ސަރުކާރުން ދެއްވާ ލޯނު އެހީގެ ދަށުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކުރުމާ ގުޅޭގޮތުން ނިއުޒީލަންޑްގެ ޔުނިވާސިޓީ އޮފް ވައިކަޓޯގެ އިސްވެރިންނާއެކު، ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. ޝެހެނާޒް އާދަމް މަޝްވަރާކުރައްވައިފިއެވެ.
އެމްއެންޔޫއިން ވަނީ މި ބައްދަލުވުމަކީ އަމިއްލަ ދަތުރުފުޅެއްގެ ތެރެއިން ކުރެވުނު ބައްދަލުވުމެއްކަން ފާހަގަކޮށްފައެވެ. އެގޮތުން މި ދަތުރުފުޅަކީ، ޑރ. ޝެހެނާޒަކީ ޔުނިވާސިޓީ އޮފް ވައިކަޓޯގެ އެލުމްނައިއެއް ކަމަށްވުމާއެކު، އެ ޔުނިވާސިޓީން ދެއްވި ޚާއްޞަ ދަޢުވަތަކަށް އެ ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވުމަށް ކުރެއްވި ދަތުރެކެވެ.
މި ދަތުރުގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި ދެ ޔުނިވާސިޓީ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.
އެގޮތުން ހެޔޮ އަގެއްގައި ޔުނިވާސިޓީގެ މުވައްޒަފުންނާއި އެހެނިހެން ދިވެހިންނަށް ސަރުކާރުން ދެއްވާ ލޯނު އެހީގެ ދަށުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކުރުމާއި، ޤައުމަށް ބޭނުންވާ ޚާއްޞަ ދާއިރާތަކަށް މީހުން ބިނާކުރުމަށް ކަރިކިއުލަމް ތައްޔާރުކުރުން ހިމެނޭކަން އެމްއެންޔޫއިން ވަނީ ފާހަގަކޮށްފައެވެ.
އަދި ދަރިވަރުންނާއި މުވައްޒަފުންގެ އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާއި ގުޅިގެން ދިރާސާތައް ކުރުން ހިމެނޭ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
އަދި މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، ދެ ޔުނިވާސިޓީ ދެމެދު އަވަސް މުއްދަތެއްގެ ތެރޭގައި އެމްއޯޔޫ އެއްގައި ސޮއިކުރުމަށްފަހު ރޭވިފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައި ވާކަން އެމްއެންޔޫއިން ވަނީ ފާހަގަކޮށްފައެވެ.
އޭގެ އިތުރުން ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޕީއެޗްޑީ ޕްރޮގްރާމްތަކަށް ޔުނިވާސިޓީ އޮފް ވައިކަޓޯއިން ސުޕަވައިޒަރުން ފޯރުކޮށްދިނުމަށް ވެސް މި ދަތުރުގައި މަޝްވަރާކޮށްފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.
އެމްއެންޔޫއިން ބުނީ މި ބައްދަލުވުމަކީ ދެ ޔުނިވާސިޓީގެ ގުޅުން އިތުރަށް ހަރުދަނާކޮށް ތަޢުލީމީ ދާއިރާގައި އިތުރު ކުރިއެރުންތަކެއް ހޯދުމަށް މަގުފަހިވެގެންދިޔަ މުހިންމު ބައްދަލުވުމެއް ކަމަށެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން ދިވެހި ދަރިވަރުންނާއި ޔުނިވާސިޓީގެ މުވައްޒަފުންނަށް އައު ފުރުޞަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އެމްއެންޔޫއިން ބުނެއެވެ.