ހުރާގައި ގަވައިދާ ޚިލާފަށް ވިޔަފާރި ކުރާ 43 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ހުރާގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި ރެއިޑުގެ ތެރެއިން: މި އޮޕަރޭޝަނުގައި 43 ބިދޭސީން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައި --- ފޮޓޯ/ އިމިގްރޭޝަން

ކ. ހުރާގައި ގަވައިދާ ޚިލާފަށް އުޅުނު 43 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި، އިއްޔެ ހެނދުނު 06:00 ފެށިގެން 17:00އާ ހަމައަށް ހުރާގައި ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނެއް ވަނީ 341 ބިދޭސީން ބަލައި ފާސްކޮށްފައެވެ.

މި އަޮޕަރޭޝަނުގައި 43 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ހުރާގައި މި އޮޕަރޭޝަން ހިންގީ، ގަވައިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތް ކުރާ ބިދޭސީން ބަލައިފާސްކުރުމަށް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ހުރާގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި ރެއިޑުގެ ތެރެއިން: މި އޮޕަރޭޝަނުގައި 43 ބިދޭސީން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައި --- ފޮޓޯ/ އިމިގްރޭޝަން

ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ އޮތީ ވަރަށް ބޮޑުވެފައެވެ. އެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވެރިކަމާ ހަވާލުވެ މާ ގިނަ ދުވަސްތަކެއް ނުވެ، "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ހޯމް މިނިސްޓްރީން ހަރަކާތެއް ފެށިއެވެ.

މި މަހު 17 ވަނަ ދުވަހުގެ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ ބަޔޮމެޓްރިކް ޑޭޓާ މިހާރު ވަނީ އެއްކުރެވިފައެވެ. އެއީ، ދުނިޔޭގެ ގައުމުތަކުގެ ނިސްބަތަަށް ބަލާއިރު އެންމެ އެއް ޕަސެންޓު ގައުމުން ހާސިލްކޮށްފައިވާ ކާމިޔާބީއެއް ކަމަށް އެ ރޭ އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނިމުނު ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އަމާޒަކީ އަންނަ އަހަރުގެ މެއި މަހާ ހަމައަށް ކުރަނގި އޮޕަރޭޝަން ނިންމައި، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް