އާމްދަނީ ލިބޭނެ ދޮރުތައް ބަންދުވެ ބަނޑަށް ޖެހިފައި ތިބި މީހުންނަށް އެހީތެރިވުމުގެ ގޮތުން ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާގެ ކުރެހުމެއް ބިޑަށް ހުޅުވާލައިފިއެވެ.
ސޮނާކްޝީގެ ޓްވިޓާ އެކައުންޓުގައި އޭނާ ހިއްސާކުރި ވީޑިއޯ އިން ފެންނަނީ އޭނާ ކުރަހާފައިވާ ތަފާތު ކުރެހުންތަކެކެވެ. އޭނާ ބުނީ އެހެން މީހަކަށް އެހީއެއް ނުވާނަމަ ތިމާގެ މޮޅުކަމުގެ ބޭނުމެއް ނެތް ކަމަށާއި ކުރެހުމަކީ އޭނާ ވަރަށް ގަޔާވާކަމެއް ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ ހިތަށް ހަމަޖެހުން ލިބޭ ކަމަށެވެ.
ސޮނާކްޝީގެ ކުރެހުންތައް ބިޑަށް ހުޅުވާލަމުން އޭނާ ބުނީ އެ ބިޑުން ލިބޭ ފައިސާ ހޭދަކުރާނީ އާމްދަނީ ލިބޭނެ ދޮރުތައް ބަންދުވެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ކަމަށެވެ. ބިޑުކުރުން ބަންދުވުމާއެކު އެންމެ މަތިން ބިޑު ކުރާ ތިން މީހުންނަށް ބިޑު މަތި ކުުރުމަށް އެއް ފުރުސަތުދޭނެ ކަމަށާއި އޭގެ ފަހުން ބިޑު ކުރުން ފައިނަލައިޒްކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ. ބިޑު ކުރުމުގެ އުސޫލު އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ވަނީ ހިއްސާކޮށްފައެވެ.
ބަތަލާ ސޮނާކްޝީ އެޅި ފިޔަވަޅާއެކު ބޮލީވުޑްގެ ގިނަ ތަރިންނެއް އަންނަނީ އޭނާއަށް ތައުރީފްކުރަމުންނެވެ.