ގަލޮޅުގައި ހުރި ގެއަކަށް ގެއްލުންދީ, އެ ގޭގެ ވެރިމީހާއަށް އިންޒާރުދީ ބިރުދެއްކި މައްސަލައެއްގައި ހަތަރު ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ވަނީ މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކު ބިރުދައްކައި އިންޒާރު ދީފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.
އަދި ރޭގެ 12:45 ހާއިރު ހަތަރު މީހަކު އެ ގެއަށް ވަދެ ގެއްލުން ދިން މައްސަލައެއްގައި ކުށުގެ ވެށިން އެމީހުން ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ:
- އއ. މާޅޮސް، ރީތިހިޔާ (23)، މުހައްމަދު އަފްލާޙް
- ނ. ވެލިދޫ، އެލަސް (21)، އިބްރާހިމް އަހްނަފް
- ނ. މަނަދޫ، ހަވޭލި (23)، މުޙައްމަދު އަޒާން
- ތ. ގުރައިދޫ، ފަޒާ (21)، އަލީ ނަވާފު
ފުލުހުން ބުނީ މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް އެ ތިން މީހުން ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައި ވާކަމަށެވެ.
އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާރާމާރީއާއި މިފަދަ ކުށްތައް އާންމުވެފައި ވާއިރު މިފަދަ މައްސަލަތަކުގައި ގިނައިން ޝާމިލުވަނީ ޒުވާނުންކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިފަހުން މާލޭގައި ފެންމަތިވި މާރާމާރީތަކުގައި ޒުވާނުންނާއި 18އަހަރުން ދަށުގެ ކުޑަކުދިން ވެސް ހިމެނެއެވެ.