ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)ގެ މި އަހަރުގެ 'ދަ މޯލްޑިވްސް ލޯންގް ރަން' އަކީ އާދައިގެ ދުވުމެއް ނޫނެވެ.
މިއީ ހަމައެކަނި ދުވެލަން ބޭއްވި ހަރަކާތެއް ވެސް ނޫނެވެ. މިއީ ދުޅަހެޔޮ ސިއްހަތަކަށް މުޅި މުޖުތަމައު ހޭލުންތެރިކޮށް އެ ކަން އަމަލީ ގޮތުން ދައްކަން ބޭއްވި މެރެތަންއެކެވެ.
މި މެރެތަން ފެށީ ރޭ 00:00ގައި ހުޅުމާލޭ ސެންޓްރަލް ޕާކުންނެވެ.
ގާތްގަނޑަކަށް އަށް ގަޑިއިރަށް ދިގު ދެމިގެން ދިޔަ މި މެރެތަން އަކީ ކޮވިޑަށްފަހު ބޭއްވި އެންމެ ބޮޑު މެރެތަން އެވެ.
މި މެރެތަންގައި ހާހަކަށްވުރެ ގިނަ މީހުން ބައިވެރިވިކަމަށް ޓީއެފްޖީއިން ބުނެއެވެ.
މި މެރެތަންއާ ގުޅިގެން ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން "ސަން"އަަށް ވިދާޅުވީ ކޮވިޑުގެ ކުރިން މި މެރެތަން ބޭއްވީ ވަރަށް ބޮޑުކޮށް ކަމަށެވެ.
"ކޮވިޑުގެ ކުރިން ގާތްގަނޑަކަށް 2،000 މީހުން ދުވޭ. އެހެންނަމަވެސް މިއީ ކޮވިޑުގެ ފަހުން މި ގޮތަށް ބޭއްވި ފުރަތަަމަ މެރެތަން. ހަމަ ރިކްރިއޭޝަން. ދުވުން މެދުވެރިކޮށް އާންމުންނަށް ސިއްހަތާ ގުޅޭ ގޮތުން ހޭލުންތެރިކޮށްދިނުމަށް،" އޭނާ ވިދާޅުވިއެވެ.
ޒިނާން އިތުރަށް ވިދާޅުވީ، މިއީ ތަފާތު ހާލަތެއް ކަމަށެވެ. ނަމަވެސް އަލުން މިފަދަ ދުވުންތަކަށް މީހުން ހޭނި، މި ކަމުގައި ބައިވެރިވުން އިތުރުވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
އާންމު ހާލަތެއްގައި މި މެރެތަން ފުރަތަމަ ފަހަރަށް ބާއްވާއިރު އެއީ ޓީއެފްޖީއަށް ވެސް މުޅީން އާ ތަޖުރިބާއަކަށްވި ކަމަށް ޒިނާން ފާހަގަކުރެއްވިއެވެ.
ޓީއެފްޖީގެ މި އަހަރުގެ 'ދަ މޯލްޑިވްސް ލޯންގް ރަން'ގައި މީހުން ދުވަނީ --- ސަން ފޮޓޯ
ދުވުމުގައި ބައިވެރިވި ބައިވެރިންގެ ފަރާތުން ވެސް ފެނުނީ އުފާވެރި މަންޒަރެކެވެ. ރައްޓެހިން އެކުވެ، ގްރޫޕް ހަދައިފައި ބައިވެރިވި މީހުން ވެސް އުޅެއެވެ. އަދި ތުއްތު ކުދިންނާއެކު މި ކަމުގައި ބައިވެރިވި މީހުން ވެސް އުޅެއެވެ.
މި މެރެތަންގައި ދުވެފައިވަނީ 42.2 ކިލޯމީޓަރުގެ ދުވުމަކާއި، 21.2 ކިލޯމީޓަރުގެ ދުވުމުގެ އިތުރުން، 10 ކިލޯމީޓަރާއި ފަސް ކިލޯމީޓަރުގެ ދުވުންތަކެވެ.
ކޮންމެ އިވެންޓެއް ވެސް ކުރިއަށް ގެންދިއުމުގައި އެ ކަމަށް ޚާއްސަ އިންތިޒާމުތައް ހަމަޖައްސައިފައި ހުއްޓެވެ.
ލޯންގް ޑިސްޓަންސް ރަން ތަކާއި، މެރެތަންތައް ރާއްޖޭގައި އާންމުވެގެން ދިއުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ޓީއެފްޖީއިންނެވެ.
ޓީއެފްޖީގެ މި އަހަރުގެ 'ދަ މޯލްޑިވްސް ލޯންގް ރަން'ގައި މީހުން ދުވަނީ --- ސަން ފޮޓޯ
އެގޮތުން 2013ވަނަ އަހަރު ޓީއެފްޖީއިން ފެށި 'ލޯންގް ރަން' ސީރިޒާއެކު، އެ އިވެންޓު ވެފައިވަނީ ކޮންމެ އަހަރަކު ވެސް އާންމުން އެންމެ އިންތިޒާރުކުރާ ހަރަކާތަށެވެ.
އެއާއެކު އައްޑޫ ސިޓީއަށާއި ލ. އަތޮޅުގައި ޓީއެފްޖީގެ އަމިއްލަ ބްރޭންޑެއްްގެ ގޮތުގައިވާ 'ރަނިން މެރެތަންސް' އާއި 'ރަނިން މޯލްޑިވްސް'ގެ އިވެންޓުތައް ބާއްވަން ފެށިއެވެ.
ޓީއެފްޖީއަކީ 2010ވަނަ އަހަރު އުފެއްދި ފިޓްނަސް ގްރޫޕެކެވެ. ކަސްރަތުގެ ދާއިރާއަށް އެންމެ ބޮޑު އިންގިލާބެއް ގެނުވި ޓީއެފްޖީއަކީ ދިވެހީން، ދުޅަހެޔޮ ދިރިއުޅުމެއްގައި އުޅުމަށް ބާރު އަޅައިދިނުމުގެ އަމާޒުގައި ކުރިއަށްދާ ބައެކެވެ.
ޓީއެފްޖީއިން ކަސްރަތުގެ ދާއިރާއިން ކިޔަވަން ބޭނުންވާ މީހުންނަށް ސްކޮލަޝިޕް ވެސް ދޫކުރެއެވެ.
ޒަމާނީ ފެންވަރުގެ ވަސީލަަތްތަކާއެކު ފިޓްނަސް ޖިމެއް ވެސް ޓީއެފްޖީއިން ހިންގައެވެ. ގިނަ ބަޔަކު އެ ޖިމަށް ރަޖިސްޓްރީވެފައި ވެސް ވެއެވެ.