ދިރާސީ އާ އަހަރުގެ ހެޔޮ އެދުންތައް ސިޔާމް ފޮނުއްވައިފި

ދ. މީދޫ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ބައިވެރިވެވަޑައިގެން ---- ސަން ފޮޓޯ/ މޫސާ ނަދީމް

މިއަދު ފެށުނު ދިރާސީ އާ އަހަރާ ގުޅިގެން ހެޔޮ އެދުންތައް, އެމްޑީއޭގެ ރައީސް، އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ފޮނުއްވައިފިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި މިއަދު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ 90,000 އަށް ވުރެން ގިނަ ދަރިވަރުންނާއި 11,000 އަށް ވުރެން ގިނަ ޓީޗަރުންނާއެކުއެވެ.

ސިޔާމް މިއަދު ވިދާޅުވީ ދިރާސީ އައު އަހަރުގެ ހެޔޮ އެދުންތައް ލޮބުވެތި ދަރިވަރުންނާއި، އިޙްތިރާމް ލިބިގެންވާ މުދައްރިސުންނާއި، އަގުހުރި ބެލެނިވެރިންނާއި، އަދި ތަޢުލީމީ ދާއިރާގައި ހީވާގިކަމާއެކު މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށް އަރިސް ކުރައްވާ ކަމަށެވެ.

"މި މުނާސަބަތުގައި ތިޔަބޭފުޅުންނަށް ކާމިޔާބީއާއި ކުރިއެރުން އެދި ދުޢާ ދަންނަވަން," އެ މަނިކުފާނު ވިދާޅުވިއެވެ.

ސިޔާމަކީ ފެންވަރު ރަނގަޅު ތައުލީމެއް ރާއްޖޭގައި ފޯރުކޮށްދެއްވުމަށް ވަރަށް ބޮޑަށް އިރުޝާދު ދެއްވައި އެހީތެރިވެ ދެއްވާ ބޭފުޅެކެވެ. އެގޮތުން ފޮތުން ދޭ ތައުލީމާއެކު ކުދިންނަށް މަސައްކަތުގެ ހުނަރު ދަސްކޮށް ދިނުމަށް ސިޔާމް އަބަދުވެސް ގޮވާލައްވައެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށީ ވަރަށް ބޮޑު ޗުއްޓީއަކަށް ފަހުގައެވެ. ކިޔެވުން ފެށިއިރު ދިރާސީ އަހަރަށް ތައްޔާރުވެވި، ޓީޗަރުންގެ ދަތިކަން ވަރަށް ބޮޑަށް ހައްލުކުރެވިއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް