ސޯނަމް ކަޕޫރަށް ޖޯކު ޖެހި ޔޫޓިއުބާއެއްގެ މައްސަލަ ކޯޓަށް

ބޮލީވުޑްގެ ފިލްމީ ތަރި ސޯނަމް ކަޕޫރަށް ނިސްބަތްކޮށް ޖޯކު ޖެހުމަށް ފަހު ވައިރަލް ކުރި ވީޑިއޯއެއްގެ މައްސަލައިގައި ރަގިނީ ނަމަކަށް ކިޔާ ޔޫޓިއުބާއެއްގެ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

ޢުމުރުން ވިހި އަހަރުގެ ރަގިނީއަކީ ވަރަށް އެކްޓިވްކޮށް ޔޫޓިއުބު އަދި އިންސްޓަގްރާމް ބޭނުންކޮށް އެ ޕްލެޓްފޯމް ތަކަށް ކޮންޓެންޓް އުފައްދާ ޒުވާނެކެވެ.

ސޯނަމް ކަޕޫރާއި ފިރިމީހާ އާނަންދު އަހޫޖާގެ ފަރާތުން ރަގިނީއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ރަގިނީ އުފެއްދި ވީޑިއޯގެ ސަބަބުން ސޯނަމްގެ ދެމަފިރިންގެ އަބުރަށް ހުތުރު އަރާފައިވާ ކަމަށާއި ދެމަފިރިންގެ ފެޝަން ބްރޭންޑްތަކަށް ވެސް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށެވެ.

ސޯނަމްގެ ފަރާތުން ރަގިނީއަށް ލީގަލް ނޯޓިސް ފޮނުވިތާ މާގިނަ އިރުތަކެއް ނުވެ އޭނާ ވަނީ އަމިއްލަ އިންސްޓަގްރާމްގައި އެ ނޯޓިސްގެ ކޮޕީއެއް އާއްމު ކޮށްފައެވެ. އަދި، އިންސްޓަގްރާމް ޕޯސްޓުގައި 'ސީ ހޫ މަސްޓު ނޮޓް ބީ ނޭމްޑް' މި ފަދައިން ވަނީ ލިޔެފައެވެ. ނަމަވެސް ފަހުން އިންސްޓަގްރާމް އެޕްލިކޭޝަން ހިންގާ ފަރާތްތަކުން ވަނީ އެ ޕޯސްޓު ފޮހެލާފައެވެ.

ރަގިނީއަށް ފޮނުވި ލީގަލް ނޯޓިސްގައި ބުނެފައި ވަނީ ސޯނަމް އާ ބެހޭގޮތުން ތައްޔާރު ކުރި ވީޑިއޯ ކްލިޕް ވަގުތުން ވަގުތަށް ފޮހެލުމަށާއި އެގޮތަށް އަމަލު ނުކޮށްފި ނަމަ ޤާނޫނީ ގޮތުން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު 20 އަހަރުގެ ޒުވާނާއާ ދެކޮޅަށް އަޅާނެ ކަމަށެވެ.

ޔޫޓިއުބު މެދުވެރިކޮށް އާއްމުކުރި ވީޑިއޯގައި ހިމަނާފައި ވަނީ މީގެ ކުރިން އެކި ފަހަރު މަތިން ބަތަލާ ސޯނަމް ކަޕޫރު އިންޓަވިއު ތަކުގައި ދީފައި ހުރި ތާކުން ތާކު ނުޖެހޭ ސްޓޭޓްމެންޓްތައް ކަމަށާއި އެއީ މައްސަލައެއްގެ ގޮތުގައި ނުދެކޭ ކަމަށް ރަގިނީ ވަނީ ބުނެފައެވެ.

ސޯނަމްގެ ފަރާތުން ލީގަލް ނޯޓިސް ލިބުނު އިރު ރަގިނީގެ ޔޫޓިއުބުގެ ސަބްސްކްރައިބަ އަދަދަކީ އެންމެ 6،000 ނަމަވެސް ރަގިނީ ފޮލޯވާސްގެ އަދަދު މިހާރު ވަނީ 37،000 އަށް އަރާފައެވެ.

ޒުވާން ޔޫޓިއުބާއާ ދެކޮޅަށް މައްސަލަ ކޯޓަށް ހުށަހެޅުމުން ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން ސޯނަމްއަށް ވަނީ އަމާޒު ވެފައެވެ.

comment ކޮމެންޓް