ތެލަސީމިއާ ސެންޓަރުގެ ހާލަތު މިއަދާ ހަމައަށް އައިއިރު އެނގިނުލައްވާ ކަމަށާއި، ނަމަވެސް ދެން ތެލަސީމިއާ ކުދިންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގައި ސީދާ އެމަނިކުފާނުގެ ބެލުމުގެ ދަށުން ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ތެލަސީމިއާ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވާތީ ތެލަސީމިއާ ޕޭޝަންޓުންނާއި، އެ މީހުންގެ އާއިލާތަކުން ވަނީ ރޭ މުޒާހަރާ ކުރަން ފަށައިފައެވެ.
މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)ގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި، ތެލަސީމިއާ ސެންޓަރުގައި އެ ބައްޔަށް ފަރުވާ ހޯދާ މީހުންނާއި އާއިލާތައް ރޭ މުޒާހަރާ ކޮށްފައިވަނިކޮށް ރައީސް މިއަދު ވަނީ އެ ސެންޓަރަށް ވަޑައިގެން ތަނުގެ ހާލަތު ބައްލަވާލައްވައިފައެވެ. އަދި ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް މިހާރު ތައްޔާރުކުރަމުންދާ އިމާރާތް، އޮރެންޖް ހިޔާއަށް ވެސް އެމަނިކުފާނު ވަނީ ޒިޔާރާތްކުރައްވައިފައެވެ.
އެއަށްފަހު ދެއްވި އިންޓަވިއުގައި އެ މަނިކުފާނު ވިދާޅުވީ މިއަދު ބޭއްވެވި ބައްދަލުވުމެއްގައި ކަންކަން ކުރަންވީ ގޮތުގެ އިރުޝާދު ކަމާ ގުޅޭ ފަރާތްތަކަށް ދެއްވާފައިވާނެ ކަމަށެވެ. އެގޮތުން ތެލަސީމިއާ ކުދިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން 2017 ވަނަ އަހަރުން ފެށިގެން ތެލަސީމިއާ ސެންޓަރު ހިންގަމުންދަނީ ޑިރެކްޓާ ޖެނެރަލެއް ނުލާ ކަމުން އެކަން ވަގުތުން ހައްލުކުރަން އިރުޝާދު ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނަރުހުން މަދުވުމާއި، ސީނިއާ ފިޒިޝިއަނެއް ހަމަޖެއްސުމަށާއި، ތަނަށް ބޭނުންވާ އެކި ކަހަލަ އާލާތް ހޯދޭނެ ގޮތާއި، ލެބް ޓެކްނީޝަނުންނާއި އެކިއެކި މުވައްޒަފުން ހަމަޖެއްސުމަށް މަޝްވަރާކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އައިޖީއެމްއެޗް ނޫނީ އެހެނިހެން ހޮސްޕިޓަލްތައް ފަދައިން ތެލަސީމިއާ ސެންޓަރުގެ ޚިދުމަތްތަކަށް ގަޑިތައް އިތުރުކުރުމަށް ބޭނުންވާނެ ހިއުމަން ރިސޯސަސް އިތުރުކުރުމަށް ވެސް މިއަދު މަޝްވަރާކޮށް، އެކަން ކުރިއަށް ގެންދަންވީ ގޮތް ކަނޑައަޅާފައިވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށާއި، ފައިސާގެ ދަތިކަމެއް ނާންނާނެ ގޮތަށް ކަންކަން ހަމަޖައްސަވާނެ ކަމަށެވެ. އަދި އެކަންކަން ކުރުމަށް އެންމެންގެ މަޝްވަރާގެ މަތިން މުހުލަތްތަކެއް ވެސް ނިންމާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިގޮތަށް މިކަންކަން އޮތްކަން އަދި މިހިސާބަށް އައިއިރު ވެސް، އެއްވެސް ވަރެއްގެ ކުރިއެރުމެއް ނާންނަކަން އަޅުގަނޑަށް ނޭނގި އޮތީ. ދެން ސަރުކާރުގެ އެކި ފަރާތްތަކާ ތެލަސީމިއާ ސެންޓަރުން ބައްދަލުކުރައްވާފަވޭ. ވޭތުވެދިޔަ އަހަރުތެރޭ ވެސް ތެލަސީމިއާ ސެންޓަރުން އެކު ފަހަރު ބައްދަލުކުރައްވާފަވާކަން އަޅުގަނޑަށް އެނގޭ މިއަދު ލިޔެކިޔުންތައް ބަލާލީމަ، އެކަން ސާފު. އެކަމު އަމަލީ ސިފައެއް ނައިސް މިއޮތީ،" ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭގައި އަލަށް ގާއިމުކުރާ ތެލަސީމިއާ ސެންޓަރަކީ ޖާގައިގެ ގޮތުން ވަރަށް ބޮޑު ތަނެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ޚިދުމަތްދޭން ބޭނުންވާ ގިނަ ވަސީލަތްތައް ވެސް އެތަނުގައި ގާއިމުކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ތަން ހެދެންދެން، މާލޭގައި މިހާރު ހުރި ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ވެސް މިވަގުތަށް ރަނގަޅުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހުޅުމާލެއަށް ތެލަސީމިއާ ސެންޓަރު ބަދަލުވާއިރު، ޓްރާންސްޕޯޓް ވެސް ހަމަޖައްސަވައި ދެއްވާނެ ކަމަށާއި، އެ ތަނުގައި ބަސް ސްޓޮޕެއް ގާއިމުކޮށް އެހެނިހެން ޚިދުމަތްތައް ވެސް ހަމަޖައްސަވައި ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ތެލަސީމިއާ ކުދިންނަށް ދިމާވާ ހުރިހާ ދަތިތަކެއް ހައްލުކުރުމުގައި ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން އެކަން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވިއެވެ.
ނަން ނުޖަހަން ޝަރުތުކޮށް "ސަން" އާ ވާހަކަދެއްކި ތެލަސީމިއާ އެޑްވޮކޭޓެއް ބުނީ މިއީ މި މައްސަލަ ދިމާވާތާ ތިން ވަނަ ރޯދަމަސް ކަމަށެވެ. އެކި ފަހަރުމަތިން އެމްބީއެސްގެ ވެރިންނާ ބައްދަލުކޮށް އެ މައްސަލަ ހައްލުކޮށްދިނުމަށް އެދިފައިވާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިހާތަނަށް އެކަމަށް އެދެވޭ އަޅާލުމެއް ދީފައިނުވާކަން ވެސް އޭނާ ފާހަގަކުރިއެވެ.
އޭނާ ބުނި ގޮތުގައި ރޯދަމަހު ޚާއްސަކޮށް ޑޮނާ ލިބުން ވަރަށް ދައްޗެވެ. އެހާ ހާލުން ހޯދާ ލޭކޮޅު ނޭޅި އުކާލަން ޖެހުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފިލްޓަރުތަކުގެ ބްރޭންޑް ބަދަލުކުރި ނަމަވެސް އެކަން ހައްލެއް ނުވިއެވެ. ނަމަވެސް އަދި ވެސް ބައިވަރު ބްރޭންޑްތަކުގެ ފިލްޓަރުތައް އެބަހުރި ކަމަށާއި، ކޮލިޓީ ރަނގަޅު ފިލްޓަރުތޯ ރަނގަޅަށް ޗެކުކުރުމަށްފަހު ގެނައުމަށް އެކި ފަހަރުމަތިން އެދުނު ކަމަށެވެ.