ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ހަންސަލް މެހެތާ ދެން ޑައިރެކްޓްކުރާ ފިލްމު އުފައްދަން ބޭނުންވަނީ އެކްޓަރު ސައިފް އަލީ ޚާނާ އެކު ކަމަށް ބުނެފިއެވެ.
ހަންސަލް މެހެތާ މިކަން އިއުލާނުކޮށްފައިވަނީ ދާދިފަހުން އޭނާ ބައިވެރިވި ސިނެވެސްޗާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ. ހަންސަލް ބުނި ގޮތުގައި ސައިފާ އެކު އުފައްދަން ބޭނުންވާ ފިލްމަކީ ފޮތެއްގެ މައްޗަށް ބިނާކޮށް އުފައްދަން ނިންމާފައިވާ ފިލްމެކެވެ.
ނަމަވެސް، އެ ފިލްމާ ގުޅޭގޮތުން އިތުރު ތަފުސީލު ހަންސަލް ދީފައެއް ނުވެއެވެ.
ސައިފާ އެކު ފިލްމެއް އުފައްދަން ނިންމިއިރު ހަންސަލްގެ އެންމެ ފަހު ފިލްމަކީ ސައިފްގެ އަންހެނުން ބަތަލާ ކަރީނާ ކަޕޫރު ހިމަނައިގެން ގެނެސްދިން ފިލްމެކެވެ.

ހަންސަލް މެހެތާ ބަތަލާ ކަރީނާ ކަޕޫރު އަދި ޕްރޮޑިއުސަރު އެކްތާ ކަޕޫރާ އެކު--ފޮޓޯ/ފޯބްސް
ފިލްމު "ދަ ބަކިންގްހަމް މާޑާސް"އަށް ފަހު ދެން ޑައިރެކްޓްކުރާ ފިލްމަކީ ވެސް ކެރިއަރުގެ ވަރަށް ޚާއްސަ ފިލްމަކަށް ހަދަން ބޭނުންވާ ކަމަށް ހަންސަލް ވަނީ ބުނެފައެވެ. އެގޮތުން، އެކްޓަރު ސައިފް އަލީ ޚާނާ އެކު މަސައްކަތް ކުރުމަކީ އަބަދުވެސް ޑައިރެކްޓަރު ހަންސަލް މެހެތާގެ ވިޝް-ލިސްޓުގައި ހިމެނިފައިވާ ކަމެއް ކަމަށާއި މި ފިލްމުގެ ތަފުސީލު ވަރަށް އަވަހަށް މީޑިއާތަކާ ހިއްސާކުރާނެ ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ.
ބަތަލާ ކަރީނާ ކަޕޫރާ އެކު ފިލްމު "ދަ ބަކިންގްހަމް މާޑާސް"ގައި މަސައްކަތް ކުރުމަށް ފަހު އެއީ ދެ މީހުން އެކީގައި މަސައްކަތް ކުރުން ނިމުނީ ނޫން ކަމަށާއި ހަންސަލް ސްކްރިޕްޓެއް ތައްޔާރުކުރާ ކޮންމެ ފަހަރަކު ވެސް ރާޑަރަށް އެންމެ ފުރަތަމަ ވެސް އަންނަ ބަތަލާގެ ނަމަކީ ކަރީނާ ކަމަށް މި ފެސްޓިވަލުގައި ވަނީ ބުނެފައެވެ.
ބަތަލާ ކަރީނާއަކީ މިހާތަނަށް މަސައްކަތް ކުރި ފިލްމީ ތަރިންގެ ތެރެއިން ފިލްމު ސެޓަށް އެންމެ ފުރިހަމައަށް ތައްޔާރުވާ ބަތަލާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ކަރީނާއާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ވެސް ހަންސަލް ވަނީ ބުނެފައެވެ.
ހަންސަލް އަންނަނީ އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ސީރީޒް "ގާންދީ"ގެ މަސައްކަތް ކުރަމުންނެވެ. މި ސީރީޒް ބެލުންތެރިންނަށް ގެނެސްދޭނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.