ސްކޫލްކުދިންގެ ފެތުމުގެ މުބާރާތް އަންނަ މަހު 16ގައި ފަށަނީ

40 ވަނަ ގައުމީ ފެތުމުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރޭން: ސްވިމިން އެސޯސިއޭޝަނުން މިހާރު ވަނީ ސްކޫލް ކުދިންގެ 14 ވަނަ ފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި -- ފޮޓޯ: ސްވިމިންއެސޯސިއޭޝަން

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސްކޫލް ކުދީންގެ 14 ވަނަ ފެތުމުގެ މުބާރާތް އަންނަ މަހު 16 އިން 22އަށް މާލޭ ސްވިމިން ޓްރެކްގައި ބޭއްވުމަށް އެ އެސޯސިއޭޝަނުން ހަމަޖައްސައިފިއެވެ.

ސްވިމިން އެސޯސިއޭޝަނުން މިއަދު ބުނީ، މަކީޓާ، ސްކޫލް ކުދިންގެ ފެތުމުގެ 14 ވަނަ މުބާރާތް އަންނަ މަހު 16ގައި ފެށުމަށް ހަމަޖެހިފައިވާއިރު، އެމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލާފައިވާކަމަށެވެ.

މާލޭ ޓްރެކް ސަރަހައްދު: ސްވިމިން އެސޯސިއޭޝަނުން މިހާރު ވަނީ ސްކޫލް ކުދިންގެ 14 ވަނަ ފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި -- ފޮޓޯ: ސްވިމިންއެސޯސިއޭޝަން

މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް މަހުގެ 3 ވަނަ ދުވަސް ކަމަށާއި، ސްކޫލްތަކުން އިތުރު މައުލޫމާތު ބޭނުން ނަމަ، ސްވިމިން އެސޯސިއޭޝަނަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

މިފަހަރުގެ މުބާރާތުގައި ވެސް އަންހެން އަދި ފިރިހެން ކެޓަގަރީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު، އޭގެ ތެރޭގައި، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް، 19 އަހަރުން ދަށުގެ އުމުރުފުރާ ހިމެނެއެވެ. އަދި މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އިންޓަސްކޫލް ސްވިމިން މުބާރާތަކީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގައި މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރަމުންގެންދާ މަކީޓާ ޕަވަރ ޓޫލްސް އިން ސްޕޮންސަރ ކޮށްފައިވާ މުބާރާތެކެވެ.

comment ކޮމެންޓް