ފަހަތުން އަރައި ސްޕޭން ބަލިކޮށް، އިނގިރޭސި ވިލާތުން އިންޑިއާގައި ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފި އެވެ.
ކޮލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ސްޕޭންގެ މައްޗަށް އިނގިރޭސީން ކުރި ހޯދީ 5-2 ލަނޑުގެ ނަތީޖާ އަކުންނެވެ.
އެ މެޗުގެ ފުރަތަމަ ދެ ލަނޑު ޖަހައި ލީޑު ހޯދީ ސްޕޭނުންނެވެ. މެޗުގެ ދިހަ ވަނަ މިނެޓް އަދި 31 ވަނަ މިނެޓުގައި ސްޕޭނުން ކާމިޔާބުކުރި ލަނޑު އެ ޓީމަށް ޖަހައިދިނީ ސާޖިއޯ ގޮމޭޒް އެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، އިނގިރޭސީންގެ ފުރަތަމަ ލަނޑު، އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރިއަން ބްރޫސްޓާ އެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން ސްޕެއިން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެ ވަނަ ހާފުގައި އިނގިރޭސީންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ވަރުގަދަ ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން އިނގިރޭސީންގެ ފަރާތުން ދެ ވަނަ ހާފުގައި ހަތަރު ލަނޑު ފެނިގެންދިޔަ އެވެ. އެ ހަތަރު ލަނޑުގެ ތެރެއިން ފިލިޕް ފޯޑެންގެ ފަރާތުން ދެ ލަނޑު ފެނިގެންދިޔަ އިރު، މޯގަން ގިބްސް ވައިޓް އަދި މާކް ގުއޭހީގެ ފަރާތުން ވެސް ލަނޑެއް ފެނިގެންދިޔަ އެވެ.
ފައިނަލް މެޗުގެ ކުރިން އެ މުބާރާތުގެ ތިން ވަނަ ހޮވާ މެޗު ކުރިއަށްދިޔަ އެވެ. އެންމެ ފަހުގެ ރަނަރަޕް މާލީ ބަލިކޮށް، ތިން ވަނަ މަގާމު ހޯދާފައި ވަނީ ބްރެޒިލް އެވެ. އެ މެޗުގައި މާލީގެ މައްޗަށް ބްރެޒިލް އިން ކުރި ހޯދީ 2-0 ލަނޑުގެ ނަތީޖާ އަކުންނެވެ.
ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި އެ ޓީމުން ޖެހި ދެ ލަނޑު ވެސް ފެނިގެންދިޔައީ ދެ ވަނަ ހާފުގެ ތެރޭގަ އެވެ. މެޗުގެ 55 ވަނަ މިނެޓުގައި ބްރެޒިލް އަށް އެލަން ސޫޒާ ލީޑު ހޯދައިދިން އިރު، މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޔޫރީ އަލްބާޓޯ އެވެ.