ކާމިޔާބު ގިނަ ލޯބީގެ ފިލްމުތަކެއް ސިނަމާއަށް ގެނެސްދީފައިވާ ޔަޝް ރާޖް ފިލްމްސްއިން 1993 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޑަރް"ގެ ރޯލެއް އެކްޓަރު އާމިރު ޚާނަށް ހުށަހެޅި ކަމަށް އެކްޓަރު ބުނެފިއެވެ.
ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން އާމިރު ބުނީ ފިލްމުން އާމިރު އަމިއްލައަށް ވަކިވީ ކަމަށް އޭރު ނޫސްތަކުގައި ލިޔުނު ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށެވެ.
ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ޕްރޮމޯޝަނަލް އިންޓަވިއުގައި އާމިރު ބުނީ ހަގީގަތުގައި ފިލްމު "ޑަރް"އިން އާމިރު ވަކިކުރީ އެ ފިލްމުގެ ޑައިރެކްޓަރު ޔަޝް ޗޯޕްރާ ކަމަށެވެ.

އާމިރު ވަކިކުރި ކަމަށް ބުނާ ފިލްމު "ޑަރް"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އާމިރު ބުނީ އޭނާއަށް ފިލްމު ހުށަހެޅުމުން އޭނާ އެދުނީ ދެން ފިލްމުގައި ހިމެނޭ އެކްޓަރާ އެކު އެ ފިލްމުގެ ސްކްރިޕްޓް ނެރޭޓް ކުރުމަށް ކަމަށެވެ. ނަމަވެސް ކުރީގެ ކާމިޔާބު ޑައިރެކްޓަރު އަދި ވައިއާރްއެފްގެ އޭރުގެ އިސްވެރިޔާއަށް އެ ޚިޔާލު ކަމަކު ނުދިޔަ ކަމަށާއި އޭގެ ބަދަލުގައި އާމިރު ފިލްމުން ވަކިކުރީ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އާމިރު ބުނިގޮތުގައި މިހާތަނަށް ސޮއިކޮށްފައިވާ ހުރިހާ ފިލްމެއްގައި ވެސް އޭނާ އަމަލުކޮށްފައި ވާނީ އެގޮތަށެވެ. ފިލްމުގެ ލީޑް ތަރިންނާ އެކު އެ ފިލްމެއްގެ ސްކްރިޕްޓް ނެރޭޓު ކުރުމަކީ އޭނާ އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި އޭގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ފިލްމެއްގެ ވާނުވާ އެންމެންނަށް ވެސް އެނގިގެން މަސައްކަތް ކުރުން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އާމިރު މަސައްކަތްކުރި ފިލްމު "އަންދާޒް އަޕްނާ އަޕްނާ"ގެ ސްކްރިޕްޓް ނެރޭޝަން ތިން ފަހަރު މަތިން ސަލްމާން ޚާން ކެންސަލްކުރި ކަމަށާއި ނަމަވެސް އެންމެފަހުން ފިލްމުގެ މަސައްކަތް ފެށީ ސަލްމާނާ އެކު އެ ފިލްމުގެ ސްކްރިޕްޓް ނެރޭޝަން ކުރިއަށްގެންދިއުމަށްފަހު ކަމަށް އާމިރު ވަނީ ބުނެފައެވެ.
ގައުމީ އެވޯޑެއް ވެސް ލިބުނު ފިލްމު "ޑަރް"ގައި އާމިރަށް ހުށަހެޅި ރޯލް ފަހުން ކުޅުނީ އެކްޓަރު ޝާހްރުކް ޚާންއެވެ. އެ ފިލްމަކީ ޝާހުގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އަދި މިހާރުވެސް ގިނަ ބަޔެއްގެ ހިތުން ފިލައިގެން ނުދާ ކެރެކްޓާއެކެވެ.