ޝައިޚް ފަޒްލޫން ދޫކޮށްލި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

ޝައިޚް ފަޒްލޫން ބިން މުޙައްމަދު ---- ފޮޓޯ

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝައިޚް ފަޒްލޫން ބިން މުޙައްމަދު ދޫކޮށްލާފައިވާ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ޝައިޚް ފަޒްލޫން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އެއަށްފަހު ޝަރުތުތަކެއް ކުރުމަށްފަހު ފަޒްލޫން ބަންދުން ދޫކޮށްލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގައެވެ.

ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ޝައިޚް ފަޒްލޫން ދޫކޮށްލާފައިވާއިރު އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމްގެ ބަންދަށް މިދިޔަ އަންގާރަ ދުވަހު ވަނީ 16 ދުވަސް އިތުރުކޮށްފައެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ.

ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

comment ކޮމެންޓް