އެމްއެންޑީއެފާއި މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯއާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ގައުމީ ކެޑޭޓް ކޭމްޕް ގިރިފުށީގައި އިއްޔެ ފަށައިފިއެވެ.
ކެޑޭޓް ކޭމްޕުގެ ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކެޑޭޓުން އެއްތަނަކުން ބައްދަލުވެ ކެޑޭޓުންގެ ތެރޭގައި އެކުވެރިކަން އުފައްދާ އެމްއެންޑީއެފުގައި ގާއިމުވެފައިވާ ބައެއް އަސްކަރީ އުސޫލުތަކާއި ހަމަތަކުގެ މައުލޫމާތު ދިނުމެވެ.
އޭގެ އިތުރުން ކުދިންގެ އަހްލާގާއި ސުކޫލަކަށް ހެޔޮ ބަދަލުތަކެއް ގެނައުން ވެސް އެ ކޭމްޕުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

18 ވަނަ ގައުމީ ކެޑޭޓް ކޭމްޕުގައި ބައިވެރިވާ ކެޑޭޓުން --- ފޮޓޯ/ އެމްއެންޑީއެފް
އެމްއެންޑީއެފުން ބުނީ، އިއްޔެ އިން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމާފައިވާ މިއަހަރުގެ ކެޑޭޓް ކޭމްޕުގައި މުޅިއަކު 31 ސްކޫލަކުން 137 ދަރިވަރުން ބައިވެރިވާ ކަމަށެވެ. ބައިވެރިވާ ސްކޫލްތަކުގެ ތެރޭގައި މާލޭ ސަރަހައްދުގެ 13 ސްކޫލާއި އަތޮޅުތެރޭގެ 18 ސްކޫލެއް ހިމެނެއެވެ.
ކެޑޭޓް ކޭމްޕު ފެށުމުގެ ގޮތުން ގިރިފުށި ޓްރޭނިން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ކޭމްޕުގެ ޓްރޭނަރުންގެ ގޮތުގައި ބައިވެރިވާ އެމްއެންޑީއެފާއި މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯ ބޭފުޅުންނަށް ވައުދު ލައިދީ، ކޭމްޕުގެ ދަރިވަރުންނަށް އިގުރާރު ލައިދީފައިވެ އެވެ.