ސައިފްގެ 'ޖުވެލް ތީފް' އަންނަ މަހު ނެޓްފްލިކްސްއަށް

ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންގެ އާ ފިލްމު "ޖުވެލް ތީފް: ދަ ހައިސްޓް ބިގިންސް" ކުރިއަށް އޮތް އޭޕްރިލް މަހު ނެޓްފްލިކްސްގައި ސްޓްރީމްކުރާނެކަން އިއުލާނުކޮށްފިއެވެ.

މި ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު ކުންފުނި މާފްލިކްސް ޕިކްޗާސްއިން ގެނެސްދޭ ވަރަށް ވަރުގަދަ ތުރިލާއެކެވެ.

ސައިފް ލީޑް ރޯލް ކުޅޭ މި ފިލްމުގެ ވިލެންގެ ރޯލް ކުޅެފައިވަނީ ކުޅަދާނަ އެކްޓަރު ޖައިދީޕް އަހްލަވާތެވެ. "ޖުވެލް ތީފް"ގައި ޖައިދީޕް ކުޅެފައިވަނީ ވަރަށް ވަރުގަދަ މާފިއާ ބޮސްއެއްގެ ރޯލެވެ. ސައިފާއި ޖައިދީޕްގެ އިތުރުން ފިލްމީ ތަރިން ކަމަށްވާ ކުނާލު ކަޕޫރު އަދި ނިކިތާ ދައްތާ މި ފިލްމުގެ މުހިއްމު ރޯލުތަކުން ބެލުންތެރިންނަށް ފެންނާނެއެވެ.

ފިލްމު "ޖުވެލް ތީފް"ގެ ޓީޒާގެ މަންޒަރެއްގައި ސައިފް އަލީ ޚާން އަދި އެކްޓަރު ޖައިދީޕް--ފޮޓޯ/ބޮލީވުޑްހަންގާމާ

ސައިފް ވަނީ ސިދާތު އާނަންދާ އެކު މީގެ ކުރިން ދެ ފިލްމެއްގައި ސޮއިކޮށްފައެވެ. އެއީ، 2005ވަނަ އަހަރު ރިލީޒްކުރި ފިލްމު "ސަލާމް ނަމަސްތޭ" އަދި 2007ވަނަ އަހަރު ރިލީޒްކުރި ފިލްމު "ތަރަ ރަމް ޕަމް"އެވެ.

މި ދެ ފިލްމަށް ފަހު 18 އަހަރު ފަހުން ސައިފްއާ އެކު މަސައްކަތްކޮށްލަން ލިބުނު ފިލްމަކީ ވަރަށް ތަފާތު އެހާމެ ވަރުގަދަ އެކްޝަން ފިލްމެއް ކަމަށާއި މިއީ ސައިފްގެ ވަރުގަދަ ޕަވަހައުސް ޕާފޮމެންސެއް ބެލުންތެރިންނަށް ފެންނާނެ ފިލްމެއް ކަމަށް ސިދާތު ވަނީ ބުނެފައެވެ.

ބެލުންތެރިންގެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ "ޖުވެލް ތީފް" ނެޓްފްލިކްސްއިން ސްޓްރީމްކުރަން ފަށާނީ އޭޕްރިލް މަހުގެ 25ވަނަ ދުވަހުއެވެ. ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިންގް ކުރިއަށް ގެންދިޔައީ އިސްތަންބޫލް، ބުޑަޕެސްޓް އަދި މުމްބާއީގައެވެ.

comment ކޮމެންޓް