ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑް އަތުން ސެލްޓާ ވިގޯ މޮޅުވެއްޖެއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު އެ މެޗުން ސެލްޓާ މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ. މިސީޒަނުގެ ސްޕެނިޝް ލަލީގާގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު ވެސް ސެލްޓާއިން ވަނީ ހަމަ އެ ނަތީޖާއިން ރެއާލް ބަލިކޮށްފައެވެ.
އިއްޔެ ކުޅުނު މެޗުގެ ފުރަތަމަކޮޅު ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި ރެއާލްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދިން ބޯޅައަކުން ލޫކަސް ވަޒްކުއޭޒް އުފެއްދި ހަމަލާ، ސެލްޓާގެ ކީޕަރު ސާޖިއޯ އަލްވަރޭޒް ވަނީ މަތަކޮށްފައެވެ.

ކޮޕާ ޑެލްރޭގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ސެލްޓާ ވިގޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސެލްޓާ މޮޅުވީ 2-1 ލަނޑުން ---
އެ ހަމަލާއަށްފަހު ފުރަތަމަ ހާފު ތެރޭގައި ރެއާލުން ލަނޑެއް ކާމިޔާބުކުރުމަށް ކުރި މަސައްކަތް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ސެލްޓާއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. އެ ލަނޑު ސެލްޓާއަށް ކާމިޔާބުކޮށްދިނީ އިއާގޯ އަސްޕާސްއެވެ. އޭނާއަށް ހަމަލާ އުފެއްދުމަށް ބޯޅަ ލިބުނީ ތިއޯ ބޮންގޮންޑޯ ނަގައިދިން ހުރަސް، މާސެލޯއަށް ރަނގަޅަށް ދިފާއުކުރެވިފައި ނުވުމުންނެވެ.
މެޗުގެ 69 ވަނަ މިނެޓުގައި ރެއާލުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ލަނޑު ރެއާލްއަށް ކާމިޔާބުކޮށްދިނީ މާސެލޯއެވެ. ރެއާލުން ނަތީޖާ ހަމަހަމަކުރިތާ މިނެޓެއްތެރޭ އަނެއްކާވެސް ސެލްޓާއިން ލަނޑެއްޖަހައި ލީޑު ހޯދިއެވެ. އަސްޕާސް ދިން ބޯޅައަކުން ސެލްޓާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯނީ ކާސްޓްރޯއެވެ.

ކޮޕާ ޑެލްރޭގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ސެލްޓާ ވިގޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސެލްޓާ މޮޅުވީ 2-1 ލަނޑުން ---
ސެލްޓާގެ ދެވަނަ ލަނޑަށްފަހު، އަލުން ނަތީޖާ ހަމަހަމަކުރުމަށް ރެއާލުން މަސައްކަތްކޮށްފައިވެއެވެ. މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް، ރެއާލަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ރޮނާލްޑޯ އުފެއްދި ހަމަލާ، ކީޕަރު އަލްވަރޭސް މަތަކުރުމާއެކު ރެއާލްގެ ކަރިމް ބެންޒެމާއަށް ލިބުނު ބޯޅައިން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ކޮޕާ ޑެލްރޭގެ ކުއާޓާގެ ފުރަތަމަ ލެގުން ރެއާލް ބަލިވިއިރު، އޭގެ ކުރިން ކުޅުނު މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ. އެއީ ސްޕެނިޝް ލަލީގާގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން ރެއާލް ބަލިވެފައިވަނީ މެޗަކުން ބަލިނުވެ، 40 މެޗު ހަމަކޮށްފައި ވަނިކޮށެވެ. އެއީ ސްޕެއިންގެ ރެކޯޑެކެވެ.
ކޮޕާ ޑެލްރޭގެ ދެވަނަ ލެގުގައި ސެލްޓާއާ ދެކޮޅަށް ރެއާލް ނުކުންނަން ޖެހޭނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސެލްޓާގެ އަމިއްލަ ދަނޑުގައެވެ.