ރެއާލް ސޮސިއެޑާޑް އަތުން ފަސޭހަކަމާއެކު 2-5ގެ ނަތީޖާއަކުން މޮޅުވެ ސްޕެނިޝް ކަޕްގެ ސެމީ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ދަތުރުކޮށްފިއެވެ.
ބާސެލޯނާގެ ކޭމްޕް ނޯގައި ރޭ ކުޅުނު މެޗަށް ނުކުތްއިރު އެ ދެޓީމް ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ވަނީ 1-0ގެ ނަތީޖާއަކުން ކާމިޔާބްކޮށްފައެވެ. ބާސާ ސެމީ ފައިނަލަށް ދަތުރުކުރީ 6-2ގެ އެގްރިގޭޓަކުންނެވެ.
ރޭގެ މެޗު ފެށިގެން ކުރީ ކޮޅުގައި ޑެނިސް ސުއަރޭޒްގެ ގޯލުން ބާސާ ލީޑް ނެގިއިރު ދެވަނަ ހާފްގެ 55 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ލިއޮނަލް މެސީ ވަނީ ބާސާގެ ލީޑް ފުޅާކޮށްފައެވެ.
ބާސާއިން ދެ ގޯލުގެ ލީޑެއްގައި ކުޅެމުންދަނިކޮޮށް 62 ވަނަ މިނެޓްގައި ސޮސިއެޑާޑުގެ ޖުއަންމީ ވަނީ ގޯލެއް ކާމިޔާބްކޮށް އެޓީމަށް ފަރަގުކުޑަކޮށްދީފައެވެ. ނަމަވެސް ޖެހިގެންއައި މިނެޓްގައި ބާސެލޯނާގެ ލުއިސް ސުއަރޭޒް ވަނީ އިތުރު ގޯލެއް ކާމިޔާބްކޮށްފައެވެ.
ސޮސިއެޑާޑުގެ ދެވަނަ ގޯލު 73 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ ވިލިއަން ހޯސޭއެވެ. ނަމަވެސް ބާސާއިން 80 ވަނަ މިނެޓްގައި އާޑާ ޓުރާން އަދި 82 ވަނަ މިނެޓްގައި ޑެނިސް ސުއަރޭޒްގެ ގޯލުތަކުން ފަސޭހަކަމާއެކު މެޗު ކާމިޔާބްކޮށް ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ބާސާއިން ވަނީ ސެމީގެ ޖާގައެއް ހޯދައިފައެވެ.
ރޭގެ މެޗަށް ފަހު ސްޕެނިޝް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމްތައް ވަނީ ކަށަވަރުވެފައެވެ. ބާސެލޯނާގެ އިތުރުން ދެން ސެމީގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ ޑިޕޯޓިވޯ އަލަވެސްއާއި ސެލްޓާ ވީގޯ އަދި އެތުލެޓިކޯ މެޑްރިޑެވެ. ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭ ޓީމުތައް ކަށަަވަރުވާނީ މިއަދު ނަގާ ގުރުލުމަށްފަހުއެވެ.