ހުޅުމާލޭ ރީތީ ގަސް މަގުގައި ހުރި ގަސްތަކުގައި ހުވަނި އެޅުމުން، ހުވަނި މެރުމަށް ބޭސްޖެހުމަށް އެ މަގުގައި ޕާކުކޮށްފައިވާ ވެހިކަލުތައް ނަގަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސއިން ކޮށްފައިވާ އިއުލާނެއްގައި ވަނީ ހުޅުމާލޭ ރީތި ގަސް މަގުގައި ހުރި ދަނބި ގަސްތަކުގައި ހުވަނި ފެތުރެމުންދާތީ، ރައްޔިތުންގެ ރައްކާތެރިކަމަށް އެ ސަރަހައްދުގެ ގަސްތަކަށް ބޭސްޖެހުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން ހުވަނި ބޭސް ޖެހުމުގެ މަސައްކަތް، މާދަމާ ހެނދުނު 9:00 އިން ފެށީގެން ދެދުވަހުގެ މުއްދަތައް ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެޗްޑީސީއިން ވަނީ މާދަމާ ހެނދުނު 9:00 ގެ ކުރީން ރީތި ގަސް މަގުގެ ދެފަރާތުގައި، ވަކިން ހާއްސަކޮށް ހުވަނީގެ އަސަރުކޮށްފައިވާ ދަނބު ގަސްތަކުގެ ދަށުގައި ޕާކުކޮށްފައިވާ އެންމެހައި އުޅަނދުތައް އެސަރަހައްދުން ނަގައިދިނުމަށް އެދިފައެވެ. އަދި އެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި އެ ސަރަހައްދުގައި އުޅަނދު ޕާކުނުކުރުމަށްވެސް އެޗްޑީސީއިން ވަނީ އިލްތިމާސްކޮށްފައެވެ.
https://x.com/hdcmaldives/status/2125571717758357962
އެ ކޯޕަރޭޝަނުން ވަނީ އެކަމުގެ ސަބަބުން ދިމާވެދާނެ އެންމެހައި ދަތިތަކަށް މައާފަށް އެދިފައެވެ. އަދި އެފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ހުވަންޏަކީ މޫސުން މޫސުމަށް ބައެއް ގަސްގަހުގައި އަޅާ ފަންޏެކެވެ. އެ ފަނީގެ ކަށި ޖެހުމުން ގައިގެ ތަންތަން ދުޅަވެ، ރަތްވެ ހިރުވާގޮތްވެއެވެ.