ރާއްޖޭގައި 83 ގޭންގު އޮވޭ، އެ ގޭންގުތަކުގައި 97 ކުޑަކުދިން ޝާމިލުވޭ: ހޯމް މިނިސްޓްރީ

އެސްއޯ ފުލުހުންތަކެއް: ރާއްޖޭގައި 83 ގޭންގު އޮވޭ، އެ ގޭންގުތަކުގައި 97 ކުޑަކުދިން ޝާމިލުވޭ -- ސަން ފޮޓޯ

ރާއްޖޭގައި 83 ގޭންގު އުފެދިފައިވާ ކަމަށާއި، އެ ގޭންގުތަކުގައި 97 ކުޑަކުދީން ޝާމިލުވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ސަންގުޓީވީގެ 'ފުރަމެންދަން' ޕްރޮގްރާމުގައި ހޯމް މިނިސްޓްރީގެ ނައިބު މުޙައްމަދު ޝަހީދު ވިދާޅުވީ، ގޭންގުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިނިސްޓްރީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އާއި ފުލުހުންނާ ބައްދަލުކުރި ކަމަށެވެ. އޭގެފަހުން، މިނިސްޓްރީން ގޭންގުތަކާ ބެހޭ މައުލޫމާތު އެއްކުރަން ފެށި ކަމަށާއި އެކަމާ ގުޅޭ ތަފާސްހިސާބުތައް ފުލުހުން އޭރު ހިއްސާކުރި ކަމަށް ޝަހީދު ވިދާޅުވިއެވެ.

އެ ހިސާބުތަކަށް ބަަލާއިރު، ރާއްޖޭގައި ޖުމުލަ 83 ގޭންގު އުފެދިފައިވާ ކަމަށާއި އެ ގުރޫޕުތަކުގައި 97 ކުޑަކުދިން ޝާމިލުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންތަކެއް: މާލޭގައި އެކަނި 45 ގޭންގު އޮވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ގުރޫޕުތަކުގައި އެކްޓިވްކޮށް 3،500 އަށް ވުރެ ގިނަ މެންބަރުން ހަރަކާތްތެރިވާއިރު، މާލޭގައި އެކަނި 45 ގޭންގު އޮންނަ ކަމަށް ޝަހީދު ވަނީ ވިދާޅުވެފައެވެ.

އެގޮތުން، މާލޭގައި އުފެދިފައިވާ ގޭންގުތަކުގައި 85 ކުޑަކުދިންނާއި 2،500އަށް ވުރެ ގިނަ މެންބަރުން ހިމެނެއެވެ. އަދި، 31 ގޭންގެއް އަތޮޅުތެރޭގައި އޮންނައިރު، 10 ކުޑަކުދިންނާއި ހާހަކަށްވުރެ ގިނަ މެންބަރުން އެ ގުރޫޕުތަކުގައި ހަރާކާތްތެރިވެއެވެ.

އެހެންވީމައި، މިއީ ވަރަށް ބޮޑު އާބާދީއެއް. 3،500 އޭ މިހެން ދެންނެވި ކަމުގައިވިޔަސް މީގެ ތިން ގުނަ ނުވަތަ ހަތަރު ގުނަ ވެސް ބޮޑުވެދާނެ. އެއީ ރާއްޖެފަދަ ކުޑަ އާބާދީއެއްގެ ނިސްބަތުން ވިސްނާލާނަމަ، ބޮޑު މައްސަލައެއް މިދިމާވަނީހޯމް މިނިސްޓްރީގެ ނައިބު މުޙައްމަދު ޝަހީދު

މި މައްސަލައާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އޭނާ ވިދާޅުވީ ކުޑަ އާބާދީއެއް އޮންނަ ރާއްޖޭގައި 3،500 އެއްހާ މީހުން ކުށުގެ ވެށީގައި އުޅުމަކީ ވަރަށް ނުރައްކާތެރި އިންޒާރެއް ކަމަށާއި އެއީ ގައުމެއް ހަލާކުވެދާނެ ކަމުގެ ސިގުނަލެއް ކަމަށެވެ.

ޒަމާނާ އެއްގޮތަށް ތަރައްގީވަމުން އައިސް، މިހާރު ގޭންގުތަކުން ހިންގަނީ މާރާމާރީ އެކަނި ނޫން ކަމަށާއި އެއަށް ވުރެ ފުޅާކޮށް ކުށް ކުރާ ކަމަށް ޝަހީދު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ، ބައިނަލްއަގުވާމީ ޑުރަގު ނެޓުވޯކުތަކާ ގުޅިގެން ދިވެހިރާއްޖެއަށް ފުޅާދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކުރުމުގެ މަސައްކަތް ކުރުމާއި އެ ތަކެތި ގެނެސް ވިއްކުމަށްޓަކައި ކުޑަކުދީން ޝާމިލުކުރުމެވެ.

"ގާނޫނުގައި އެބަ އޮވޭ ޖިނާއީ މަސްއޫލިއްޔަތު އުފުލާނެ އުމުރުތަކެއް އޮތީމައި އޭގެ ނާޖާއިޒު ފައިދާ ނެގުމަށްޓަކައި، އެކަހަލަ ފަރާތްތަކުން ސުކޫލަށްދާ އުމުރުގެ ކުދީންނަށް މަސްތުވާތަކެތި ވިޔަފާރިކުރުމަށް ބާރުއަޅައި، ކުށުގެ ވެއްޓަށް ނެރެން ފަށަނީ،" އޭނާ އިތުރަށް ތަފުސީލުކޮށްދެއްވިއެވެ.

ސްޕެޝަލް އޮޕަރޭޝަން ( އެސްއޯ) ފުލުހުން: ރާއްޖޭގައި 3،500 އެއްހާ މީހުން ގޭންގުތަކުގައި ހަރަކާތްތެރިވާ ކަމަށް ހޯމް މިނިސްޓްރީން ބުނޭ -- ސަން ފޮޓޯ/ ހުސެން ހަސަން

ގޭންގު މައްސަލަތައް ހައްލުކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރަން ފަށަން ޖެހޭ ކަމަށާއި ގޭންގުތައް ހިންގާ ފަރާތްތަކުން ވެސް ޖީލުތައް އިސްލާހުކުރުމަށް އެކަން ކުރުން ހުއްޓާލަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ވަނީ، ގޭންގު މައްސަލަތައް ހައްލުކުރުމަށް ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން، ސަރުކާރުގެ ފަރާތުން ވަނީ ގޭންގު ކުށްތަށް ހުއްޓުވުމަށް ހަރުކަށި އަދަބު ލިބޭހެން ބިލެއް ފަރުމާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ސާޅީސް ދެ މެންބަރުންގެ އިއްތިފާގުން މިދިޔަ ފެބްރުއަރީ 12ގައި ވަނީ އެބިލު ބަލައިގަނެ، ކޮމިޓީއަށް ފޮނުވާފައެވެ.

https://sun.mv/202500

ބިލު ހުށަހެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ ނުރައްކާތެރި އަދި ބޮޑެތި ކުށްތަކުން ރައްޔިތުންނާއި މުޖުތަމައު ރައްކާތެރިކުރުމެވެ. އަދި ކަމާގުޅޭ ތަފުސީލީ ގާނޫނީ އޮނިގަނޑެއް އެކުލަވާލައި، ހަރުދަނާ ގޮތެއްގައި އަދަބު ތަންފީޒުކުރުމެވެ.

ގޭންގު ކުށްތަކުގެ ބިލު މަޖިލީހަށް ހުށަހަޅުއްވައި، ގޭންގު ކުށްތައް ހުއްޓުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް