ގެއްލުނު މީހާ ދިޔަކަމަށް ބެލެވޭ ކެނޯއެއް ފެނިއްޖެ

ނ. ހެނބަދޫން ގެއްލިގެން ހޯދަމުން ދާ ޒުވާނާ ދިޔަކަމަށް ޝައްކު ކުރެވޭ ކެނޯއެއް ނ. ކެނދިކޮޅުދޫ ކައިރިން ފެނިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށް ހެނބަދޫ ކައުންސިލުން މިއަދު ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ހެނބަދޫ ކުންނާރުގެ، އިބްރާހީމް ރާމިޒް، 28،އެވެ.

ހެނބަދޫ ކައުންސިލްގެ ރައީސް 'ސަން' އަށް ވިދާޅުވީ ރާމިޒް ގެއްލިގެން އުޅޭ ކަމުގެ ޚަބަރު އޭނާގެ މައިންބަފައިން ކައުންސިލަށް ރިޕޯޓުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 19:00 ހާއިރު ކަމަށެވެ.

ރާމިޒް ދަތުރުކުރި ކަމަށް ބެލެވޭ، ޑިންގީ: ފޮޓޯ: އެމްއެންޑީއެފް

އެވަގުތު ކައުންސިލުން ޕޮލިހަށް ވާނީ އެ މައްސަލަ ރިޕޯޓުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަަށު ކައުންސިލާއި ރައްޔިތުންވެގެން ރޭ ވެސް ރާމިޒް ހޯދުމުގެ މަސައްކަތް ކުރި ކަމަށާއި ނަމަވެސް އަދިވެސް އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށް އަބޫބަކަރު ވިދާޅުވިއެވެ.

އަބޫބަކުރު ވިދާޅުވީ ރާމިޒް ގެއްލިގެން ރިޕޯޓުކުރުމާއެކު އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރުމުގެ ތެރެއިން އެރަށުގެ ގޮނޑުދޮށުގައި އޮތް ކެނޯއެއް ބާލާފައިވާކަން ފާހަގަ ވެފައިވާ ކަމަށެވެ.

މިއަދު އެ ކެނޯ ކަމަށް ޝައްކު ކުރެވޭ ކެނޯއެއް ފެނިގެން އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރީން ރާމިޒް މަސައްކަތްކުރީ ރަށުން ބޭރުގައިކަން ފާހަގަ ކުރައްވައި ކައުންސިލްގެ ރައީސް ވިދާޅުވީ އެ ވަޒީފާ ދޫކޮށްފައި ރަށަށް އައިސްގެން އުޅެނީ ފުލުހުން ބަލަމުން އަންނަ މައްސަލައެއްގައި ކަމަށް އޭނާގެ ބައްޕަ ބުނި ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ރާމިޒަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެކެވެ.

comment ކޮމެންޓް