިކަމަށް ގޮވާލެއްވީ ރާއްޖޭގައި ކުރިއަށްދާ ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ) ގެ އަށްވަނަ އެންއެސްއޭ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ޑޯވާލް ވިދާޅުވި ގޮތުގައި، އިންޑިއާ ކަނޑުގެ އައްސޭރީގައިވާ ގައުމުތަކަކީ އެއް ކަނޑެއް ހިއްސާކުރާ އަދި ތާރީހީ ގޮތުން ގުޅިފައިވާ ގައުމުތަކެކެވެ. އެހެންކަމުން، ކަނޑުގެ ސަލާމަތާއި ސަރަހައްދީ ހަމަޖެހުމުގެ އިތުރުން އިގުތިސާދީ ކުރިއެރުން ހޯދުމަށްޓަކައި މި ގައުމުތަކުގެ މެދުގައި ދެމެހެއްޓެނިވި ގުޅުމެއް އޮތުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ތާރީހީ ގޮތުންވެސް ކަނޑުތަކަކީ މުޖުތަމައުތަކާއި ގައުމުތައް ބައިބައިކުރުމުގެ ބަދަލުގައި ގުޅުވައިދިން ވަސީލަތެއް. އަންނަން އޮތް ޖީލުތަކަށްޓަކައި އަޅުގަނޑުމެން މި އާދަ ދަމަހައްޓަންޖެހޭ،" މީގެ ކުރީގެ ޖީލުތަކުން ދޫކޮށްފައިވާ ތަރިކައަށް އަލިއަޅުވާލައްވައި ޑޯވާލް ވިދާޅުވިއެވެ.
ނޮވެމްބަރު 2020 ގައި އުފެއްދި ސީއެސްސީއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އަމާޒުގައި އުފެއްދި ޖަމާއަތެއްކަން ފާހަގަކުރައްވައި، މި ޖަމާއަތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ޑޯވާލް ވިދާޅުވިއެވެ. އިންޑިއާގެ "ނޭބަހުޑް ފަސްޓް" ސިޔާސަތާއި "މަހާސާގަރު" ތަސައްވުރާ މި ކޮންކްލޭވް ގުޅިފައިވާ ކަމަށާއި، ސަރަހައްދީ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އިންޑިއާއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މި ބައްދަލުވުން ރާއްޖޭގައި އިންތިޒާމުކޮށްފައިވާތީ، ރާއްޖޭގެ އެންއެސްއޭ އިބްރާހީމް ލަތީފަށް ޑޯވާލް ޝުކުރުއަދާކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އިންޑިއާ ކަނޑުގެ މުހިންމުކަމާ މެދު އުފެދުނު ކުޑަ ހިޔާލަކުން ފެށި މި މަސައްކަތް މިހާރު ވަނީ ހަރުދަނާ ސަރަހައްދީ ޕްލެޓްފޯމަކަށް ބަދަލުވެފައެވެ. އެގޮތުން، އޮގަސްޓު 2024 ގައި ސީއެސްސީގެ ޗާޓަރު ފާސްކޮށް، ސެކްރެޓޭރިއަޓެއް ގާއިމުކުރުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ސީއެސްސީގެ މައިގަނޑު އަމާޒަކީ ގައުމުތަކަށް ކުރިމަތިވާ ނުރައްކާތަކާ ގުޅިގެން މަސައްކަތްކޮށް ސަރަހައްދީ ސަލާމަތް ކުރިއެރުވުމެވެ. މި ޖަމާއަތުގެ އެއްބާރުލުމުގެ މައިގަނޑު ފަސް ދާއިރާގެ ތެރޭގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުން، އިންސާނީ ވަގުފާރިއާއި ކުށްކުރުން ހުއްޓުވުން، ސައިބާ ސެކިއުރިޓީގެ އިތުރުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
އިއްޔެ އިން ފެށިގެން މާދަމާއަށް ރާއްޖޭގައި ކުރިއަށްދާ މި ބައްދަލުވުމުގެ ހަވާސާގައި ޑޯވާލް ވަނީ ރާއްޖޭގެ ދިފާއީ ވަޒީރު ހަސަން ރަޝީދާ އިއްޔެ ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މި ކޮންކްލޭވްގައި އިންޑިއާ އާއި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، މޮރިޝަސް، ސްރީލަންކާ އަދި ސީޝެލްސް އިން ބައިވެރިވެއެވެ.