ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ ލޯނެއް އަނބުރާ ދައްކާފައި ނުވާތީ، އެ ލޯނު ނެގުމަށް ރަހުނުކޮށްފައި އޮތް ޕާމް ބީޗު (ޅ. މަދިރިގުރައިދޫ) ވިއްކާލުމަށް އެ ބޭންކުން އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ކުރި އިއުލާނެއްގައި ބުނީ މި ލޯނު ނަގާފައި ވަނީ ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑާއި މޮނާޒާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ. ރަށް ރެޖިސްޓްރީ ކޮށްފައި ވަނީ އިބްރާހިމް އަލިމަނިކު ކިޔާ މީހެއްގެ ނަމުގަ އެވެ.
ޕާމް ބީޗު ވިއްކައިލުމުގެ ނީލަން ކުރިއަށްގެންދާނީ ފަސް އޮފިސަރުންގެ ޓީމަކުން ކަމަށް އެސްބީއައި އިން ބުންޏެވެ. ރިސޯޓު ގަންނަން ބޭނުންވާ ފަރާތްތަކުން އަގާ އެކު އައިޑީކާޑުގެ ކޮޕީއެއް ނުވަތަ ކުންފުންޏަކުން ނަމަ ކުންފުނީގެ ރެޖިސްޓްރީ ސެޓްފިކޭޓުގެ ކޮޕީއާ އެކު ސިޓީއުރައެއްގައި ބަންދުކޮށް، އެސްބީއައި ހިންގާ އިމާރާތުގެ އަށްވަނަ ފަންގިފިލާގައި ހުންނަ ލޮކްޑް ބޮކްސްއަށް ލުމަށް އެދޭ ކަމަށެވެ.
ނީލަން ހުށަހަޅާ ފަރަތްތަކުން ސެކިޔުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި 15،000 ޑޮލަރު ދައްކަން ޖެހެ އެވެ. ނީލަމުގެ ސުންގަޑިއަކީ އޮގަސްޓް ހަތަރު ވަނަ ދުވަހެވެ. ނީލަން ފެށޭ އަގަކކީ 20 މިލިއަން ޑޮލަރެވެ.
ނީލަން ކާމިޔާބުކުރާ ފަރާތުން 15 ދުވަސް ތެރޭ އެއް މިލިއަން ޑޮލަރު ދައްކައި، ބާކީ ފައިސާ ދެ މަސްތެރޭ ދައްކަން ޖެހޭނެ ކަމަށް އެސްބީއައި އިން ބުންޏެވެ.