ވޭތުވެ ދިޔަ ދެ އަހަރުވެސް ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވި ދިރާގުން މި އަހަރު ވެސް އެ އެސޯސިއޭޝަންގެ ޑިވެލޮޕްމަންޓް ޕާޓުނަރެއްގެ ގޮތުގައި މިއަދު ސޮއިކޮށްފިއެވެ.
ދިރާގުން ބުނީ އެ ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ތަފާތު މުބާރާތްތައް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދީ، ދިވެހިރާއްޖޭގައި ސްކޭޓިން ކުރިއެރުވުމަށް ދިރާގާއި ސްކޭޓް މޯލްޑިވްސް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ސްކޭޓް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސްކޭޓިންއާ ބެހޭ ގައުމީ އެސޯސިއޭޝަނެވެ. ދެހާސް ތޭވީސް ވަނަ އަހަރު އެ އެސޯސިއޭޝަނުން ވަނީ ވޯލްޑް ސްކޭޓްގެ ޕްރޮވިޝަނަލް އެފިލިއޭޓް މެމްބަރުކަން ހާސިލުކުރުމަށްފަހު، އެއް އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި ވޯލްޑް ސްކޭޓްގެ މެމްބަރުކަން ހާސިލުކޮށްފައެވެ.
ރާއްޖޭގައި ހިންގާ ސްކޭޓިންއާ ގުޅުންހުރި ހުރިހާ ހަރަކާތެއް ހިންގަމުންދަނީ ސްކޭޓް މޯލްޑިވްސްގެ ބެލުމުގެ ދަށުންކަން ދިރާގުން ފާހަގަކުރެއެވެ.
ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، ދިރާގާއި ސްކޭޓް މޯލްޑިވްސްއާ ދެމެދު އޮތް ޕާޓްނާޝިޕް ދަމަހައްޓައި، ކުރިއަށް އޮތް ޖީލުތަކުގެ ސްކޭޓަރުން އުފެއްދުމުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.
ޒުވާނުން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށްދިއުމުގެ މަގުތައް ހުޅުވައިދީ، ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއްކަމަށާއި، އެ ކުންފުނީގެ އުންމީދަކީ ރާއްޖޭގެ އިތުރުން، ބައިނަލްއަގުވާމީ މައިދާންތަކުން ވެސް ދިވެހި ސްކޭޓަރުންގެ ހުނަރުތައް ފެނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ސްކޭޓް މޯލްޑިވްސްގެ ރައީސް، މުހައްމަދު ހާނިމް ވަނީ، ރާއްޖޭގައި ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް، ޚާއްސަކޮށް ސްކޭޓިން ކުރިއެރުވުމަށް ދިރާގުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
"އަދި އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް މި ކުޅިވަރު ތަރައްގީ ކުރުމަށް ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުން ދިރާގުން ދީފައިވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރަން. އަޅުގަނޑުމެންގެ އުންމީދަކީ ދިރާގާއެކު މި އޮތް ޕާޓްނާޝިޕް އިތުރަށް ވަރުގަދަކޮށް އިތުރު ކާމިޔާބީތައް ހާސިލުކުރުން،" އޭނާ ބުންޏެވެ.
ދިރާގުން ބުނީ، އެ ކުންފުންޏަކީ ރާއްޖޭގައި ސްކޭޓިން ފަދަ ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެއް ކަމަށެވެ.