އިންޑިޔާ ކަނޑުގެ ސިފައިންގެ މަރުކަޒެއް ލަކްޝަދީޕްގެ އަގައްޓީއާއި މަލިކުގައި ގާއިމުކުރަން ނިންމައިފިއެވެ.
ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިޔާގެ ދިފާއީ ވަޒީރު ރަޖްނަތް ސިންގް އަންނަ މާޗު ހަތަރެއް އަދި ފަސްވަނަ ދުވަހު ކަނޑުގެ ސިފައިންގެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެ ރަސްމިއްޔާތު ފެށުމުގެ ހަފްލާއަށް އިންޑިޔާގެ 15 މަނަވަރު، މަލިކަށް ދާނެ ކަމަށް ވެސް އިންޑިޔާގެ ނޫސްތަކުން ބުންޏެވެ. މި ފްލީޓްގައި ޑެސްޓްރޯޔާސް، ފްރިގޭޓްސް އަދި ސަބްމެރިން ވެސް ބައިވެރިވާނެއެވެ.
ލަކްޝަދީޕާއި މަލިކު އަދި އަންޑަމަންސް އެންޑް ނިކޯބާ އައިލެންޑްސް އޮންނަ ސަރަހައްދުތަކުގެ ގޮތުން ކަނޑުދަތުރުކުރާ މަގުތައް ބަލަހައްޓައި، ކަނޑުދަތުރުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އިންޑިޔާއަށް ގޮންޖެހުންތައް ހުރިކަމަށާއި ނަމަވެސް އެ ދެ ސަރަހައްދުގައި ގާއިމުކުރާ އަސްކަރީ މަރުކަޒުގެ ސަބަބުން އެކަމަށް ހައްލެއް ލިބޭނެ ކަމަށް އިންޑިޔާ ނޫސްތަކުން ރިޕޯޓުކުރެއެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅަށް ފަހު އިންޑިޔާއިން ވަނީ އަގައްޓީއާއި މަލިކުގައި ކަނޑުގެ ސިފައިންގެ ބާރު ގަދަކޮށް އެ ސަރަހައްދުގައި އޮންނަ ކަނޑުދަތުރުގެ މުހިންމު މަގާއި އެ މަގުގެ މުއާސަލާތީ ކަންކަން ހިމާޔަތްކުރުމަށް އިސްކަން ދީފައެވެ.
ސުއެޒް ކެނަލުން ދެކުނު އިރުމަތީ އޭޝިއާއަށް ދަތުރުކުރާ މުދާ އުފުލާ އުޅަނދުތައް ދަތުރުކުރަނީ ލަކްޝަދީޕާއި މަލިކާ ދެމެދު އޮންނަ ނައިން ޑިގްރީ ޗެނަލް އާއި އަންޑަމަން އާއި ނިކޯބާ އައިލެންޑާ ދެމެދު އޮންނަ ޓެން ޑިގްރީ ޗެނަލުންނެވެ.
އިންޑިޔާއިން އަންނަނީ އަންޑަމަން އެންޑް ނިކޯބާ އައިލެންޑްސްގައި ވެސް އަސްކަރީ ފެސިލިޓީތައް ގާއިމްކުރަމުންނެވެ.