ބޮމުގެ އިންޒާރަކާ އެކު، އެއާ އިންޑިއާގެ ބޯޓެއް އިމަޖެންސީގައި ތައިލޭންޑަށް ޖައްސައިފި

ތައިލެންޑްގެ ޕުކެޓުން އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ދިޔަ އެއާ އިންޑިއާގެ ފްލައިޓެއްގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިނުމުން އިމަޖެންސީގައި އަނބުރާ ތައިލެންޑަށް ޖައްސާފައިވާ ކަމަށް އެއާޕޯޓުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

ތައިލޭންޑު އެއާޕޯޓުގެ އޮފިޝަލަކާ ހަވާލާދީ އެންޑީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޮމުގެ އިންޒާރާ އެކު، ފްލައިޓް އޭއައި 379 ގައި ތިބި 156 ފަސިންޖަރުން ވެސް ވަނީ ބޯޓުން ބާލާފައެވެ.

ފްލައިޓް ޓްރެކާ، ފްލައިޓް ރާޑާއިން ދައްކާ ގޮތުގައި އެ ބޯޓު ޕުކެޓުން ދިއްލީއަށް ދާން ފުރީ ހެނދުނު 9:30 ގައެވެ. ނަމަވެސް، އަންޑަމަން ކަނޑުގެ ވަށައިގެން އުދުހުމަށް ފަހު އަނބުރާ ތައިލެންޑްގެ ދެކުނު އޮންނަ ޕުކެޓަށް ވަނީ ޖައްސާފައެވެ.

އެއާ އިންޑިއާގެ އެ ބޯޓު އިމަޖެންސީގައި ޖައްސާފައިވާއިރު، އިންޑިއާގެ އަހުމަދުއާބާދުން ފުރައިގެން ލަންޑަނަށް ދަތުރުކުރި އެއާ އިންޑިއާގެ ބޯޓެއް އިއްޔެ ވަނީ ވެއްޓިފައެވެ. ބޯޓުގައި ތިބި 240 މީހުންގެ ތެރެއިން ސަލާމަތްވީ އެންމެ މީހެކެވެ.

އިންޑިއާގެ އެއާލައިންތަކާއި އެއާޕޯޓްތަކަށް މިދިޔަ އަހަރު ވަނީ ވަރަށް ގިނަ ބޮމުގެ އިންޒާރު ދީފައެވެ. އެގޮތުން، ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި ވެސް ގާތްގަނޑަކަށް 1،000 ކޯލާއި މެސެޖު ލިބިފައިވާއިރު، މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު، ގާތްގަނޑަކަށް 10 ގުނަ އިތުރު އަދަދެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް