އާލިއާ، ދަރިފުޅު ރަހާގެ ފޮޓޯތައް ސޯޝަލް މީޑިއާ އެކައުންޓުތަކުން ފޮހެލައިފި

ބަތަލާ އާލިއާ ބަޓް ފިރިމީހާ/އެކްޓަރު ރަންބީރު ކަޕޫރާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑް ބަތަލާ އާލިއާ ބަޓްގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތަކުން ދަރިފުޅު ރަހާގެ މޫނު ފެންނަ ގޮތަށް ހުރި ފޮޓޯތައް ފޮހެލައިފިއެވެ.

އާލިއާ އަކީ ބަތަލާގެ އިންސްޓަގްރާމްގައި ވަރަށް އެކްޓިވްކޮށް އުޅޭ ފިލްމީ ތަރިއެކެވެ. ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން އިންސްޓަގްރާމްގައި ޕޯސްޓުކޮށް ހަދާއިރު ދަރިފުޅު ރަހާގެ މޫނު ފެންނަ ގޮތަށް މީގެކުރިން ޕޯސްޓުކޮށްފައި ހުރި ހުރިހާ ފޮޓޯތަކެއް ބަތަލާ ވަނީ އިންސްޓަގްރާމުން ފޮހެލާފައެވެ.

މިކަން މީޑިއާތަކަށް ރޭކަލީ މި ފެށުނު 2025ވަނަ އަހަރާ ދިމާކޮށް ބަތަލާ އިންސްޓަގްރާމްގައި ޕޯސްޓުކުރި ފޮޓޯތަކުގައި ރަހާގެ މޫނު ފެންނަން ނެތުމުންނެވެ.

އާ އަހަރާ ދިމާކޮށް އާލިއާ އާއި ރަންބީރުގެ އާއިލާއިން ބެންގްކޮކަށް ކުރި ދަތުރުގެ ވަރަށް ގިނަ ފޮޓޯތައް ސަޕޯޓަރުންނަށް ދައްކާލިއިރު އެއްވެސް ފޮޓޯއެއްގައި ރަހާގެ މޫނު ރަނގަޅަށް ފެންނާކަށް ނެތެވެ.

އާލިއާ، ދަރިފުޅު ރަހާ މީޑިއާ ރިޕޯޓަރުންނަށް އެންމެ ފުރަތަމަ ތައާރަފްކުރި ދުވަހުގެތެރެއިން -ފޮޓޯ/ބޮލީވުޑްހަންގާމާ

މިއީ ދަރިފުޅު ރަހާގެ ކުރިމަގަށް ވިސްނުމަށްފަހު ތުއްތު ތުއްތު ދަރިފުޅުގެ ރައްކަލަކަށް އާލިއާ ނިންމި ނިންމުމެއް ކަމަށް ބެލެވޭކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ހާއްސަކޮށް ރަންބީރުގެ ދެބެއިންގެ ދެދަރި ކަރީނާ ކަޕޫރުގެ އާއިލާއަށް ދާދިފަހުން ދިމާވި ހާދިސާއާ ގުޅިގެން ދަރިފުޅުގެ ފޮޓޯތައް ޕަބްލިކް ޕްލެޓްފޯމެއްގައި އާއްމުކުރުމަށް ބަތަލާ ޖެހިލުންވީ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

އާލިއާގެ ސަޕޯޓަރުން ބުނެފައި ވަނީ މަންމައެއްގެ ހައިސިއްޔަތުން ދަރިފުޅުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމުގެ ހައްގު އާލިއާއަށް ވެސް ލިބިފައިވާ ކަމަށާއި އިންޑިއާގެ މީޑިއާ ރިޕޯޓަރުން އެކަމަށް އިހުތިރާމުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ބޮލީވުޑްގެ ފިލްމީ ތަރިންގެ ކުދިންގެ ފޮޓޯތައް އެއްވެސް މިންގަނޑެއްނެތި އިންޑިއާގެ ބައެއް މީޑިއާތަކުން ބޭނުންކުރުމަކީ ވަރަށް އާއްމުކަމެކެވެ.

ފިލްމީ ތަރިންގެ އާއިލާގެ މެމްބަރުންނަކީ އިންޓަނެޓުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރާ މީހުންގެ ވަރަށް ބޮޑު އަމާޒަކަށްވާއިރު ވަރަށް ގިނަ ފިލްމީ ތަރިން އެ މީހުންގެ ކުދިންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކުރުމާ ދެކޮޅު ހަދައެވެ. ހަމައެއާއެކު ބައެއް ފިލްމީ ތަރިން ވަނީ އެ މީހުންގެ ކުދިންގެ ފޮޓޯތައް އެއްވެސް ވަރަކަށް ނުނެގުމަށް މީޑިއާގައި އެދިފައެވެ.

comment ކޮމެންޓް