ސުޕްރީމް ކޯޓަށް ސަމީރު އައްޔަންކުރަން މަޖިލީހުން ރުހުންދީފި

ކުރީގެ ފަނޑިޔާރު ޢަލީ ސަމީރު: ސަމީރު ސުޕްރީމް ކޯޓަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ވަނީ ފާސްކޮށްފައި -- ފޮޓޯ: އަވަސް

ސުޕްރީމް ކޯޓުން ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

ސަމީރު ސުޕްރީމް ކޯޓަށް އައްޔަންކުރަން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން ފާސްކުރީ މިދިޔަ ބުދަ ދުވަހެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ ސަމީރު ސުޕްރީމް ކޯޓަށް އައްޔަންކުރަން ފެނޭތޯ ވޯޓަށް އަހައިފައެވެ. ވޯޓުގައި ބައިވެރިވި 55 މެންބަރުން ވެސް ވަނީ ސުޕްރީމް ކޯޓަށް ސަމީރު އައްޔަންކުރަން ފެންނަ ކަމަށް ވޯޓުދީފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވަނީ މިހާރު އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަލީ ރަޝީދު ޙުސައިން އަންނަ މަހު ރިޓަޔާ ކުރައްވާތީއެވެ.

އެ ފުރުސަތުގައި މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައި ކުރިމަތިލެއްވީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ.

ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ސަމީރަކީ 2011ވަނަ އަހަރުން ފެށިގެން 2022ވަނަ އަހަރުގެ ނިޔަލަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް އޭނާ ކުރެއްވިއިރު، ހައި ކޯޓުން ވަކިވެވަޑައިގަތުމަށް ފަހު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ވަނީ ފުރުއްވައިފައެވެ.

comment ކޮމެންޓް