މަޖިލީސް ރައީސްގެ މުސާރަ 95,000ރ އަށް ބޮޑުކޮށް، ވަޒީރުންނާއި ރަށު ކައުންސިލަރުންގެ އިނާޔަތްތަކަށް ބޮޑު ބަދަލެއް

މަޖިލިސް ރައީސް އަބްދުއްރަހިމާއި، ރައީސް ޑރ. މުޙައްމަދު މުއިއްޒު: ރައީސާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: މަޖިލީހުގެ ރައީސްގެ މުސާރަ 95،000އަށް ބޮޑުކޮށް، ރަށު ކައުންސިލްތަކުގެ މުސާރަ ވެސް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައި -- ފޮޓޯ/ މަޖިލިސް -- ފޮޓޯ: ރައީސް އޮފީސް

މަޖިލީހުގެ ރައީސްގެ މުސާރަ 95،000އަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސަށް ލިބޭ ފައިސާ އިތުރުކޮށް، ރަށު ކައުންސިލްތަކުގެ މުސާރަ ވެސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފައިވާ ގޮތުގައި މިހާރު މަޖިލިސް ރައީސަށް ލިބިވަޑައިގަންނަވަނީ 73،125 ރުފިޔާއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސަށް 91،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މަޖިލިސް މެންބަރުންނަށް 82،500 ލިބިވަޑައިގަންނަވައެވެ.

ކޮމިޓީގައި އިއުލާންކުރި ގޮތުގައި، އެ ފަރަގު އަންނަނީ މަޖިލީހުގެ ރައީސް ކޮމިޓީގައި ބައިވެރިވެވަޑައިނުގަނެވޭތީއެވެ. އެގޮތުން މެންބަރުން ކޮމިޓީތަކުގައި ބައިވެރިވާ އިންސަތައަށް ބަލައި އެލަވަންސް ލިބެން ހުރެއެވެ. އެއީ 50 އާއި 75 އިންސައްތައިގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމުން 10،000 ރުފިޔާއާއި 75 އިންސައްތައަށްވުރެ މަތިވުމުން 20،000 ރުފިޔާއެވެ.

އެހެންވެ، ކޮމިޓީއަށް ހުށަހަޅައިފައިވަނީ މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އެލަވަންސަށް އިތުރުކުރުމަށެވެ. އެ އެލަވަންސް އިތުރުކުމުން މަޖިލީހުގެ ރައީސްގެ ޖުމުލަ މުސާރަ 95،125 ރުފިޔާއަށް އަރާނެއެވެ.

ހަމައެއާއެކު، ރަށު ކައުންސިލްގެ ރައީސުންނާއި ނައިބު ރައީސުންނާއި ކައުންސިލަރުންނަށް ވެސް އެލަވަންސެއް އިތުރުކުރަން ކޮމިޓީއަށް ހުށަހެޅިއެވެ. އެއީ 5،000 ރުފިޔާގެ ސާވިސް އެލަވަންސްއެއް އިތުރުކުރުމަށެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: މަޖިލީހުގެ ރައީސްގެ މުސާރަ 95،000އަށް ބޮޑުކޮށް، ރަށު ކައުންސިލްތަކުގެ މުސާރަ ވެސް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

އެ ބަދަލު ގެންނަނީ އެހެން ކައުންސިލްތަކާ ފަރަގު ކުޑަކުރަން ކަމަށް ކޮމިޓީގައި ފާހަގަކޮށްފައިވެއެވެ. އެއާއެކު ރަށު ކައުންސިލް ރައީސުންނަށް ލިބޭ މުސާރަ 30،500އަށް އިތުރުވެ، ކައުންސިލްގެ ނައިބު ރައީސްގެ މުސާރަ 25،000އަށް އިތުރުވާނެއެވެ. އަދި ކައުންސިލަރުންނަށް ލިބޭ މުސާރަ 23،000 ރުފިޔާއަށް އަރާނެއެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް މިހާރު ލިބެނީ 58،500 ރުފިޔާ ކަމަށްވާއިރު، ދާދި ފަހުން މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައިއިރު ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކަށްކަން މުސާރަތައް ބޮޑުކުރިކަން ހުށަހެޅުމުގައި ފާހަގަކޮށްފައިވެއެވެ.

