އަގުހުރި އިނާމުތަކަކާއި އެކު މޯލްޑިވްސް ލިވިން އެކްސްޕޯ 2016 މިއަދު ހުޅުވައިފި އެވެ. މިފަހަރުގެ އެކްސްޕޯގައި 20 ސްޓޯލެއް ބަހައްޓާފައިވެ އެވެ.
ހައިރައިޒް އިން އިންތިޒާމުކޮށްގެން ބާއްވާ އެ އެކްސްޕޯ އާޓް ގެލެރީގައި މިއަދު ރަސްމީކޮށް ހުޅުވައި ދެއްވީ ވިޔަފާރިވެރިން ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފެވެ.
މިފަހަރުގެ ފެއާގައި ގިނަ އަދަދަކަށް ރާއްޖެއިން ބޭރުގެ ފަރާތްތައް ވަނީ ބައިވެރިވެފަ އެވެ. އެގޮތުން މިއަހަރު މޯލްޑިވްސް ލިވިން އެކްސްޕޯގައި އަވަށްޓެރި ލަންކާގެ 10 ސްޓޯލެއް ވަނީ ބައިވެރިކޮށްފަ އެވެ. އޭގެތެރޭގައި ގިނައީ ރިއަލް އީ ސްޓޭޓް ވިޔަފާރި ކުރައްވާ ފަރާތްތަކެވެ.
މޯލްޑިވްސް ލިވިން އެކްސްޕޯ 2016ގެ ތެރެއިން: ސަން ފޮޓޯ/ ފަޔާޒު މޫސާ
މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުވާފައި ހުންނަ މި އެކްސްޕޯއަށް ޒިޔާރަތްކޮށްގެން ގުރުއަތުން ލިބޭ އިނާމުތަކުގެ ތެރޭގައި މުނި ހޯމް ކެއާއިން ދޭ ޑައިނިން ސެޓަކާއި، މީޑިއާ ނެޓުގެ ފަރާތުން ހަދިޔާކޮށްފައިވާ ހޯމް ކެއާ އޯޕެން ޓީވީ މޮޑެމެއްގެ އިތުރުން ވޮޔޭޖަސް މޯލްޑިވްސްގެ ފަރާތުން ހަދިޔާކޮށްފައިވާ ޑުބާއީއަށް ދިއުމުގެ ދެކޮޅު ޓިކެޓު ދިނުން ހިމެނެ އެވެ.
އެކްސްޕޯ ހުޅުވައިދެއްވުމަށްފަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އާސިފް ވިދާޅުވީ، ލަންކާއިން ފުލެޓު ނުވަތަ އެޕާޓުމަންޓެއް ގަންނަން ބޭނުންވާ ފަރާތްތަކަށް މިފަހަރުގެ ލިވިން އެކްސްޕޯ އަކީ ވަކިން ހާއްސަކޮށް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
އާސިފް "ސަން" އަށް އިންޓަވިއު ދެއްވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ
"މިސާލަކަށް ސިލޯނަށް މޫވް ކުރަނީ ނުވަތަ ކުއްޖަކު ކިޔަވަން ފޮނުވަނީ، އެފަދަ ފަރާތްތަކަށް ސިލޯނުން އެޕާޓުމަންޓެއް ހޯދުމަށް މިއީ ހަމަ ގޯލްޑަން އޮޕަޗިއުނިޓީއެއް،" އާސިފް ވިދާޅުވި އެވެ.
މޯލްޑިވްސް ލިވިން އެކްސްޕޯ 2016ގެ ތެރެއިން: ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭނާ ވިދާޅުވީ މިފަދަ އެކްސްޕޯގެ ސަބަބުން ރާއްޖެއަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން މިފަހަރުގެ އެކްސްޕޯގައި ބައިވެރިވެފައިވާ ލަންކާގެ ކުންފުނިތަކުން ވެސް ރާއްޖޭގައި އިންވެސްޓު ކުރަން ބޭނުންވާ ކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އާސިފް ވިދާޅުވި އެވެ.