ޕެންޝަނަށް 2.96 ބިލިއަން، މަޖިލީހުން ޑަބަލް ޕެންޝަން މައްސަލަ ހައްލުކުރަން ފަށަނީ

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް: ފާއިތުވި 13 އަހަރުތެރޭ ޕެންޝަނަށް 2.96 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ/ މަޖިލީސް

ފާއިތުވި 13 އަހަރުތެރޭ ޕެންޝަނަށް 2.96 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، ޑަބަލް ޕެންޝަންގެ މައްސަލަ ހައްލުކުރަން ރައްޔިތުންގެ މަޖިލީހުން އިސްނަގައިގެން މަސައްކަތް ފަށަން ވެއްޖެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ޚަރަދު ކުޑަ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހޯދައި، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ޕެންޝަނާ ގުޅޭ ގޮތުން ޕެންޝަން އޮފީހުން ހުރިހާ މައުލޫމާތެއް ހިއްސާކޮށްފައިވާ ކަމަށެވެ.

ޕެންޝަން ދިނުމުގައި އެންމެ ބޮޑުވެފައިވަނީ 'ޑަބަލް ޕެންޝަން' ދޭ މައްސަލަ އުފެދިގެން އައި ގޮތް ވެސް އެ ކަރުދާހުން އެނގެން އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ޕެންޝަނާ ބެހޭ ގާނޫނަށް 2009 ވަނަ އަހަރު އަމަލުކުރަން ފެށި ނަމަވެސް، އޭގެ ދެ އަހަރު ކުރިން 2007 ވަނަ އަހަރު ސިވިލް ސާވިސް ގާނޫނުގެ ދަށުން ޕެންޝަން ދޭން ވަގުތީ އުސޫލެއް ހެދި ކަމަށެވެ.

"އެހެންވީމަ ސިވިލް ސާވިސް ގާނޫނުގައި ބަޔާންކޮށްފައި މި އޮތީ، 57 ވަނަ މާއްދާގެ (ރ)ގައި ބުނެފައި މުސްކުޅިކުރުމުގެ އިނާޔަތް ގާނޫނަކުން ކަނޑައަޅައި އެ ގާނޫނުގައިވާ ގޮތުގެ މަތިން އިނާޔަތް ދޭން ފެށުމާ ހަމައަށް ހިނގާ މުއްދަތުގައި އެ އިނާޔަތަކީ ފިނޭންސް މިނިސްޓްރީގެ ލަފަޔާއެކު ކޮމިޝަނުން ކަނޑައަޅާ އިނާޔަތެއް ކަމަށް،" ނާޒިމް ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން: ކޮމިޓީން އިސް ނަގައިގެން، ގާނޫނަށް ބަދަލު ގެނެސްގެން ޑަބަލް ޕެންޝަން މައްސަލަ ހައްލުކުރަން ނާޒިމް ހުށަހެޅުއްވި -- ފޮޓޯ/ މަޖިލިސް

އެ ގާނޫނުގެ ދަށުން ޕެންޝަން ފައިސާ ދެމުން އައި ނަމަވެސް، 2007 ވަނަ އަހަރު ތައާރަފުކުރި ސިވިލް ސާވިސް ގާނޫނުގައި ބުނެފައިވާ ރިޓަޔާމެންޓް އިނާޔަތް ދިނުމާ ބެހޭ ޚާއްސަ ގާނޫނަކީ ޕެންޝަނާ ބެހޭ ގާނޫނު ކަމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ބަލައިގަތުމަށް ދެކޮޅު ހެދި ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ޕެންޝަން އޮފީހުން މި ބުނަނީ، 2007 ވަނަ އަހަރު ތައާރަފުކުރި ސިވިލް ސާވިސް ގާނޫނުގައި ބުނެފައިވާ ރިޓަޔާމެންޓް އިނާޔަތް ދިނުމާ ބެހޭ ޚާއްސަ ގާނޫނަކީ، 13 މެއި 2009ގައި އަމަލުކުރަން ފެށި ޕެންޝަނާ ބެހޭ ގާނޫނު ކަމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ބަލައިގަތުމަށް އިންކާރުކޮށްފައިވެޔޭ،" ނާޒިމް ވިދާޅުވިއެވެ.