އެ ބަދަލާއެކު މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލު މަގާމުތަކަށް މުސާރަ 74،000އަށް އަރައިފައިވާއިރު، މިނިވަން މުއައްސަސާތަކުގެ ރައީސުންނަށް 59،000 ރުފިޔާއަށް އަރާކަން ކޮމިޓީގައި ވަނީ ފާހަގަކޮށްފައެވެ. އަދި ޖުޑިޝަރީއަށް ބަލާއިރު އުއްތަމަ ފަނޑިޔާރުގެ މުސާރައަކީ 91،000 ކަމަށްވާއިރު، ފަނޑިޔާރުންނަށް 89،000 ރުފިޔާ ލިބޭކަން ކޮމިޓީގައި ފާހަގަކޮށްފައިވެއެވެ.

"އެހެން ބަލާއިރު މުސާރަ ކުޑަކުރުމަށް ފާހަގަކުރެވޭ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް. ދެން ކޮމިޓީން ޕްރޮޕޯޒް މި ކުރައްވަނީ މުސާރައާ ނުކުޅެ، މި ބޭފުޅުންނަށް މިހާރު ލިބެމުންދާ ޑްރައިވަރުންގެ އެލަވަންސް ޕެކޭޖަށް ބަދަލު ގެންނަން،" ހުށަހެޅުމުގައިވެއެވެ.

ސަރުކާރުގެ އިސް ވެރިންނަށް ޚާއްސަކޮށްފައިވާ އެ ޕެކޭޖުގައި ޕެޓްރޯލް އެލަވަންސަށް 1،000 ރުފިޔާއާއި ޑްރައިވިން އެލަވަންސަށް 6،500 ހިމެނެއެވެ.

މިހާރު ކޮމިޓީއަށް ހުށަހެޅީ ޕެޓްރޯލް އެލަވަންސް 2،000 ރުފިޔާއަށް، ޑްރައިވިން މުސާރައަށް 12،000 ރުފިޔާ އަދި ޑްރައިވަރުންގެ ލިވިން އެލަވަންސަށް 3،000 ރުފިޔާ ދިނުމަށެވެ. އެއީ ޖުމުލަ 17،000 ރުފިޔާގެ ޕެކޭޖެކެވެ.

އެ ހުށަހެޅުމާ ގުޅޭ ގޮތުން ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މި ދަނޑިވަޅުގައި އެ ބަދަލު ގެންނަން ތާއިދުނުކުރައްވާ ކަމަށެވެ.

https://sun.mv/229410

"މިހާރު ވިސްނަން ޖެހޭނެ ރާއްޖެ މި އޮތް ހާލަތަށް، ދުނިޔެ މި އޮތް ހާލަތަށް، އެހެންވީމަ ދައުލަތުގެ ބަޖެޓަށް ތީގެއިން އެތައް ބައިވަރު އިމްޕްލިކޭޝަން އަންނާނެ،" އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ މާލިއްޔަތު ކޮމިޓީން ވަނީ އެ ބަދަލުތައް ގެންނަން ފާސްކޮށްފައެވެ.

މަޖިލިސް މެންބަރުންގެ އަދަދު މިހާރު 93އަށް އަރާއިރު، ގާނޫނުއަސާސީ އޮންނަ ގޮތުން އާބާދީ އިތުރުވާ ވަރަކަށް މެންބަރުންގެ އަދަދު ވެސް އިތުރުވެއެވެ. އެ މެންބަރުންގެ މުސާރަ ބޮޑުވެފައި، އެހެނިހެން އިނާޔަތްތައް ވެސް ލިބޭއިރު، އެ މުސާރައާ ބައްދަލު މިންވަރަކަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ އަބަަދުވެސް އޮވެއެވެ.

https://sun.mv/226501

ބައެއް މުސާރަތައް ބޮޑުކޮށްފައި މިވަނީ، ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ޚަރަދު އިތުރުވުމުގެ ކަންބޮޑުވުން އޮތް ދަނޑިވަޅެއްގައެވެ. އެގޮތުން މި މަހުގެ 15ގެ ނިޔަލަށް ލިބިފައިވާ އާމްދަނީއާއި، ދައުލަތުން ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލުތައް ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރެފައިވާ ރިޕޯޓުގައިވަނީ، މި އަހަރުގެ މިހާތަނަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 31.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް ޚަރަދުތައް އެއަށްވުރެ އިތުރުވެ، 36.4 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް އެ ތަފާސްހިސާބުން ދައްކައެވެ.

ރާއްޖޭގެ ދަރަނި ވަރަށް ބޮޑުވެ، އޭގެ ބުރަ ބޮޑުވެފައިވާއިރު، ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމަށް ކަމާ ގުޅޭ މާހިރުން ގޮވާލަމުން އަންނަތާ ވަނީ އަހަރުތަކެއް ވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް