އަނިޔާ އިން އެނބުރި އައިސް ބޭލް ތަފާތު ދައްކައިފި

ސްޕެނިޝް ކަޕްގައި ރެއާލް މެޑްރިޑް އާއި ފުއެންލަބްރާޑާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

އަނިޔާ އިން އެނބުރި އައިސް ގެރެތް ބޭލް ދެއްކި މޮޅު ކުޅުމާ އެކު ރެއާލް މެޑްރިޑް ސްޕެނިޝް ކަޕްގެ ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.

ސްޕެއިންގެ ތިންވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ފުއެންލަބްރާޑާއާ ދެކޮޅަށް ކުޅުނު ދެވަނަ ލެގު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 0-2 އިން ކާމިޔާބު ކުރީ ރެއާލް އިންނެވެ. އެއާ އެކު އެޓީމު ގަދަ 16 އަށް ދަތުރުކުރީ 2-4 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.

ރެއާލްގެ ފުރަތަމަ އެގާރައިން ޒުވާން މޫނުތަކެއް ފެނިގެން ދިޔަ މި މެޗު ފުރަތަމަ ލަނޑު ލީޑުނެގީ ފުއެންލަބްރާޑާ އިންނެވެ. މި ގޯލު މެޗުގެ 25 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް މިލާ އެވެ.

ދެވަނަ ހާފުގެ 60 ވަނަ މިނެޓްގައި އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި ގެރެތް ބޭލް ވަނީ ކުޅެން އަރައިފަ އެވެ. ބޭލް ކުޅެން އެރިތާ މާގިނަ އިރުތަކެއް ނުވަނީސް އޭނާ ދިން ޕާހަކުން ބޯޖާ މަޔޯރާލް ވަނީ ރެއާލް އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

އޭގެ 10 މިނެޓު ފަހުން މަޔޯރާލް ވަނީ އިތުރު ލަނޑެއް ޖަހައި ރެއާލް އަށް މެޗުގެ ލީޑު ނަގައިދީފަ އެވެ. ނަމަވެސް މި ނަތީޖާއާ އެކު ރެއާލް މޮޅުވާން ދަނިކޮށް މެޗުގެ 89 ވަނަ މިނެޓްގައި އަލްވަރޯ ޕޯޓިލާ ސުއަރޭޒް ވަނީ ފުއެންލަބްރާޑާ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ބޭލްގެ އިތުރުން ރޭގެ މެޗުގައި އަނިޔާ އިން ރަނގަޅުވެ ރެއާލްގެ ގޯލްކީޕަރު ކޭލާ ނަވާސް އާއި އެޓީމުގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް ވެސް ކުޅެފައިވެ އެވެ.

comment ކޮމެންޓް