"ސިވިލް ސާވިސް ގާނޫނުގެ ދަށުން ވަގުތީ ގޮތުން ތައާރަފުކޮށްފައިވާ އުސޫލު މިހާތަނަށް ކުރިއަށްގެންދިޔުމުގެ ނަތީޖާއަކީ ޑަބަލް ޕެންޝަނަށް ފުރުސަތު ހުޅުވި، ދައުލަތުން ޕެންޝަނަށް ކުރަން ޖެހޭ ޚަރަދުތައް ބޮޑުވުން،"

އެހެންވެ، އޭނާއަށް ފެންނަނީ ކޮމިޓީން އިސް ނަގައިގެން މަސައްކަތްކޮށް، ގާނޫނުގައި ފުށޫ އަރާ ކަންތައްތައް ހައްލުކޮށް، ޕެންޝަން އޮފީހާއި ސިވިލް ސާވިސް ކޮމިޝަނާ ވާހަކަދައްކައިގެން، ސިވިލް ސާވެންޓުންނަށް މިހާރު ލިބޭ ޕެންޝަނަށް އުނިކަމެއް ނާންނަ ގޮތަށް ޑަބަލް ޕެންޝަން އުވާލުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެ މައްސަލަ ހައްލުކުރުން އަވަސްކުރަން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ގައުމުގެ އާމްދަނީއަށް ބަލާއިރު، މިހާރު ދޭ ގޮތަށް ޕެންޝަން ދެމުން ދިޔުމަކީ ދެމެހެއްޓެނިވި ކަމެއް ނޫންކަން ޕެންޝަން އޮފީހުން ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ކަމަށެވެ.

"ޕެންޝަން އޮފީހުން 2011 ވަނަ އަހަރު ޕެންޝަން ދޭން ފެށި ފަހުން މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 17 އިދާރާއަކުން 2.96 ބިލިއަން ރުފިޔާ ޕެންޝަންގެ ޕޭމެންޓުގެ ގޮތުގައި ޚަރަދުކޮށްފައި އޮތް ކަމަށް. ރާއްޖޭގައި ވެސް އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް މިދަނީ އިތުރުވަމުން، މީހުން ދުނިޔޭގައި ތިބޭ އުމުރު މިދަނީ ދިގުވަމުން،" ނާޒިމް ވިދާޅުވިއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ: ދަރަނި ބޮޑުވެފައިވާއިރު، ޑަބަލް ޕެންޝަން މައްސަލަ ހައްލުކުރުމަކީ ބޭރުގެ އިދާރާތަކުން ލަފާދީފައިވާ ގޮތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންވުމުން، ޕެންޝަން ނިޒާމުތައް އިސްލާހުކޮށް، ދުރާލާ ޕެންޝަނަށް ފައިސާ ރައްކާކޮށް، އެ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި ދެވޭނެ ގޮތް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ ބަދަލެއް ނުގެނެސްފި ނަމަ، ދައުލަތުން ލިބޭ އާމްދަނީންނާއި ޕެންޝަނަށް ލިބޭ ފައިސާއިން ދެން ޕެންޝަން ދެމުން ނުދެވޭނެ ދުވަހެއް އަންނާނެ ކަމަށް ޕެންޝަން އޮފީހުން ބުނެފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ޕީއެންސީގެ ގިނަ މެންބަރުން ހިމެނޭ މާލިއްޔަތު ކޮމިޓީގައި އެހެން މެންބަރުން ވެސް ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ޕެންޝަން ދެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށް ކޮމިޓީ ނިންމާލަމުން ވަނީ ފާހަގަކޮށްފައެވެ.

https://sun.mv/199711

ސިވިލް ސާވިސް ގާނޫނުގައި އޮތް ގޮތުގެ މަތިންނާއި، ވަކިވަކި އިދާރާތަކުން ޕެންޝަން ދިނުމުގެ ގަވައިދުތަކެއް ހަަދައިގެން ޕެންޝަން ދެމުން ދިޔުމުން ޕެންޝަންގެ ބުރަ ބޮޑުވުމަކީ މާލީ އިދާރާތަކުން ފާހަގަކުރަމުން އަންނަތާ، ގިނަ ދުވަސްވީ މައްސަލައެކެވެ. އެގޮތުން 2015ވަނަ އަހަރު އޮޑިޓަރު ޖެނެރަލް ނެރުއްވި ރިޕޯޓެއްގައި ވެސް ވަނީ އެގޮތަށް ޕެންޝަން ދެމުން ދިޔުން ރަނގަޅު ނޫން ކަމަށް ބުނެފައެވެ.

މީގެ އިތުރުން، ދައުލަތުގެ ދަރަނި ބޮޑުވެފައިވާއިރު، އިގުތިސާދު ހަމައަކަށް އެޅުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑަބަލް ޕެންޝަން އުވާލުމަކީ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެމް)އިން ވެސް ލަފާދީފައިވާ ގޮތެވެ.

https://sun.mv/199767

މި ސަރުކާރުން މިދިޔަ ޑިސެމްބަރު މަހު ވަނީ، މި އަހަރުން ފަށައިގެން ޑަބަލް ޕެންޝަން އުވާލަން އިއުލާނުކޮށްފައެވެ. ނަމަވެސް އެ ނިންމުން ފަހުން ވަނީ ބާތިލުކޮށްފައެވެ.

comment ކޮމެންޓް