ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގަން އަޅާ އިމާރާތް ރައީސް ބައްލަވާލައްވައިފި

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގަން އަޅާ އިމާރާތް ރައީސް ބައްލަވާލެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ކްރިމިނަލް ކޯޓާއި ޑުރަގު ކޯޓުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށް ހުޅުމާލޭގައި ތައްޔާރުކުރަމުންދާ އިމާރާތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

ކްރިމިނަލް ކޯޓާއި ޑުރަގު ކޯޓަށް ވެސް ޖާގައިގެ ދަތިކަން ދިމާވެ، އަޑުއެހުންތައް ބާއްވަން ދަތިތަކާ ދިމާވެއެވެ.

ހުޅުމާލޭގައި ވަގުތީ ގޮތުން އަޅާ އިމާރާތަކީ، ކޯޓުތައް ހިންގަން އަޅާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އަޅާ އިމާރާތެކެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މިއަދުގެ ޒިޔާރަތުގައި، ކޯޓު އިމާރާތުގެ ޕްލޭންތައް އެ މަނިކުފާނު ބައްލަވާލައްވައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އިމާރާތުގެ މަސައްކަތްތަކުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތައް، އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ އަރިހުން އޮޅުންފިލުއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގަން އަޅާ އިމާރާތް ރައީސް ބައްލަވާލެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އެ އިމާރާތް ބެއްލެވުމަށް ރައީސާއެކު ބައެއް ވަޒީރުންނާއި ޝަރުއީ ދާއިރާގެ އިސްބޭފުޅުންނާއި ސަރުކާރުގެ އިސްވެރިން ވަޑައިގަތެވެ.

މި އަހަރު ރައީސް ދެއްވި ރިޔާސީ ބަޔާނުގައިވަނީ، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިޔުންކަމުގައި ފާހަގަކުރައްވާފައެވެ. އެހެންވެ، ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މި އަހަރު ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.

https://sun.mv/198978

މީގެ ކުރިން ރައީސް ވަނީ، ކްރިމިނަލް ކޯޓުގެ ވަގުތީ އިމާރާތުގެ މަސައްކަތް އަންނަ މަހާ ހިސާބަށް ނިމޭނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް