ކޮމެޓީ މަރުހަލާގައި މުހިއްމު 18 ބިލެއް، ނަޝީދު އެދުނީ މަސައްކަތް އަވަސް ކުރަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު--- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ މަރުހަލާގައިވާ 18 ބިލެއްގެ މަސައްކަތް އަވަސް ކުރަން މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ ކޮމެޓީ މަރުހަލާގައި މުހިއްމު ބިލުތަކެއް ނުނިމިވާ ކަމަށެވެ. އަދި ކޮމެޓީތަކުގެ ވަގުތު އިތުރު ކޮށްގެން ނަމަވެސް އެ ބިލްތަކުގެ މަސައްކަތްތައް އަވަސް ކުރުމަށް އެމަނިކުފާނު، މެމްބަރުންގެ އަރިހުން އެދިވަޑައިގަތެވެ.

"ވަރަށް ބޮޑަށް އެދެން އިއްޒަތްތެރި މެމްބަރުން އިތުރު ވަގުތު ކޮމެޓީ ވަގުތަށް ހަމަޖައްސަވައި މި މަސައްކަތްތައް ވީހާވެސް އަވަހަކަށް މި ދައުރުގެ ތެރޭގައި ނިންމާލެވޭތޯ ބަލަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ފާހަގަކުރައްވާފައިވާ ބިލުތައް

  • ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީސްގެ ބިލު
  • ކުންފުނިތަކާ ބެހޭ ބިލު
  • އިފްލާސްވުމާއި އިފްލާސް ކުރުމުގެ ބިލު
  • ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލު
  • ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  • ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލު
  • ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު
  • ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިންޝުއަރެންސްއާ ބެހޭ ބިލު
  • މާލީ އަދި އެހެނިހެން މަސްލަހަތު ހާމަ ކުރުމުގެ ބިލު
  • އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ބިނާވެހި ޕްލޭން ކުރުމުގެ ބިލު
  • ކަނޑުގައި އުޅަނދުފަހަރާ ބެހޭ ބިލު
  • އެއްގަމު އުޅަނދާ ބެހޭ ބިލު

ނަޝީދު ވިދާޅުވީ އޭގެތެރެއިން ވަރަށް ގިނަ މަސައްކަތްތަކަކީ އެކިއެކި ސަބަބުތަކަށްޓަކައި މަޖިލީހުގައި މަޑުޖެހިފައިވާ މަސައްކަތްތަކެއް ކަމަށެވެ. ބައެއް ސަބަބުތަކުގެ ތެރޭގައި އެ ބިލުތަކަކީ، ސަރުކާރާއެކު ވާހަކަދައްކަން ޖެހިގެންނާއި އެއްގޮތް ކުރުމަށް ބޭނުންވާތީ މަޑުޖެހިފައިވާ މަސައްކަތް ތަކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ޖުޑީޝިއަރީ ކޮމިޓީގައިވާ ހުރިހާ ބިލަކީ ވެސް ބަންޑާރަ ނައިބުގެ އޮފީހުން އެދިގެން އެ ހެން ގާނޫނުތަކާ އެއްގޮތް ކުރުމަށް އެކި ސަބަބުތަކަށްޓަކައި މަޑުޖެހިފަ ހުރި ބިލުތައް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ މަސައްކަތްތައް ނިންމުމަށް މަޝްވަރާ ކުރަން ޖެހޭ އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހު ވީ އެންމެ އަވަހަށް މަސައްކަތައް ނިންމާލުމަށް އެމަނިކުފާނު ތަކުރާރު ކޮށް އެދިލެއްވިއެވެ.

މަޖިލީހުގައި ގިނަ ބިލުތަކެއްގެ މަސައްކަތް ކުރަމުންދާއިރު މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ޖުމްލަ 23 ބިލެއް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި އަލަށް އެކުލަވާލާ 23 ބިލެއްވެސް ހިމެނެއެވެ.

comment ކޮމެންޓް