ޔޯގާ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން އިތުރު ދެމީހަކު ހައްޔަރުކޮށްފި

ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތައް ބަޔަކު ވަދެ ހުރަސް އަޅަނީ --- ފޮޓޯ: ރާއްޖެ.އެމްވީ

ޔޯގާ ދުވަސް ފާހަގަކުރަން ހިންގި ހަރަކާތް ހުއްޓުވުމަށް އެތަނަށް ބަޔަކު ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން އިތުރު ދެމީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ކޯޓުއަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ އުމުރުން 29 އަހަރުގެ މީހަކާއި އުމުރުން 36 އަހަރުގެ މީހެއް ކަމަށެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލާއި އައްޝައިޚް ފަޒްލޫން މުޙައްމަދާއި އައްޝައިޚް އާދަމް ނިޝާން ހިމެނެއެވެ.

އެ މައްސަލައާއި ގުޅިގެން މިވަގުތު ބަންދުގައި ތިބީ ޖުމްލަ 14 މީހުންނެވެ. ޝައިޚް ފަޒްލޫން ހިމެނޭހެން އަށް މީހަކު ވަނީ ދޫކޮށްލާފައެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެންނެވެ.

ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރު އާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

comment ކޮމެންޓް